ދެހާސް ބާރަވަނަ އޮތް އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށް ފާޅުގައި ބަޣާވާތް ކުރި ބައެއް ސިފައިންނާއި ފުލުހުން ވަޒީފާތަކުގައި ދެމިތިބޭ ނަމަ އެކަމާއި ދެކޮޅަށް އެއްޗެއް ބުނެގެން ވަޒީފާއިން ވަކިކުރި ސިފައިންނާއި ފުލުހުންގެ ވަޒީފާތައް އަލުން އިޔާދަ ކުރަންޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މިނިމަމް ވޭޖްގެ ބިލަށް ބަހުޘް ކުރައްވަމުން އިންތި ވިދާޅުވީ ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލުމަށް، ފާޅުގައި ބަޣާވާތްކުރި ފުލުހުންނާއި ސިފައިންގެ އެ އަމަލަކީ ޖަޒުބާތުގައި ޖެހިގެން ކުރި ކަމަކަށް ބަލާ އަދަބު ދީފައިނުވާ ކަމަށެވެ.
އިންތި ވިދާޅުވީ އެ ކަމަކީ ޤާނޫނާއި ޚިލާފުކަމެއް ކަމަށް ޤަބޫލުކޮށް އެކަމާއި ޚިޔާލު ތަފާތުވި ސިފައިންނާއި ފުލުހުން ވަޒީފާ އިން ވަކިކުރުމަކީ އިންސާފެއް ނޫން ކަމަށާއި ބަޣާވާތުގައި ބައިވެރިވި ބަޔަކު ވަޒީފާގައި ބައިތިއްބަންޏާއި ޚިޔާލުތަފާތުވެ އެވާހަކަ ދައްކައިގެން ވަކިކުރި ފުލުހުންނާއި ސިފައިންގެ ވަޒީފާވެސް އިޔާދަ ކުރެވެންޖެހޭނެ ކަމަށެވެ.
އެދުވަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ވަޒީފާއިން ވަކިކުރި މީހުންގެ ކަންކަން ބަލާ ދިރާސާކޮށް އެކަންތައްތައް ރިއުވިއު ކުރުމަށް ބަންޑާރަ ނައިބަށްވެސް ދަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.
”ބަޣާވާތް ކުރިތަން ފާޅުގައި ފެންނަންހުރި ފަރާތްތައް، ބައެއް އެމްއެންޑީއެފްގެ ފަރާތްތަކާއި ބައެއް ފުލުހުންގެ ފަރާތްތައް، އެކުރިކަމަކީ ޖަޒުބާތުގައި ޖެހިގެން ކުރި ކަމަކަށް ހަދާފައި ވަޒީފާގައި ބައިތިއްބާފައި އެބަތިބި، އެކަމަކު އެ ބަޣާވަތަކީ ހަޑި މުޑުދާރު ކަމެއް ކަމަށް ޤަބޫލު ކުރެވިގެން އިހުތިޖާޖް ކުރި ފަރާތްތައް ވަކިކުރީ“ އިންތި
މީގެ އިތުރުން އިންތި ވިދާޅުވީ އެމްޑީޕީން ކޮންމެ ފަހަރަކުވެސް ވެރިކަމަށް އަންނަނީ ހަރުދަނާ އުސޫލުތަކަކާއި ތަސައްވަރެއް އެކުލަވާލައިގެން ކަމަށެވެ.
އިންތި ވިދާޅުވީ މީގެން ކުރިން 2008 ވަނަ އަހަރުވެސް އެމްޑީޕީން ވެރިކަމަށް އައީ ހަރުދަނާ ބިންގަލެއް މިރާއްޖޭގައި ޤާއިމް ކުރުމަށް ކަމަށާއި އެގޮތުން ވަޒީފާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އައިއެލްއޯ ފަދަ ޖަމިއްޔާތަކާއިވެސް ބައިވެރިފައިވާ ކަމަށެވެ.
ޤައުމެއް ދެމި އޮތުމަށްޓަކައި ވަޒީފާ އަދާކުރާ ފަރާތްތަތަކީ ކިހާ މުހިތްމު ބައެއްކަން އެމްޑީޕީން އަބަދުވެސް ދަންނަ ކަމަށް އިންތި ވިދާޅުވިއެވެ.

