އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ”ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026“ މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީއެވެ.
މިއީ ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ދާއިރާއާ ގުޅުންހުރި މުހިންމު ކަންކަމުގައި މަޝްވަރާކޮށް، ބޭނުންވާ މަޢުލޫމާތުތައް ހިއްސާކުރުމަށްޓަކައި އެ ވުޒާރާއިން ބާއްވާ މިފަދަ 3 ވަނަ ކޮންފަރެންސެވެ. މި އަހަރުގެ ކޮންފަރެންސްގެ ތެރެއިން މުހިންމު މަޢުޟޫޢުތަކަށް ޕެނަލް ޑިސްކަޝަންތައް ބޭއްވުމުގެ އިތުރުން، މި ދާއިރާއާ ގުޅޭ އެކި ކުންފުނިތަކުގެ ޕްރެޒެންޓޭޝަންތައް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސާ އެކު، ޢުމްރާ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ދިނުމަށް ޚާއްޞަ އެގްޒިބިޝަނެއްވެސް ކުރިއަށްދާނެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި އެގްޒިބިޝަން އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް (ބުރާސްފަތި، ހުކުރު އަދި ހޮނިހިރު)، ކޮންމެ ދުވަހަކުވެސް ހަވީރު 15:45 އިން މަޣްރިބް ނަމާދާ ހަމައަށެވެ.

