ރާއްޖެއަށް އަންނަ ކޮންމެ އިންވެސްޓްމަންޓަކަށް އެމްޑީޕީން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށާއި، ނަމަވެސް އެފަދަ ކަންކަން ކުރިއަށް ގެންދަންވާނީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އިމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަނީ ފޮރިން އިންވެސްޓްމަންޓްތަކާ ދެކޮޅުވެގެން ނޫންކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، ކަންބޮޑުވަނީ ރައްޔިތުންގެ ފައިސާއިން ހިއްކަމުންދާ ބިމަކުން ބައެއް ބޭރު ފަރާތްތަކަށް 99 އަހަރަށް ބިން ދޫކޮށް، އަދި އެ މުއްދަތު އިތުރު 99 އަހަރަށް އައުކުރެވޭ ގޮތަށް އޮތުމުން ކަމަށެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ރިސޯޓުތައް ވެސް 99 އަހަރަށް ދޫކުރާ ކަމަށް ބުނެ ސަރުކާރުން މިކަން އާދައިގެ ކަމެއްގެ ގޮތުގައި ދައްކަން އުޅުނަސް، އެ ދެ ކަމުގެ ތަފާތު ވަރަށް ބޮޑެވެ. ރިސޯޓުތަކުން ދައުލަތަށް ކުއްޔާއި ޓެކުހުގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބޭއިރު، ރިއަލް އެސްޓޭޓް ބިލުގެ ދަށުން ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޫކުރަނީ އެ އުސޫލުން ނޫން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ ބިމެއްގައި އެހެން ބަޔަކު ތާއަބަދަށް ވަޒަންވެރިކުރުވުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
”ކޮންމެހެން މިއުޅެނީ ފޮރިން އިންވެސްޓްމެންޓެއް ރާއްޖެ ގެނެސްގެން އެކަމާއި ދެކޮޅުވެގެނެއްނޫން. ރާއްޖޭގައި ކޮންމެ އިންވެސްޓްމަންޓަކަށްވެސް އަޅުގަނޑުމެން މަރުހަބާ ކިޔަން. އެހެން ނަމަވެސް ރާއްޖޭގައި ހެދިފައި އޮތް ޤާނޫނުތަކާއި ޤާނޫނު އަސާސީ އާ އެއްގޮތަށޭ އެކަން ގެންދަން ޖެހޭނީ،“ ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުން ރެފަރަންޑަމް ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޤާނޫނެއް ފާސްކޮށްފައިވާއިރު، ޤައުމުގެ މުސްތަޤުބަލާ ގުޅޭ މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ރައްޔިތުންގެ އަޑު އެހުން މުހިންމެވެ. މިހާރު މަޖިލިސް އެކުލެވިގެންވާ ގޮތުން މަޖިލީހުގެ ނިންމުމަކީ ސީދާ ރައްޔިތުންގެ ވިސްނުން ކަމުގައި ބެލެވެން ނެތް ކަމަށް ވިދާޅުވެ، މި މައްސަލައިގައި ރައްޔިތުންގެ ސީދާ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ބިލުގައި ރަސްމާލެއަށް ޚާއްޞަ ބާބެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި އޮޅުވާލުމުގެ ބޮޑެތި ކަންތައްތަކެއް އެކުލެވޭ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
”މިއީ އެއްމަސް ދުވަސް ދެމަސް ދުވަހުގެ ކަމެއްގެ ވާހަކައެއް ނޫން މިދައްކަނީ. މިއީ ތާއަބަދަށް ދިވެހިރާއްޖޭގެ އެއްބައިގައި ބަޔަކު ވަޒަންވެރިވެގެން އުޅޭ ވާހަކަ. އެހެންވީމަ މިވަރު ބޮޑު ކަމެއް ގައުމުގައި ހިނގާއިރު ގައުމުގެ މުސްތަގުބަލަށްޓަކައި ރައްޔިތުން ކައިރީ އަހާލީމަ އަޅުގަނޑުމެންނަކަށްވެސް ނޯންނާނެ ދެކޮޅު ހެދޭކަށް. މިއީ ޑިމޮކްރެޓިކް ގައުމެއްގައި ކުރަންޖެހޭ ކަމެއް،“ ޒިޔާދު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަޝްރޫޢަކީ އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ކޮށްފައިނުވާ ވަރުގެ ބޮޑު ކަމެއް ކަމަށް ޒިޔާދު ތަކުރާރުކުރެއްވިއެވެ. އަދި ބަޖެޓު ފާސްކުރާއިރުވެސް އަދި މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާއިރުވެސް ރައްޔިތުންގެ ބަސް ހޯދަންޖެހޭނެ ކަމަށާއި، ރައްޔިތުންގެ ޚިޔާލު ނުހޯދައި މިފަދަ ނިންމުންތައް ނިންމައިފިނަމަ މުސްތަޤުބަލުގައި އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ޤައުމު ކުރިމަތިލާންޖެހިދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

