ސަރުކާރުން ދުބާއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢާ އެމްޑީޕީން ދެކޮޅު ހަދަނީ ދިވެހި ބިމުގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް ދިގު މުއްދަތަކަށް ބޭރު ފަރާތްތަކަށް ދިނުމަކީ ޤައުމުގެ މިނިވަންކަމަށާއި މުސްތަޤުބަލުގެ ޖީލުތަކުގެ ޙައްޤުތަކަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ޕާޓީން ދެކޭތީ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒާޔާ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”އަހާބަލަ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަކީ އެމްޑީޕީން އަބަދުވެސް މަރުޙަބާ ކިޔައި ތާއީދުކުރާ ކަމެއް ކަމަށެވެ. ނަމަވެސް، މިހާރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން އެ ޕާޓީގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒާޔާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ހުށަހަޅާފައިވާ ބިލުގައި ވަކި ޤައުމެއްގެ ރައްޔިތުންނަށް ގަނެވޭނީ 25 އިންސައްތަ ކަމަށް ކަނޑައަޅައި، މަސްތުވާތަކެތި ނުވިއްކޭ ގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހި ބިމުގެ ކޮންޓްރޯލް ބޭރުގެ ފަރާތްތަކަށް އެހާ ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް، އަދި އަންނަން އޮތް ޖީލުތަކަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުން މިފަދަ ބޮޑެތި ނިންމުންތައް ނިންމަމުންދަނީ ރައްޔިތުންގެ އެއްވެސް ޚިޔާލެއް އަދި މަޝްވަރާއެއް ހޯދުމެއް ނެތި، ދެފުށް ނުފެންނަ ގޮތަށް ކަމަށް ޒާޔާ ތުހުމަތުކުރެއްވިއެވެ. މިގޮތަށް ވެވޭ އެއްބަސްވުންތަކުގެ ސަބަބުން ޤައުމަށް ބޮޑެތި މާލީ އަދި ޤާނޫނީ ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
”މިއަދުގެ ސަރުކާރު މި ކަންތައް ކުރައްވާ ގޮތަށް ރައްޔިތުންގެ ޚިޔާލެއް މަޝްވަރާއެއް މި ކަމުގަ ހޯދުމަކާ ނުލާ ދެފުށް ނުފެންނަ ގޮތަށް މި ގެންނަ އިންވެސްޓްމެންޓްތަކުގެ ސަބަބުން، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ޤައުމަށް ހީނުކުރާ ފަދަ ނުރައްކަލަކާ ކުރިމަތިވެދާނެ،“ ޒާޔާ ވިދާޅުވިއެވެ.
ޒާޔާ އިތުރަށް ވިދާޅުވީ ކުރިމަގުގައި ސަރުކާރެއް ބަދަލުވެގެންދާ ހިނދެއްގައި، މިފަދަ އެއްބަސްވުންތައް ބާޠިލުކުރަން ޖެހިއްޖެނަމަ ބަދަލުގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދައްކަން ޖެހުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން ދިވެހި ބިމުން އިންޗިއެއްވެސް ބޭރު ބަޔަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ އަޑު އަހަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޑު ނާހައި ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދާނަމަ، އެހެނިހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން އިޙްތިޖާޖުތައް ފުޅާކޮށް، ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.

