ރަސްމާލޭގޭ މަޝްރޫއު ކުރިއަށް ގެންދާއިރު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އެދިވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގެ ތަޖުރިބާއާއިއެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ ”އަހާބަލަ“ ހަރަކާތުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މުލީ މިސްރާބު ބަދަލުވާ ކަންކަން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށާއި ހަމައެކަނި ރާއްޖޭގެ ވެރިންނަށް ފެންނަގޮތަކަށް އެކަން ނުކުރެއްވޭނެ ކަމަށެވެ. މީގެކުރިން ޖީއެމްއާރުގެ މައްސަލައިގައި ރައްޔިތުންގެ ގާތުން ނޭހީ ކީއްވެތޯ މިއަދު ސަރުކާރުގެ ބޭފުޅުންވެސް އައްސަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭރު އެކަން ކުރެވުނީ ގޯހުން ކަމަށާއި އެހެންނަމަވެސް މިއަދު ވޯޓު ނެގުމަށް ގޮވާލައްވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށެވެ. ރައްޔިތުން ގާތުން ނާހާ ކުރާ ކަމަކުން ކާމިޔާބު ނުވާނެ ކަމަށާއި ކޮންމެ ކަމެއްގެ ފަހަތަށް ރާއްޖޭގެ މުޅި ރައްޔިތުން އަންނަން ޖެހޭ ކަމަށާއި އެ ރައްޔިތުންނަށް ކަންކަން އެންގެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެ ތަޖުރިބާގައޭ އަޅުގަނޑު މިހުރީ މިތަނަށް އައިސް. އަޅުގަނޑުމެންނަށް އެނގެއޭ ރައްޔިތުން ގާތުގައި ނާހައި ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ“
މީގެއިތުރުން ގައުމުތަކުން ދަރަނީގެ ތުންފަތްމައްޗަށް އައުމުން ފައިސާ ހޯދަން ނުއަގުގައި ކަންކަން ކުރަމުންދާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މުއިއްޒު ކުރައްވާ ކަންތައްތައް ކުރައްވަން ދޫކޮށްނުލެވޭނެ ކަމަށެވެ.

