މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް އިދިކޮޅު ކޯލިޝަންގެ މެންބަރުން ބޮއިކޮޓް ކުރަން ނިންމައިފި އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަށް ވޯޓަށް އެހުމަށް ބެއްވި ޖަލްސާ ހޫނުވެގެން ދިޔައީ، ގާނޫނު އަސާސީ އިސްލާހު ކުރުމުގައި އިދިކޮޅުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑައަމެއްލެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުނެވެ. އަދި އީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވަނީ ނިޒާމީ ނިކުތާއެއް ނެންގެވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މަޖިލީހުގެ އެ ޖަލްސާއަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރިޔަށް ގެންދާ ޖަލްސާއެއްކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ޝިޔާމްގެ ނަން އިއްވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ޝިޔާމް ގަދަކަމުން ހިފަހައްޓާ މަޖިލީހުން ނެރެފައެވެ. އަދި އޭގެ ތެރޭގައި ޝިޔާމްއަށް އަނިޔާވުމާއި ގުޅިގެން އިދިކޮޅުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
އިދިކޮޅުން ވަނީ މިއަދުގެ ޖަލްސާ ވެސް ބޮއިކޮޓްކޮށްފައެވެ. އަދި މާދަމާގެ ޖަލްސާވެސް ބޮއިކޮޓް ކުރުމަށް ނިންމާ އިދިކޮޅުން ނެރެފައިވާ ޖޮއިންޓް ޕްރެސްއެއްގައި ބުނެފައިވަނީ ޖަލްސާ ބޮއިކޮޓް ކުރަން ނިންމި ސަބަބަކީ މަޖިލީހުގެ ހޯމަ ދުވަހުގެ ރޭގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމަށް އަނިޔާ ކުރުމުން ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޖްލްސާއަށް ހާޒިރުވުމާއި މެދު ގޮތެއް ނިންމާނީ ޕީޖީއިން ކަމަށާއި އެކަން އާއްމު ކުރަމުން ގެންދާނެކަމަށް ޕީޕީއެމް، ޕީއެންސީ ބަޔާނުގައި ވަނީ ބުނެފައެވެ.
މައްސަލައާއި ގުޅިގެން ބަޔާނެއް ނެރުއްވާ ޝިޔާމް ވިދާޅުވެފައިވަނީ، ޖަލްސާގެ ތެރެއިން އޭނާގެ ނަން އިއްވާފައިވަނީ އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ވެސް ދެއްވުމެއް ނެތި ކަމަށެވެ. ޝިޔާމް ވިދާޅުވީ ތަޅުމުގައި މެމްބަރެއްގެ ނަން އިއްވާނަމަ އޭގައި އަމަލު ކުރަންޖެހޭނެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަން އިއްވީ އެ މާއްދާއާއި ހިލާފަށް ކަމަށް ވާއިރު މަޖިލީހުގެ މެމްބަރުން ތަބާވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއާއި އެއްގޮތްވާ ގޮތުގެ މަތީން އަންގަވާ އެންގެވުންތަކަށްކަން އެނގެން އެބައޮތް ކަމަށެވެ.
ޝިޔާމް ވިދާޅުވެފައިވަނީ އެރޭގެ ޖަލްސާގައި ގަވައިދާއި ހިލާފަށް އެންގެވި އެންގެވުމާއި އެއްގޮތަށް ޖަލްސާ ދޫކޮށް ނުދިޔަކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް މަސައްކަތް ކުރި ކަމަށެވެ.
އިދިކޮޅުން ވަނީ، ޝިޔާމަށް އަނިޔާ ކުރީ ރައީސް ނަޝީދުގެ އެންގުމަށްކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިއަދުގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްއަށް އެޑްރެސްކޮށް މައްސަލަ ހުށަހަޅާފައެވެ.

