ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓު އޮފީހުންވަނީ މިއަދު ހަވީރު 18:00އާ ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެކަމަށާއި މިގޮތުން، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު، ދެކުނުގެ މޫސުން އާންމުކޮށް ރަނގަޅުވާނެ ކަމަށް ލަފާކޮށްފައެވެ.



މެޓް އިން ލަފާކޮށްފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ. ވައި ޖެހޭނީ އިރު އުތުރާއި އިރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
އެކި ސަރަހައްދުތަކަށް ވިއްސާރަކުރި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެގޮތުން، ރާޅުގެ އުސްމިން ހުންނާނީ ފޫޓަކާއި ތިން ފޫޓާ ދެމެދުގައިކަމަށާއި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ބުނެ، ހއ. އަތޮޅުން އދ. އަތޮޅާ ހަމައަށް ހުދު ސަމާލު ވެސްވަނީ ނެރެފައެވެ. އެއީ، މިއަދު 16:30އާ ހަމައަށެވެ.

