ގއ.ކަނޑުހުޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ކަނޑުހުޅުދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި މަހު 07 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާއަކީ ގއ.ވިލިނގިލިން ކަނޑުހުޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހެއްކަމަށް ފުލުހުން ބުނެއެވެ.
މި ގޮތުން، އޭނާ ހައްޔަރުކޮށް ބެލި ބެލުމުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށް ވެސް ފުލުހުންބުނެއެވެ.

