މުޖުތަމަޢުއެއް ބިނާވުމާއި،ބާރުވެރިވުުމުގެ އަސާާސީ މަސްދަރަކީ ސައްހަ މަޢުލޫމާތުކަމަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު ވިދާޅުވެއްޖެއެވެ.
ޢާމިރު މިހެން ވިދާޅުވެފައި މިވަނީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަރުޝީފު ހަފުތާއާއި ގުޅިގެން މިއަދު ދެއްވި ޚިޠާބެއްގައެވެ. ބައިނަލްއަޤްވާމީ އަރުޝީފުގެ ދުވަހަކީ މިމަހުގެ 09 ވަނަ ދުވަހެވެ.
މި ގޮތުން ޢާމިރު ވިދާޅުވީ، މުޖުތަމަޢުއެއް ބިނާވުމާއި،ބާރުވެރިވުުމުގެ އަސާާސީ މަސްދަރަކީ ސައްހަ މަޢުލޫމާތުކަމަށާއި، ސައްހަ މަޢުލޫމާތަކީ ރޫޅުމާއި، ބިނާކުރުމުގައި އޮންނަ އެންމެ ފަސޭހަ އާލާތްކަމަށެވެ.
ޢާމިރު ވިދާޅުވީ، މިއަހަރުގެ ބައިނަލްއަޤްވާމީ އަރުޝީފު ދުވަސް ބައްދަލުކުރާއިރު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުވަނީ އިންޓަރނޭޝަނަލް ކައުންސިލް އޮފް އާކައިވްސް (އައިސީއޭ) މެންބަރަކަށްވެފައިކަމަށެވެ. އަދި މިކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށް އެތައްގޮތަކުން ކުރިއެރުން ލިބިގެންދާނެކަމާމެދު ޝައްކެެއްނުކުރައްވާކަމަށް ވެސް ޢާމިރު ވިދާޅުވިއެވެ.
މީގެ އިތުުރުން ޢާމިރު ވިދާޅުވީ، ދުވަހާއި ގުޅިގެން، އައިސީއޭއިން ކަނޑައަޅާފައިވާ މައިގަނޑު ޝިޢާރަކީ، ނުވަތަ އެ ޝިޢާރުގެ ދޭހައަކީ ޢިލްމީ މުޖުތަމަޢުތައް ބިނާކޮށް ބާރުވެރިކުރުވުންކަމަށެވެ. އަދި ހަޤީޤަތަށް ވާސިލުކޮށްދިނުމުގައި، އެ ކަމަކަށް މަގުދައްކައިދޭ އެންމެ އުޖާލާ ދަންމަރަކީވެސް ސައްހަ މަޢުލޫމާތު ކަމަށް ވެސް ޢާމިރު ވިދާޅުވިއެވެ.
ޢާމިރު ވިދާޅުުވީ، ސަރުކާރު ހިންގަމުންދާ ނިޒާމުގެތެރެއިން، ރެކޯޑްކުރެވޭ ސައްހަ މަޢުލޫމާތު ރައްކާތެރިކުރުމާއި، ޤައުމުގެ މާޒީއާއި، މިއަދާއި މުސްތަޤުބަލު، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ބަލަހައްޓައި، އެ މަޢުލޫމާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ، ޤައުމީ އަރުޝީފުގެ ޒިންމާކަމަށެވެ.
މި ގޮތުން ޤައުމީ އަރުޝީފުގެ ޒިންމާ އަދާކުރުމަށްޓަކައި، މިއަދު ކުރަންޖެހިފައިވާ މަސައްކަތްތައް ނުހަނު ގިނަކަމަށް ވެސް ޢާމިރު ފާހަގަކުރެއްވިއެވެ.
މީގެތެރެއިން ވެސް އެންމެ ބުރަދަން ބޮޑުކަމަކީ، ޤައުމުގެ ނަގާކިޔާ މުޖުތަމަޢުގައި އަރުޝީފުގެ ދައުރާއި، އަރުޝީފީ އަގަށް ޙައްޤު އިހުތިރާމު ހޯދައިދިނުންކަމަށް ވެސް ޢާމިރު ވިދާޅުވިއެވެ. އަދި މިކަން ހާސިލްކުރުމަށް، އެންމެ ބޭނުންތެރި ވަސީލަތަކީ ދުވަހުގެ ޝިޢާރުވެސް ރަމްޒުކޮށްދޭ ފަދައިން ސައްހަ މަޢުލޫމާތުކަމަށާއި، ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، އިތުބާރު ހިފޭ މަޢުލޫމާތުތައް ދެމެހެއްޓެނިވި ގޮތެއްގައި ލިބެން ހުންނަންޖެހޭކަމަށެވެ.
ޢާމިރު ވިދާޅުވީ، އެއް ހަރުފަތުން އަނެއް ހަރުފަތަށް ޤައުމުތައް ބަދަލުވެ، ޤައުމުތައް ކުރިއަށް ދަތުރުކުރާއިރު، ދަޢުލަތް ހިނގަމުންދާގޮތުގެ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓިފައި ހުންނަންޖެހޭނެކަމަށެވެ. އަދި ޤައުމު މިއަދާއި ހަމައަށް އައިގޮތުގެ ”ރިޕޯޓު ފޮތް“ ރައްކާތެރިކަމާއެކު ބެލެހެއްޓިފައި އޮންނަން ޖެހޭކަމަށެވެ. އަދި ޤައުމީ ހަޔާތުގައި، އަރުޝީފުގެ ދައުރު މުހިންމުވެ ޤާނޫނީގޮތުން އަރުޝީފު ވުޖޫދުވެގެން އަންނަނީ، މިފަދަ ސަބަބުތަކަށްޓަކައި ކަމަށްވެސް ޢާމިރު ވިދާޅުވިއެވެ.
ޢާމިރު ވިދާޅުވީ، މިއަދުގެ ޤައުމީ އަރުޝީފުތަކަކީ، ޒަމާނުގެ މުވާސަލާތާއި، މަޢުލޫމާތުގެ ޓެކޮނޮލޮޖީއާއި އެއްހަމައެއްގައި ފައިހަމަކުރެވޭ މިންގަނޑަކުން ތަރައްޤީކުރެވިފައިވާ ތަނަކަށްވުމާއި، އެ މިންގަނޑުން ޚިދުމަތް ފޯރުކޮށްދެވޭ ތަންތަންކަމުގައި ވުން މިއަދު މަޖުބޫރުވާކަމަށެވެ. އަދި މިއިން ކޮންމެކަމަކީ، މިއަދު ކުރަންޖެހިފައިވާ ބުރަ މަސައްކަތެއްކަމަށާއި، މި މަސައްކަތާއި ކުރިމަތިލާއިރު، މި ރޮނގުން ތަޢުލީމާއި ތަމްރީނު ލިބިފައިވާ މީހުންގެ މުހިންމުކަން އިންތިހާއަށް ބޮޑުވެގެންދާކަމަށެވެ.
ނަމަވެސް މި ތަޢުލީމާއި ތަމްރީނަކީ، މިއަދު އަލުން ފަށައިގެން ހާސިލުކުރަންޖެހޭ އެއްޗެއްކަމަށް، އަދުގެ ހާލަތު ބުނެދެމުންދާކަމަށް ވެސް ޢާމިރު ވިދާޅުވިއެެވެ.
”ޝައްކެއް ވެސްނެތްގޮތުގައި މުޖުތަމަޢުއެއް ބިނާވުމާއި ބާރުވެރިވުުމުގެ އަސާާސީ މަސްދަރަކީ ސައްހަ މަޢުލޫމާތު، ސައްހަ މަޢުލޫމާތަކީ ރޫޅުމާއި ބިނާކުރުމުގައި އޮންނަ އެންމެ ފަސޭހަ އާލާތް، ހަޤީޤަތަށް ވާސިލުކޮށްދިނުމުގައި މަގުދައްކައިދޭ އެންމެ އުޖާލާ ދަންމަރު. ދަޢުލަތް ހިންގަމުންދާ ނިޒާމުގެތެރެއިން ރެކޯޑްކުރެވޭ ސައްހަ މަޢުލޫމާތު ރައްކާތެރިކޮށް ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާއަށް ރައްކާތެރިކޮށް ބަލަހައްޓާ އެ މަޢުލޫމާތުން ޚިދުމަތްދިނުމަކީ، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޒިންމާ. މި ޒިންމާ އަދާކުރުމަށްޓަކައި އަޅުގަނޑުމެން މިއަދު ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަގުނަ. މީގެތެރެއިން ވެސް އެންމެ ބޮޑު އެންމެ ބުރަ އެންމެ ބަރުކަމަކީ ޤައުމުގެ ނަގާކިޔާ މުޖުތަމަޢުގައި އަރުޝީފުގެ ދައުރާއި އަދި އަރުޝީފީ އަގަށް ޙައްޤު އިހުތިރާމު ހޯދައިދިނުން. ޝައްކެއްނެތްގޮތުގައި މި ކަން ހާސިލްކުރުމުގައިވެސް އެންމެ ބޭނުންތެރި ވަސީލަތަކީ ދުވަހުގެ ޝިޢާރުވެސް ރަމްޒުކޮށްދޭ ފަދައިން ސައްހަ މަޢުލޫމާތު. ޙަޤީޤީ މަޢުލޫމާތު. ކަންއޮތްގޮތުގެ ސާފު މަޢުލޫމާތު. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އިތުބާރު ހުރި މަޢުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ލިބެން ހުންނަންޖެހޭ. އެއް ހަރުފަތުން އަނެއް ހަރުފަތަށް ޤައުމުތައް ބަދަލުވަމުން ޤައުމުތައް ދަތުރުކުރާއިރު، ދަޢުލަތް ހިނގަމުންދާގޮތުގެ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓިފައި ހުންނަންޖެހޭ. ޤައުމު އަދާހަމައަށް ދަތުރުކުރިގޮތުގެ ރިޕޯޓު ފޮތް ރައްކާތެރިކަމާއެކު ބެލެހެއްޓިފައި އޮންނަންޖެހޭ. ޤައުމީ ހަޔާތުގައި އަރުޝީފުގެ ދައުރު މުހިންމުވެ ޤައުމީ އަރުޝީފު ޤާނޫނީގޮތުން އުފަންވެގެން އަންނަނީ މިފަދަ ސަބަބުތަކަށްޓަކާ. މިއަދުގެ ޤައުމީ އަރުޝީފުތަކަކީ، ޒަމާނުގެ މުވާސަލާތާއި މަޢުލޫމާތުގެ ޓެކޮނޮލޮޖީއާއި ފައިހަމަކުރެވޭ މިންގަނޑަކުން ތަރައްޤީކުރެވި އެ މިންގަނޑުން ޚިދުމަތްދެވޭ ތަންތަންކަމުގައި ވުން މިއަދު އެބަ މަޖުބޫރުވޭ. މިއިން ކޮންމެ މަފްހޫމަކީ، މިއިން ކޮންމެ މުހުތާދަކީ، މިއިން ކޮންމެ ޝައުޤަކީ، އަޅުގަނޑުމެން ކުރަންޖެހިފައިވާ ބުރަ މަސައްކަތެއް. މި މަސައްކަތާއި ކުރިމަތިލާއިރު، މި ރޮނގުން ތަޢުލީމާއި ތަމްރީނު ލިބިފައިވާ މީހުންގެ މުހިންމުކަން އިންތިހާއަށް ބޮޑުވެގެންދޭ. ނަމަވެސް މި ތަޢުލީމާއި ތަމްރީނަކީ، އަޅުގަނޑުމެން އަލުން ފަށައިގެން ހާސިލުކުރަންޖެހޭ އެއްޗެއްކަމަށް އަދުގެ ހާލަތު އޭގެ ޒާތުގައި ހާމަކުރަމުން މިދަނީ ވަރަށް ވެސް ސާފުކޮށް.“ ޢާމިރު
ދިވެހިރާއްޖޭގައި އަރުޝީފުކުރުމުގައި އެކިއެކި ބޭފުޅުން ފަރުދީގޮތުން ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ފާހަގަަކުރައްވަމުން ޢާމިރު ވިދާޅުވީ، ޤައުމީ އަރުޝީފުގައި ހުރި ޖައުހަރީ އަގުން އަގުކުރެވޭ ބައެއްތަކެއްޗަކީ ފަރުދީގޮތުން ބައެއް ބޭފުޅުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކެއްކަމަށެވެ.
މި ގޮތުން، ފަރުދީގޮތުން މަސައްކަތްކުރުމުގެ މުހިންމުކަމާއި ބޭނުންތެރިކަން އެކަމުން ވެސް ހާމަވެގެންދާކަމުގައި ޢާމިރު ވިދާޅުވިއެވެ.
ފަރުދީގޮތުން އަރުޝީފުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް އިލްތިމާސްކުރައްވަމުން ޢާމިރު ވިދާޅުވީ، އަމިއްލަފުޅު ފްރޭފްތަކާއި، ޢާއިލީތަކެތި އަރުޝީފުކުރެއްވުމަށާއި، އެ ތަކެތީގެ ހަޤީޤީ ފައިދާ ފުރިހަމައަށް ލިބޭނޭ މަގުން މި މަސައްކަތްތައް ކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އަރުޝީފީ ހަމަތަކާއި، ސުލޫކީ މިންތަކާއި އިންތަކުގައި މި މަސައްކަތްކޮށްދެއްވުމަށް ޔަޤީންކުރާކަމަށާއި، މާޒީގައި ކަންހިނގި ފަދައިން، މިއަދު ކުރެވޭ ފަރުދީ މަސައްކަތްތައް މާދަމާ ޤައުމީ އަރުޝީފަށް ޖަމާވަމުންދާާނެކަމަށެވެ. އަދި މާޒީގެ މަސައްކަތުގެތެރެއިން ކިތަންމެ ބާވަތެއް މިއަދާ ގުޅިގެންވެސް ޤައުމީ އަރުޝީފަށް ޖަމާވަމުންދާނެކަމަށެވެ.
ޢާމިރު ވިދާޅުވީ، ޤައުމީ އަރުޝީފުގެ ތަސައްވުރާއި އަމާޒުގުޅިފައިވަނީ، ދިވެހި ޤައުމުގެ ތަރައްޤީއަށާއި، ތަހުޒީބުގެ ލަނޑުދަނޑިތަކަށް ކަމަށެވެ.
އެހެންކަމުން ޤައުމީ އަރުޝީފަކީ، ކުރިއަރާފައިވާ ޤައުމީ އަރުޝީފުތައް ފަދައިން، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި މުހިންމު ހިއްސާދާރަކަށް ހެދުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް، ޢާމިރު ވިދާޅުވިއެވެ.
މި ގޮތުން، އައިސީއޭގެ ރޭވުންތަކާއި، އެއްގޮތަށް މި ދުވަސްފާހަގަކުރުމުގެ ޕްރޮގްރާމެއް އެއްހަފުތާގެ މުއްދަތަށް އިންތިޒާމުކުރެިފައިވާކަމަށާއި، އެއިން ކޮންމެ ދުވަހަކަށް އައިސީއޭއިން ކަނޑައަޅާފައިވާ ޝިޢާރެއްގެދަށުން ޚާއްސަ ހަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައިވާކަމަށް ޢާމިރު ވިދާޅުވިއެވެ. އަދި ފުރަބަންދުގެ މި ދަނޑިވަޅުގައި ގޭގައި ތިބެގެން ވެސް، ބައިވެރިވެވޭނެހަރަކާތްތަކާއި، މަޢުލޫމާތުތައް އެ ޕްރޮގުރާމުގައި ހިމެނިފައިވާނެކަމަށާއި، އަރުޝީފީ މަސައްކަތާއި، އެ ކަމުގެ މަޢުލޫމާތާއި، ޤައުމީ އަރުޝީފުގައި ހުރި ބައެއް ތަކެއްޗާއި، ފޮޓޯ އެކަށީގެންވާވަރަކަށް ހިއްސާކުރެވިގެންދާނެކަމަށް ވެސް ޢާމިރު ވިދާޅުވިއެވެ.
މީގެ އިތުރުން،ޤައުމީ އަރުޝީފަށް މިފަދަ ތަކެތި ހަދިޔާކުރެއްވުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ވެސް ޢާމިރު ވިދާޅުވިއެވެ.
ޢާމިރު ވަނީ، ފަންނީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި، ތަކެތީގެ ގޮތުންނާއި، އަދި އެހެނިހެންގޮތްގޮތުން ވެސް، ޤައުމީ އަރުޝީފަށް އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް އިޚުލާޞްތެރިކަމާއި ހިތުގެ ލޯތްބާއެކު ޝުކުރުއަދާކުރައްވާފައެވެ.

