ޖޫންމަހުގެ ފުރަތަމަ 07 ދުވަހުގައި، މާލެ ސަރަހައްދަށާއި، އަތޮޅުތެރެއަށް ޖުމްލަ 10,601 ބަސްތާގެ ކާޑު ފޯރުކޮށްދީފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
މިކަމާ ގުޅިގެން އަންގާރަވިލޭރޭ އެސްޓީއޯއިން ޢާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން، ޖޫން މަހުގެ 01 ވަނަ ދުވަހުން، 07 ވަނަދުވަހާއި ހަމައަށް، މާލެ ސަރަހައްދަށާއި އަތޮޅުތެެެރެއަށް ޖުމްލަ 10,601 ބަސްތާގެ ކާޑު ސަޕްލައިކޮށްފައިވެއެވެ. މިގޮތުން މާލެ ސަރަހައްދަށް ޖުމްލަ 5,695 ބަސްތާގެ ކާޑު ސަޕްލައިކޮށްދީފައި ވާނެކަމަށާއި، އަތޮޅުތެރެއަށް 4,636 ބަސްތާގެ ކާޑު ފޮނުވާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
އެ ތަކެތީގެތެރެއިން މާލެ ސަރަހަށްދަށް ސަޕްލައިކޮށްދީފައިވަނީ، 4422 ބަސްތާ ހަނޑުލާއި، 1251 ބަސްތާ ހަކުރުގެ އިތުރުން،2253 ބަސްތާ ފުށެވެ. އަދި އަތޮޅުތެރެއަށް ގެންގޮސްފައިވަނީ، 2101 ބަސްތާ ހަނޑުލާއި، 639 ބަސްތާ ހަކުރުގެ އިތުރުން، 1869 ބަސްތާ ފުށެވެ.
މީގެ އިތުރުން، މި މަހުގެ ފުރަތަމަ 07 ދުވަހުގައި އެސްޓީއޯއިންވަނީ، މާލެ ސަރަހައްދަށާއި، އަތޮޅުތެރޭގެ ރަށްތަކަށް ގިނަ އަދަދެއްގެ ކާބޯތަކެތި ސަޕްލައިކޮށްދީފައެވެ.
އެ ގޮތުން، މާލެ ސަރަހައްދަށް ސަޕްލައިކޮށްދީފައިވާ ތަކެތީގެތެރޭގައި، 1045 ބިސް ކޭހާއި، 670 ބަސްތާ ފިޔާ ހިމެނެއެވެ. އަދި އަތޮޅުތެރެއަށް ފޮނުވި ތަކެތީގެތެރޭގައި، 03 ބިސް ކޭހާއި، 61 ބަސްތާ ފިޔާ ހިމެނެއެވެ.
ކޮވިޑް-19 އިގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި، ރަށްރަށަށް ކާބޯތަކެއްޗާއި، އެހެނިހެން ޒަރޫރީ ބާވަތްތައް ފޮނުވުމުގައި އެސްޓީއޯގެ ދައުރު ވަރަށް ބޮޑުކަމުގައި ފާހަގަކޮށްލަންޖެހެއެވެ. މި ގޮތުން ބަލާއިރު، ވޭތުވެދިޔަ މެއި މަހުގައި ވެސް، މާލެ ސަރަހައްދަށާއި، އަތޮޅުތެރެއަށް ޖުމްލަ 32,378 ބަސްތާ ކާޑު ސަޕްލައިކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.

