ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް، އިސްރާއީލުގެ އަމިއްލަ ބިންތަކެއްކަމަށް ކަނޑައެޅުމަކީ، ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާކަމެއްކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައި މިވަނީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަރޗުއަލްކޮށް ބުދަދުވަހު ބޭއްވި މި ބައްދަލުވުމަކީ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް އިސްރާއީލުން ހިފައި، އެ ބިންތަކަކީ އިސްރާއީލުގެ
ބިންތަކަކަށް ހެދުމަށް މަސައްކަތްކުރަމުންދާތީ، އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާފައިވާ ބައްދަލުވުމެކެވެ.
ސަޢޫދީ ޢަރަބިއްޔާއިން ރިޔާސަތު ބެލެހެއްޓި މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަކަށް އިސްރާއީލުން ވެރިވުމަކީ، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ސިލްސިލާކޮށް އިސްރާއީލުން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށާއި، މިކަން ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާކަމަށެވެ. އަދި އިސްރާއީލުގެ މި ޢަމަލަކީ، ބައިނަލްއަޤްވާމީ ހަމަތަކާއި ޤާނޫނުތަކާއި ޚިލާފުކަމެއްކަމަށް ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، މި ޢަމަލުތަކަކީ، ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ ޢަމަލުތަކެއްކަމަށެވެ.
މީގެ އިތުރުން ޝާހިދު ވަނީ، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮތް އޮތުން ހުއްޓުވުމަށާއި، މުސްތަޤުބަލުގައި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމުގެ ގޮތުން، އދ އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ.
ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ، 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުުރުމާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަން އަދިވެސް ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށެވެ. އަދި ފަލަސްތީނުގެ އިތުރު ބިންތަކަށް އިސްރާއީލުން ވެރިވުމަކީ، ފަލަސްތީނާއި އިސްރާއީލުގައި، ވަކި ދެ ދައުލަތެއް ޤާއިމުކުރުމަށް ކުރެވެމުން އަމްނަ މަސައްކަތަށް އެޅޭ ހުރަހެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޝާހިދުވަނީ، އިންސާފާއި ސުލްހައާއި، މިނިވަންކަން ހޯދުމަށް ފަލަސްތީނުން ކުރަމުން އަންނަ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެއްބައެއްގެ ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް ވެސް ގޮވާާާާާާާާާާާާާާލައްވާފައެވެ.
މި ބައްދަލުވުމުގައި، 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވިފައިވާ، އޯ.އައި.ސީގެ އެގްޒެކެޓިވް ކޮމިޓީގެ ފަރާތުން ވަނީ، 1967 ވަނަ އަހަރުގައި އިސްރާއީލުން ވެރިވެފައިވާ ފަލަސްތީނުގެ ބިންތަކަކީ، އިސްރާއީލުގެ ބިންތަކެއްގެ ގޮތުގައި، ހަމަޖެއްސުމަށް އިސްރާއީލުން ކުރަމުންއަންނަ މަސައްކަތް ކުށްވެރިކޮށް ޤަރާރެއް ވެސް ފާސްކުރައްވާފައެވެ.

