ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް އެހީތެރިވުމަށް ޗައިނާއިން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކް، ސަރޖިކަލް މާސްކް، ޑިސްޕޯސަބަލް ކަވަރޯލް އަދި މެޑިކަލް ގޮގްލްސްއެވެ.
މި އެހީއަކީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު އިތުރު ފަސޭހައެކެވެ.
މި ނާޒުކު ދަނޑިވަޅުގައި ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށްޓަކައި ޗައިނާ ސަރުކާރާ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި ސަރުކާރުން ޚާއްސަ ޝުކުރު އަދާކުރެއްވިއެވެ.
ކޮވިޑް-19 ފެތުރެން ފެށީއްސުރެ މެދު ނުކެނޑި ޗައިނާއިން ގެންދަނީ ރާއްޖެއަށް އެހީވަމުންނެވެ. މީގެ ކުރިންވެސް ޗައިނާ ސަރުކާރާ ބައެއް ވިޔަފާރި ކުންފުނިތަކުގެ ފަރާތުން ރާއްޖެއަށް ގިނަ އެހީތަކެއް ވަނީ ލިބިފައެވެ.
އެގޮތުން ޗައިނާ ސަރުކާރާއެކު ރާއްޖެއަށް އެހީވި ވިޔަފާރިތަކާ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނެނީ އަލީބާބާ ކުންފުނީގެ ވެރިޔާ ޖެކް މާ، ޗައިނާ މާޗެންޓް ޕޯޓްސް ގްރޫޕް، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން، ބެއިޖިން އަރބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމްޕެނީ، ޑޮންގްފެންގް އިލެކްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ، ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިން ކޮމްޕެނީ އަދި ހުއާވޭ ޓެކްނޮލޮޖީޒް އެވެ.
ރާއްޖެގޭ ޙާލަތާ ގުޅޭ ގޮތުން މިހަފްތާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކުރައްވާފައެވެ.

