ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެކުލަވާލައި، އިކޮނޮމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުދަދުވަހު މަޖިލީހަށް ފޮނުވާފައިވާ މި ބިލަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ކަސްޓަމާއި، ފިނޭންސް މިނިސްޓްރީއާއި ގުޅިގެންކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ބިލު އެކުލަވާލުމުގެ މަޤުސަދަކީ، އެކިއެކި ސިނާއަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ރޭޓު ކުޑަކުރުން ނުވަތަ ޑިއުޓީ ކަނޑާލުންކަމަށެވެ.
އޭގެ އިތުރުން، ތިމާވެއްޓާއި، އާންމު ސިއްހަތަށް ގެއްލުންވާ ބައެއް ތަކެތިން ޑިއުޓީ ބޮޑުކުރުންކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ބިލުގައި ހުށަހަޅާފައިވާ އިސްލާހުތަކުގެތެރޭގައި، އިޤުތިސާދީ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން މަސްވެރިކަމާއި، އޮޑިދޯނި ފަހަރާއި ބޯޓު ބަނުމާއި، އިމާރާތްކުރުމާއި، އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވަނީ، ތިމާވެއްޓަށް ގެއްލުންވާ ބައެއް ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބާރު އެޅުމަށްޓަކައި، އެ ތަކެތިން ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފައެވެ.
މި ގޮތުން، ޑްރިންކިންގ ސްޓްރޯ އާއި، ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި، ޓިއުބުރޯލާއި، ޕްލޭޓްސް އާއި، ކަޓްލަރީސް ފަދަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ހިމަނާފައިވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޕްލާސްޓިކާއި، ޕްލާސްޓިކުން އުފައްދާފައި ހުންނަ ބާވަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބާވަތްތައް، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރާއްޖެ އެތެރެކުރުން މަނާކުރުމަށް ހުށަހަޅާފައިވާކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ސިއްހަތަށް ގެއްލުންވާ ކަމަށް ބެލެވޭ ބައެއް ތަކެތިން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާކަމަށެވެ. އެ ގޮތުން ހުށަހަޅާފައިވަނީ، ސޮފްޓް ޑްރިންކްސް އާއި، ހަކުރުގެ މިންވަރު ގިނައިން އެކުލެވޭ ބުއިންތަކުގެ ޑިއުޓީ ރޭޓު ބޮޑުކުރުމަށް ހުށަހަޅާފައިވާކަމަށެވެ.
މީގެއިތުރުން، ސޮސެޖާއި އެ ފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ބޮޑުކުރާނެކަން ވެސް ހުށަހަޅާފައިވާނެކަމަށެވެ. އަދި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހުގެ އިތުރުން، އިލެކްޓްރޯނިކް ސިގިރެޓާއި، ވޭޕްކުރުމަށް ބޭނުންކުުުުރާ އާލާތްތަކުން ވެސް ޑިއުޓީނެގުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ޢާންމު ދިއުޅުމަށް ބޭނުންކުރާ ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާނެކަމަށެވެ.
އެ ގޮތުން، ޑޮމެސްޓިކް ދޮންނަ މެޝިނާއި، ފެން ފިލްޓަރު ކުރުމަށާއި ސާފުކުރުމަށް ބޭނުންކުރާ ގެވެހި ސާމާނާއި، އިންވާރޓަރ އެއާރ ކޯންޑިޝަނަރ ހިމެނޭކަމަށާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ހުށަހަޅާފައިވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖޭގައި ބޯޓުފަހަރު ބަނުމަށް ބާރު އެޅުމުގެގޮތުން، ރާއްޖެއަށް ގެންނަ ބޯޓު ފަހަރާއި، ފްލޯޓިންގ ސްޓްރަކްޗަރތަކުން ޑިއުޓީ ނެގުމަށް ހުށަހަޅާފައިވާނެކަމަށެވެ.
މީގެ އިތުރުން، ފަސިންޖަރުން އުފުލައި ހެދުމަށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން ބޭނުންކޮށްފައިނުވާ ކާރާއި، ޖީޕް ގެ އިތުރުން ވޭންގެ ޑިއުޓީ ރޭޓު %100 އަށް ކުޑަކުރުމަށް ނިންމާފައިވާނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ. އަދި ފަސިންޖަރުން އުފުލަން ހަދާފައި ހުންނަ އެއްގަމުގައި އުޅަނދުތަކުގެ ތެރެއިން، ބޭނުންކޮށްފައިހުންނަ ކާރާއި، ޖީޕް ގެ އިތުރުން، ވޭން ގެ ޑިއުޓީ ރޭޓު %300 އަށް ބޮޑު ކުރަން ހުށަހަޅާފައިވާނެކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މާލޭ ސިޓީ ފިޔަވައި، ރަށުގެ ބޮޑުމިނަށާއި، އެ ރަށެއްގައި ދަތުރު ފަތުރުކުރުމުގެ ވަސީލަތްތަކުގެ މުހިންމުކަމަށް ބެލުމަށްފަހު، ވަކި ރަށްތަކެއް ކަނޑައަޅައި ގެޒެޓްކޮށް، އެ ފަދަ ރަށްތަކުގައި ބޭނުންކުރުމަށްޓަކައި، ގެންނަ އެއްގަމު އުޅަނދުން ޑިއުޓީ މާފުކުރުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް ވެސް ހުށަހަޅާފައިވާނެކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ބަދަލުގައި، ރެވެނިއު ފީ އެއް ތަޢާރަފުކޮށް،
ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ، ކޮންމެ 100 ރުފިޔާއަކުން، 1 ރުފިޔާގެ މަގުން ރެވެނިއު ފީއެއް ނެގުމަށް ހުށަހަޅާފައިވާނެކަމަށެވެ. އަދި މިކަން މި ގޮތަށް ނިންމާފައިވަނީ، މުދާ އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ޚިދުމަތް ދިނުން ފަސޭހަކުރުމުގެ ގޮތުންކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ފާއިތުވެދިޔަ ތަނުގައި، ޑިއުޓީ ނަގަމުން ދިޔައީ، މުދަލުގެ ކޯސްޓް އިންޝޫރަންސް އަދި ފްރެއިޓް އަގުންނެވެ.
ނަމަވެސް މިހާރު ހުށަހަޅާފައިވާނީ، މުދަލުގެ ފްރީ އޮން ބޯޑް އަގުން ޑިއުޓީ ނެގުމަށްކަމަށާއި، މީގެ މަޤުސަދަކީ ޑިއުޓީ ނެގުމުގައި ހަމައެކަނި މުދަލުގެ އަގަށް ރިޢާޔަތްކުރުންކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެެއެވެ.
މި އިސްލާހުތަކުގެ އިތުރުން ވެސް، ކުރިއަށް އޮތް ތަނުގައި ހުށަހަޅަންޖެހޭ އިސްލާހުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

