ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރިޕަބްލިކް އޮފް ތުރުކީ“ އަށް ވީގޮތް، ”ރިޕަބްލިކް އޮފް މޯލްޑިވްސް“ އަށް ވެދާނެތޯ!

ތުރުކީގެ ކުރީގެ ރައީސް މުސްތަފާ ކަމާލު އަތާތުރުކު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ހަޔާތެއް އާރާސްތުކުރުމަށްޓަކައި، ކޮންމެހެން ވެސް ދޭއްޗެއް ބޭނުންވެއެވެ. އޭގެތެރެއިން އެކައްޗަކީ ނިޒާމެކެވެ. އަނެކައްޗަކީ، އެ ނިޒާމު ހިންގުމަށްޓަކައި، ބޭނުންވާނެ އަތްތަކެކެވެ. އެހެނީ، ދުނިޔަވީ ހަޔާތުގައި އިންސާނުންނަށް ފުރިހަމަ ނިޒާމެއްގެ ބޭނުންބޮޑެވެ. ޤައުމެއްގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، އެ ނިޒާމެއް އެކަށީގެންވާ ގޮތަށް ހިނގަންޖެހެއެވެ. ރަނގަޅު ނިޒާމެއް އެކަށައެޅިފައިނުވާނަމަ ކަންތައްތައް ބޮއްސުންލައިގެން ހިނގައިދާނެއެވެ. ރަނގަޅު ނިޒާމެއް އެކުލަވާލެވިފައިނުވާނަމަ، ކަންތައްތައް އޮޅުންބޮޅުންވެގެން ހިނގައިދާނެއެވެ.

މިސާލެއްގެ ގޮތުން މި ދުނިޔެއަށް ބައްލަވާލައްވަމާ ހިންގަވާށެވެ. ދުނިޔެ ހިނގަނީ ފުރިހަމަ ނިޒާމެއްގެތެރެއިންނެވެ. ނަމަވެސް ޤުދުރަތުގެ ނިޒާާމު ފުރިހަމައަށް ނުހިނގާނަމަ ބޯމައްޗަށް އުޑުވެއްޓި ނުދާނެތޯއެވެ. ކަނޑުތައް، ބިންތަކާ އެކުވެ، އަޅުގަނޑުމެން ޣަރަޤުކޮށްނުލާނެތޯއެވެ. ނަމަވެސް، ޤުދުރަތުގެ ކޮންމެ އެއްޗެއް ވެސް، އިލާހުގެ ކުޅަދުންވަންތަކަމާއެކު އޭގެ މަޤާމުގައި، އެންމެ ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުރެއެވެ. އެއިން ވެސް އަންގައިދެނީ، ރޭވުންތެރި ފުރިހަމަ ނިޒާމެއް އޮތްނަމަ ކަންކަން ހިނގާނީ ރަނގަޅަށްކަމެވެ.

ހަމަ އެފަދައިން ކުރިން ވެސް ދެންނެވި ފަދައިން، ޤައުމެއް އާރާސްތުކުރުމަށް އެކަށީގެންވާ ނިޒާމެއް ބޭނުންވެއެވެ. އެ ނިޒާމު ހިންގާނެ ބަޔަކުވެސް ބޭނުންވެއެވެ. އެ ނިޒާމު ރަނގަޅަށް ހިނގާނަމަ، އެ ޤައުމެއް ކުރިއަށް ދަތުރުކުރާނީ ސާދާ ސީދާގޮތެއްގައިކަން ޔަޤީނެވެ. ތަރައްޤީގެ ހަރުފަތްތައް ގިރާކޮށް އޭގެ ކުރިބޯށްޓަށް ވާސިލުވާނީ، ނުހަނު ހަލުވިކަމާއެކުކަން ޔަޤީނެވެ.

ނަމަވެސް، މިއަދު މި ޤައުމު ހިނގަނީ ރަނގަޅު ނިޒާމެއްގެތެރެއިންތޯ މިއީ ސުވާލު އުފެދޭކަމެކެވެ. ޖުމްހޫރީ ސަރުކާރު ހިނގަމުންދަނީ އެންމެ އެދެވޭގޮތައްތޯ މިއީ ސުވާލު އުފެދޭކަމެކެވެ. މި ސަރުކާރަކީ، ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން ސަރުކާރެއްތޯ ސުވާލުކުރަން ވެސް ޖެހެއެވެ. ކޯލިޝަނަކުން އުފަންވެގެންއައި ސަރުކާރަކީ، މި ވަގުތަށް އެންމެ ރަނގަޅު ސަރުކާރުތޯ ވެސް ސުވާލުކޮށްލަންޖެހެއެވެ. ޖުމްހޫރިއްޔަތުގެ ފޮނިމީރުކަން، ރައްޔިތުންނަށް ލިބެމުންދޭތޯ މި ހުރީ ހައްތާވެސް ޖަވާބުހޯދަންޖެހޭ ސުވާލުތަކެއްމެެއެވެ.

ޖުމްހޫރިއްޔަތަކީ، ކޮބައިތޯއެވެ. ޖުމްހޫރީ ވެރިކަމަކީ ކޮބައިތޯއެވެ. އާދެ! ޖުމްހޫރީ ވެރިކަން ފެށިގެން އަންނަނީ، ރައްޔިތުންނާއި ހިސާބުންނެވެ. އެ ވެރިކަމުގެ ހައްޤުވެރިންނަކީ ރައްޔިތުންނެެވެ. ޖުމްހޫރީވެރިކަމަކީ، ރައްޔިތުންގެ ވެރިކަމަކަށްވާހިނދު، އެ އިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ، ރައްޔިތުންގެ އެދުމާއި އެއްގޮތަށް، ޤައުމު ހަމަމަގަށް އަޅުވަންޖެހެއެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރަންޖެހެއެވެ. އަމާބުނިތީ ފަރަށްދާ އުސޫލަކުންނޫނެވެ.

މިހާ ހިސާބުން އަޅުގަނޑު އަވަސްކަޅިއެއް މި އެއްލަނީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު 10 ގައި، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވި ބަސްފުޅަކަށެވެ. އިމްރާން ވިދާޅުވީ، ބައެއް ސިޔާސީ މުފައްކިރުން ވިދާޅުވާގޮތުގައި، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންނަށްޓަކައި،  ރައްޔިތުންގެ ތެރެއިން ފެށިގެން އަންނަ ރައްޔިތުން ހިންގާ ވެރިކަމެއްކަމަށެވެ. އެހެންކަމުން ޖުމްހޫރީ ވެރިކަމެއްގެ މިލްކުވެރިންނަކީ ހަމަ ރައްޔިތުންކަމަށް ވެސް ވިދާޅުވިއެވެ. އަދި ޖުމްހޫރީ ވެރިކަމެއްގެ ލާބަޔާއި މަންފާއާއި ހިއްސާ ލިބެންޖެހޭނީ ވެސް ހަމަ ރައްޔިތުންނަށްކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން،  ޙަޤީޤީ ޖުމްހޫރީ ވެރިކަމެއް ދެމި އޮންނާނީ، އެ ވެރިކަމަކަށް ރައްޔިތުންގެ ލޯތްބާއި، ކުލުނު ލިބޭހައި ހިނދަކުކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، 2019 ނޮވެމްބަރުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރިއްޔަތެއްގެ އެންމެ މުހިންމު އަސާސަކީ، ރައްޔިތުންގެ ވެރިކަމެއްކުރުން ކަމަށެވެ. އަދި ޒަމާނުއްސުރެ ދެމިގެން މިއަންނަ ދިވެހި ވެރިކަން ރައްޔިތުންގެ ފަރާތުންކުރާ ވެރިކަމަކަށް ކިރިޔާވެސްވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއެކުކަމަށާއި، މި ނިޒާމު ދަމަހައްޓަންޖެހޭކަމަށް ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1193752794764734464?s=19

އެހެނަސް، ޖުމްހޫރީ ވެރިކަމެއްގެ ލާބަޔާއި، މަންފާއާއި، ހިއްސާ ރައްޔިތުންނަށް ލިބެންޖެހޭކަމަށް ވިދާޅުވެފައިވާއިރު، ރައްޔިތުނަށް، އެ ކަން އެބަ ހާސިލުވޭތޯއެވެ. ޖުމްހޫރިއްޔަތެއްގެ އަސާސަކީ، ރައްޔިތުންގެ ވެރިކަމެއްކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، މި ހިނގަނީ، ރައީސް އިބްރާހިމް މުޙައްމަދުގެ ވެރިކަމެއްތޯ، ރައްޔިތުންގެ ވެރިކަމެއްތޯ ނުވަތަ ”ރައީސް ނަޝީދު ވެރިކަމެއްތޯ“ އެބަ ސުވާލު އުފެދެއެވެ. ޒަމާނުއްސުރެ ދެމިގެން މިއަންނަ ދިވެހި ވެރިކަން، ރައްޔިތުންގެ ފަރާތުންކުރާ ވެރިކަމަކަށް ކިރިޔާވެސްވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއެކުކަމަށާއި، ނިޒާމު ދަމަހައްޓަންޖެހޭކަމަށް ވިދާޅުވިއިރު، އެ ނިޒާމު އެބަ ދެމެހެއްޓޭތޯއެވެ.

އާދެ، ޤައުމުގެ ހަލަބޮލިކަމާއި، ޓްވިޓަރގެތެރޭގައި ހިނގަމުންދާ ސިޔާސީ ކޯޅުންގަނޑާއި، ރައްޔިތުންގެ މަޖިލީހުގެ ދޯހަޅިކަމާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ ދޯދިޔާކަމާއި، ބައެއް މިނިސްޓަރުންގެ ޒިންމާދާރުކަން ކުޑަކަމާއި، މިހިރަމިހިރަ ކަންތައްތައްކުން، ރައީސް ނަޝީދު އެ ވިދާޅުވާ ނިޒާމު ކީއްކުރަން، އެއްވެސް ނިޒާމެއް ދެމެހެއްޓޭކަމާމެދު ޝައްކު އުފެދެއެވެ.

ކަންމިހެން ހުރިއިރު، ޤައުމު ހިނގަނީ ފުރިހަމަ ނިޒާމެއްގެތެރެއިންތޯ، ނުވަތަ މިއަދުގެ ކަންކަން ހިނގާގޮތުން މާދަމާ ދިމާވާނީ ކޮންކަމެއްތޯ އެބަ ވިސްނައިލަންޖެހެއެވެ. ވީގޮތެއް ވާން ދޫކޮށްލައިގެން ޤައުމު އޮޔާ ގޮސްދާނެއެވެ. ވެރިން ބޭނުންފުޅުވާ ގޮތަކަށް ޤާނޫނު ބައްޓަންކުރަންވެއްޖެނަމަ، މިއަދު ފެންނަ ދިވެހިރާއްޖެ މާދަމާ ނުފެނިދާނެއެވެ. އިސްލާމްދީން، އޭގެ ޙަޤީޤީ މާނައިގާ އިސްއުފުލައިނުލާނަމަ، އަންނަން އޮތް ޖީލުތައް، ފީލުބާގައިގެ މީހުން ފަދައިންވުމަކީ ވެސް ދުރުކަމެއްނޫނެވެ. އެހެންކަމުން ހުންގާނުގައި ތިއްބެވި ބައެއް ބޭފުޅުންނާމެދު ވަރަށް ޚާއްސަ ނަޒަރަކުން ވިސްނަން އެބަ ޖެހެއެވެ.

މިހައި ހިސާބުން ދުނިޔަވީ ޢިބްރަތްތެރި ފިލާވަޅެއްގެ ހަނދާން އައުކޮށްލައްވަމާ ހިންގަވާށެވެ. ކަމަށް ލާއިޤުނުވާ އަނިޔާވެރިން ފާވީމާ ކަންކަންވާގޮތް ބައްލަވާލައްވަމާ ހިންގަވާށެވެ. އެހެންކަމުން އަޅުގަނޑުގެ ތަޙްލީލީ ދުރުމީ މި އަމާޒުކޮށްލަނީ، ރިޕަބްލިކް އޮފް ތުރުކީވިލާތަށެވެ. މީލާދީ ސަނަތުން 1923 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 29 ވަނަ ދުވަހާއި ހަމައަށެވެ.

އެ ދުވަހަކީތޯއެވެ. އެ ދުވަހަކީ، 623 އަހަރުވަންދެން ދެމިއޮތް އުޘްމާނީ ޚިލާފަތު ނެތިގޮސް ޖުމްހޫރިއްޔަތަކަށް ތުރުކީ ލޯހުޅުވައިލި ދުވަހެވެ. މި ގޮތުން، ތުރުކީވިލާތުގައި އުފެދުނު މި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސަކީ، އުޘްމާނީ ޚިލާފަތު އުވައިލުމުގެ މޭސްތިރިއެވެ. އާދެ، ސެކިއުލަރިޒަމްއަށް އިސްކަންދެއްވި، މުޞްޠަފާ ކަމާލް ބާޝާ ނުވަތަ އަތާތުރުކު އެވެ.

އާދެ! މުޞްޠަފާ ކަމާލް ބާޝާ ނުވަތަ އަތާތުރުކު ވެރިކަމަށްއައިސް، އިސްލާމްދީނުގެ ހިދާޔަތް ލިބިފައިއޮތް ތުރުކީ، ސެކިއުލަރ ތުރުކީއަކަށް ބަދަލުކޮށްލުމަށްޓަކައި، ޤާނޫނުތައް އުފަންކޮށް، އޭނާގެ އެދުމާއި އެއްގޮތަށް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންގޮސް އިސްލާމްދީނުގެ ނޫރު ތުރުކީން ފޮހެލުމަށް ކެނޑިނޭޅި މަސައްކަތްތައް ފެށިއެވެ.

މި ގޮތުން، ތުރުކީގައި ކުރިން އޮތް ޤާނޫނުތައް މުގުރާލައި، އިޓަލީ ވިލާތުގެ ޖިނާއީ ޤާނޫނާއި، ސްވިޒަރލޭންޑްގެ މަދަނީ ޤާނޫނާއި، ޖަރުމަނުވިލާތުގެ އިޤުތިސާދީ ޤާނޫނުތަކާއި ވިޔަފާރިއާއި ބެހޭ ޤާނޫނުތައް، ތުރުކީ ވިލާތުގައި ހިންގަން ފެށިއެވެ.

ހަމައެއާއެކު، ތުރުކީގައި، އިސްލާމްދީން މަނާކޮށް، މިސްކިތްތައް ބަންދުކުރިއެވެ. ކީރިތި ޤުރުއާނާއި، ޙަދީސާއި، އިސްލާމީ ފިޤުހުގެ ފޮތްތައް ޗާޕުކުރުމާއި، ޝާއިޢުކުރުން މަނާކޮށް، ތުރުކީ ބަސް، ޢަރަބި އަކުރުން ލިތުން ހުއްޓުވިއެވެ. އެއަށްފަހު ލެޓިން އަކުރު ޢާންމުކުރިއެވެ.

އިސްލާދީނުގެ ޢިލްމު އުންގަންނައިދިނުމާއި، އިސްލާމީ މަދަރުސާތައް ހުޅުވުން މަނާކޮށް، ދެ ޖިންސު މަސްހުނިކޮށްގެން ތަޢުލީމުދޭން އަމުރުކުރިއެވެ. ބުރުގާ އެޅުމަކީ މަނާކަމެއްކަމަށް ހަމަޖެހުނެވެ. މުޅި ތުރުކީ ފުރެންދެން ބަރ ތަކާއި ޖުވާކުޅޭތަންތަން ހުޅުވައި، ހަށިވިއްކުމުގެ ހުއްދަދޫކުރިއެވެ. ރާބުއިމުގެ ޚިދުމަތް ނުދެވޭގޮތަށް ހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވުން މަނާކުރިއެވެ. މި ކަންތައްތަކުގެ ސަބަބުން، މުޅި ތުރުކީ ބޮއްސުންލައިގެންދިޔައެވެ.

އަދިވެސް ދަންނަވަމެވެ. ރަނގަޅު ނިޒާމެއްނެތް ނަމަ، ރިޕަބްލިކް އޮފް ތުރުކީއަށް ވީގޮތް، ރިޕަބްލިކް އޮފް މޯލްޑިވްސްއަށްވުމަކީ ދުރުކަމެއްނޫނެވެ. ވީމާ އިސްސަފުގައި މިއަދު ތިއްބެވި ބައެއް ބޭފުޅުންނާމެދު ވިސްނަވާ ޤައުމު ހަމަމަގަށް އަޅުއްވަން ކޮންމެ ބޭފުޅަކުވެސް އަތުކުރި އޮޅާލައްވައި ކަމަރު ބަނދެލައްވާށެވެ.

ދޮންމީހުން ބުޔަސް، އަޅުގަނޑުމެންނަކާ ކޮންކަމެއްތޯއެވެ. ދޮންމީހުން އުޅޭގޮތަށް ބައެއް ބޭފުޅުން އުޅުއްވާ ހިތްވިޔަސް، އަޅުގަނޑުމެންނަކާ ކޮންކަމެއްތޯއެވެ. ހިކިއެއްޗެހި ބޭނުންކޮށް ނުވަތަ، ހިކިއެއްޗެހި މަދުކޮށްފައި، ދިޔާ އެއްޗެހި ގިނަކުރުމާމެދު އަޅުގަނޑުމެން ފިކުރު ހިންގަން ޖެހޭތޯއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: