ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތައް ހުޅުވި މުއްދަތު އިތުރުކޮށްފިއެވެ.
ސަރުކާރުން މި މުއްދަތު އިތުރުކޮށްފައި މިވަނީ، ހުސްވި މެއިމަހުގެ 31 ވަނަ ދުވަހުން ފެށިގެން، މިއަދާއި ހަމައަށް، ސަރުކާރުގެ އިދާރާތައް ހުޅުވަން އެންގި އެންގުމުގެ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.
މި ގޮތުން، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތައް ހުޅުވަން ނިންމި މުއްދަތު އިތުރުކޮށްފައި މިވަނީ، ޖޫން 14 ވަނަ ދުވަހުން ފެށިގެން، ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނީ، މި މުއްދަތުގެ ތެރޭގައި، ކޮންމެ ހަފުތާއެއްގެ ވެސް، ހޯމަދުވަހާއި، އަންގާރަދުވަހާއި، ބުދަދުވަހުގެ އިތުރުން، ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން، މެންދުރުފަހު 13:00 އަށް ސަރުކާރުގެ އިދާރާތަށް ހުޅުވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، ސަރުކާރުގެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިދާރާތައް ހުޅުވައިގެން ކުރާނެ މަސައްކަތްތައް، އެ އިދާރާއެއްގެ ވަޒީރު، ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ އިންތިޒާމުކުރައްވަންވާނެ ކަމަށެވެ. އަދި އެ އިދާރާއެއް ހުޅުވާނީ، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނިކަމަށާއި، ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް، ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން، އިދާރާތައް ހުޅުވިނަމަވެސް، މަސައްކަތް ކުރަންވާނީ، އެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް، އެ އޮފީހަކުން ހުށަހެޅުމަށްފަހު، އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާ، އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް، އޮފީސްތަކަށް އަންގާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަދި ސަރުކާރުގެ އިދާރާއެއް ހުޅުވިކަމުގައިވިޔަސް، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް އިސްކަންދިނުމަށާއި، އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެމުން ގެންދިއުމަށް އިދާރާތަކަށް އަންގަވާފައިވާކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

