ސްޓެލްކޯގެ މުވައްޒަފެއްގެ މިންނެތް މަސައްކަތްތަކަށް އެ ކުންފުނިން ޝުކުރު އަދާކޮށްފިއެވެ.
މި ކަން ހާމަކޮށް ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހުޅުމާލޭ އިންޖީނުގޭގައި ލޮކްޑައުންވެގެން ގިނަ މުވައްޒަފުންތަކަކާއެކު 60 ދުވަސް ހޭދަކޮށްފައިވާ އެ ކުންފުނީގެ މުވައްޒަފު މުޙައްމަދު އަބޫބަކުރަކީ، (ބެންޖޯބެ) ރަށްރަށަށް ފޮނުވަންޖެހޭ ސާމާނާއި، ކުންފުނީގެ ދަތުރުފަތުރުގެ އިންތިޒާމުތައް އޭގެ އެންމެ އެދެވޭ ގޮތަށް އަދާކޮށްފައިވާ މުވައްޒަފެއްކަމަށެވެ. އަދި ލޮކްޑައުންގައި ތިބި މުވައްޒަފުންގެ ކެއިންބުއިމާއި، ނިދުމުގެ ހުރިހައި ޒިންމާއެއް، ކުންފުނީގެ ވެރިންގެ އިރުޝާދުގެ ދަށުން، ނުހަނު ފުރިހަމައަށް އަދާކޮށްފައިވާކަމަށެވެ.
ސްޓެލްކޯއިން މިއަދު ހިއްސާކުރި ޓްވީޓުގައި، މުޙައްމަދު އަބޫބަކުރަށް ޝުކުރުއަދާކޮށް، އަދި އޭގެ އިތުރަށް އޭނާގެ ވީޑިއޯއެއް ވެސް ޢާންމުކޮށްފައިވެއެވެ.
https://twitter.com/STELCOMALDIVES/status/1271300802548609025?s=19
މި ގޮތުން، ސްޓެލްކޯގެ ޓްރާންސްޕޯޓް ޔުނިޓާއި ހަވާލުވެހުރި، މުޙައްމަދު އަބޫބަކުރު ބުނުއްވީ، އޭނާއާއި، އޭނާގެ ޓީމު ލޮކްޑައުންގައި އުޅޭތާ މިހާރު 60 ދުވަސްވެފައިވާކަމަށެވެ. މުޙައްމަދު އަބޫބަކުރު ބުނީ، 42 މުވައްޒަފެއްގެ ކެއުމުގެ ކަންތައްތައް ބަލަހައްޓާކަމަށާއި، މުވައްޒަފުން ބޭރަށް ފޮނުވާއިރު މާސްކާއި އަންގި ބޭނުންކުރުމަށް ޚާއްސަ އިސްކަމެއްދެއްވާކަމަށެވެ.
”އަޅުގަނޑު މިވަގުތު ސްޓެލްކޯގެ ޓްރާންސްޕޯޓް ޔުނިޓާއި ހަވާލުވެ މިހުރީ، އަޅުގަނޑާ އަަޅުގަނޑުގެ ޓީމާ މިހާރު އުޅޭތާ 60 ދުވަސްމިވީ ލޮކްޑައުންގަ އުޅޭތާ. ލޮކްޑައުންތެރޭގާ ކުންފުނީގަކުރަންޖެހޭ ހުރިހާ ދަތުރުތަކެއް އަޅުގަނޑުގެ ބެލުމުގެދަށުންކުރާނީ، މިސާލަކަށް މިކޮޅުގައުޅޭ 42 މީހުންގެ ކެއުމުގެ ކަންތައްތައް ވެސް އަޅުގަނޑު ސަޕްލައިކަންތަތަކުގަ އުޅޭނީ. ހަމަ އެންމެ ރައްކާތެރިގޮތަށް މުވައްޒަފުންވެސް މާސްކާއި އަންގިއާއި، އަޅުވައިގެން މި ބޭރަށްފޮނުވަނީ. ދެން ނުރައްކާތެރިތަނަކުން މިސާލަކަށް ކޮވިޑް ވިލެޖު.އެކަހަލަތަނަކަށް ވަންނަންޖެހިއްޖިއްޔާ ވެސް އެ އޮންނަ ޕްރޮސީޖާއެއްގެތެރެއިން އެ އަޅަންޖެހޭ ހެދުމެއް އަޅައިގެން ވައްދަނީ، މިހާތަނަށް އެންމެ ނުރައްކާތެރި ދަތުރުތަކަކީ، ފަރުކޮޅުފުށްޓަށް ކަރަންޓުގެ މައްސަލައެއް ދިމާވެގެން އަނެއް ކަރަންޓްގެ މީހުން ގޮވައިގެންދާންޖެހުނު ދެ ދަތުރެއްގަ.“
މީގެ އިތުރުން، މުޙައްމަދު އަބޫބަކުރު ވިދާޅުވީ، މަސައްކަތްކުރުމުގައި ހުރިހައި މުއައްސަސާއަކަށް އެއްބާރުލުންދެއްވާ ކަމަށެވެ. މި ގޮތުން ލޮކްޑައުންގެތެރޭގައި ކުރި ވިއްސާރައިގައި، ސިނަމާލޭ ބުރިޖުގެ ލައިޓްތަކަށް ލިބުނު ގެއްލުންތައް ހައްލުކޮށްދިނުމަށްޓަކައި، ސިޓީކައުންސިލާއެކު ސްޓެލްކޯގެ ވެހިކަލުގައި ހަރަކާތްތެރިވެފައިވާކަމަށެވެ.

