ކޮވިޑް-19އާއި ގުޅިގެން އެމްޓީސީސީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ސަންގު ޓީވީ އަށް މައުލޫމާތުދެމުން އެމްޓީސީސީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކޮވިޑް-19އާއި ގުޅިގެން އެމްޓީސީސީގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަދަލުގެންނަން ޖެހިފައިވާ ކަމަށާއި ކޮވިޑް-19އާއި ގުޅިގެން މަސައްކަތްތައް މަޑުޖެހި ލަސްވެފައިވާކަމަށް މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ. އަދި އެކި ރަށްރަށުގައި މަސައްކަތް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށްޓަކައި އެކުންފުނިން މަސައްކަތް ކުރަމުންދާ ގޮތަށް ބަދަލުގެންނަން ޖެހިފައިވާކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. އަދި ލޮކްޑައުންއަށް ދިޔުމާއި ގުޅިގެން ބައެއް ކަހަލަ ސާމާނުތައް އެއް ރަށުން އަނެއް ރަށަށް ގެންދިޔުމަށާއި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދިޔުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް، އެޗްޕީއޭގެ ހުއްދައާއިއެކު ފަހުން އެކަމަށް ހައްލުތަކެއް ލިބިގެން ގޮސްފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީއިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މީޑިޔާ އޮފިޝަލް ވިދާޅުވީ ކޮމަންޑޫ ހާބަރުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިދިޔަ އަަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އީއައިއޭ ރިޕޯޓު ލިބުމާއެކު ޑިސެމްބަރު މަހުން ފެށިގެން މިޕްރޮޖެކްޓް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ށ. ކޮމަންޑޫގެ ހާބަރު ހެދުމުގެ ދަށުން ހިންގާ އެކި މަޝްރޫއުތަކަށް ޖުމްްލަ 29.41 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮވިޑް-19ގެ ހާލަތާއެކުވެސް އެމްޓީސީސީން އަންނަނީ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހއ.ހޯރަފުށީގައި ތަރައްގީކުން ފަށާފައިވާ، ވައިގެ ބަނދަރުގެ 83 ޕަސެންޓް ނިމިފައިވާއިރު ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި، 30 އެނދުގެ ވާރޑް އިމާރާތެއް އެޅުމާއި، އޯޕީޑީ ސަރަހައްދު މަރާމާތުކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި، އޮފީސް އިމާރާތާއި، އުފަން ހިޔާ ވޯކްވޭ އަކުން ގުޅުވައިލުމުގެ އިތުރުން، ލެބޯޓްރީ އަޕްގްރޭޑްކުރުމަށްޓަކައި އުފަންހިޔާއަށް ބަފަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، ތާރުއަޅައިގެން ހަދަމުން އަންނަ އައްޑޫ ސިޓީގެ ހުޅުދޫ/މީދޫގެ ބޮޑުމަގުގެ މަސައްކަތްތަކުގެ 80 ޕަސެންޓްގެ މަސައްކަތް ނިމިފައިވާއިރު، އަންނަ އޯގަސްޓު މަހުގެ ނިޔަލަށް އެ މަސައްކަތްތައް ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

