ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅުއްވާފައިވާ ”ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020“ މި ބިލު އަނބުރާ ގެންދެވުމަށް ސަރުކާރަށް ގޮވާލައްވާކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރައްވަމުން ޢަފީފް ވިދާޅުވީ، ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ގައި ބުނާއެއްޗަކާއި އެ ބިލުގެ ސުރުޚިއާއި ނުގުޅޭކަމަށް ފާހަގަނުކުރެއްވޭކަމަށެވެ. އަދި މި ބިލު ހުށަހަޅާފައި މި އޮތީ ސަންސެޓް ޤާނުނެއްގެ ގޮތުގައި ކަމަށާއި، ޙަޤީޤަތުގައި މި ޤާނޫނުގައި ބަޔާންކުރާ ކަންތައްތަކަކީ ކޮވިޑް-19 އިގެ މި ހާލަތުގައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ނުވަތަ ކަށަވަރުކޮށްދޭންޖެހޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ވާހަކަކަމަށެވެ.
އެހެންނަމަވެސް ބިލުގައި ބަޔާންކުރާ ކަންތައްތައްވެއްޖެކަމަށާއި، ސަރުކާރުގެ ފަރާތުން، ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ރައްކާތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
މީގެ އިތުރުން ޢަފީފް ވިދާޅުވީ، ގެދޮރު ނެތިގެން ނުވަތަ ކުއްޔަން އުޅޭ ތަނުން ބޭރުކުރެވިފައިވާ ފަރާތްތަކަށްވެސް، ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަމުގެ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާކަމަށާއި، އަދި ބޭސްފަރުވާއަށް ބޭނުންވާ ފަރާތްތަކަށް އެ ކަންތައްތައް ވެސް ހަމަޖައްސައިދީފައިވާކަމަށެވެ.
މި ހުރިހައިކަމެއް މި ގޮތަށް އޮތްއިރުގައި، މި ބިލު ސަންސެޓު ޤާނޫނެއްގެ ގޮތުގައި ފަރުމާކުރެވިފައި އޮތުމުގެ ބޭނުމެއް މިހާރަކު ނެތްކަމަށާއި، މި ބިލުގައި ބުނާ ކަންތައްތަކަކީ މުސްތަޤުބަލުގައި ދިމާވެދާނެ މި ފަދަ ހާލަތްތަކުގައި ކަންކުރާނެގޮތަށް ކަންތައްތައް އިންތިޒާމުކުރެވޭނެ ގޮތަށް ބިލު ފަރުމާކޮށްގެން، މި ފަދަ ރައްކާތެރިކަމުގެ ޤާނޫނެއްގެ ގޮތުގައި މި ބިލު ގެނައުން މުހިންމުކަމަށް ޢަފީފު ވިދާޅުވިއެވެ.
”މި ހުރިހާކަމެއް މިހެން އޮތްއިރުގާ މި ބިލު މިހާރު ފަރުމާކުރެވިފައޮތް މިގޮތުން މި ވަގުތަށް ސަންސެޓު ޤާނޫނެއްގެގޮތުގަ ފަރުމާކުރެވިފަ އޮތް އޮތުމުގެ ބޭނުމެއް މިހާރަކު ނެތް. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ މި ޤާނޫނެއް އާދެ މި ބިލުގަ މިބުނާ ކަންތައްތަކަކީ މުސްތަޤުބަލުގަ އަޅުގަނޑުމެންނަށް ދިމާވެދާނެ މިފަދަ ހާލަތްތަކުގަ ކަންކުރާނެގޮތަށް ކަންތައްތައް އިންތިޒާމުކުރެވޭނެ ގޮތަށް މި ބިލު ފަރުމާކޮށްގެން ޢާންމުކޮށް މިފަދަ ރައްކާތެރިކަމުގެ ޤާނޫނެއްގެ ގޮތުގަ މި ބިލު އަޅުގަނޑުމެން ގެނައުން މުހިންމުކަމަށް އަޅުގަނޑު. އަޅުގަނޑު ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ ގޮވާލަނީ މި ބިލު އަނބުރާ ގެންދަވާފައި، މި ދަންނަވާ ގޮތަށް ފަރުމާކޮށްފައި މަޖިލީހަށް ހުށަހެޅުމަށް. މި ވަގުތު މި ކޮވިޑް-19 އިގެ ކަންތައްތައް އަޅުގަނޑުމެން ނިއުނޯމަލް އާންމު ދިރިއުޅުމަކަށް މިދަނީ. ދާއިރުގާ މި ބިލުގާ ބުނެފަ މިހިރަ ވަޒީފާ ގެއްލިފާވާ ފަރާތެއްގެ ވަޒީފާ ގެއްލިއްޖެ. ބޯހިޔާވަހިކަން އާދެ ގެދޮރު ކުލިނުދެއްކިގެން އުޅޭ މީހުން އެތަނުން ނެރެފި. ދެން އެ ގިނަ ފަރާތްތައް އާދެ ގިނަ ފަރާތްތައް ކުއްޔަށް މިއުޅޭ ފަރާތްތައް އެ ފަރާތްތަކުން ހަމަ މިހާލަތުގަ ގިނަ ފަރާތްތަކުން، ވަރަށް ރަނގަޅަށް ކަންތައްކޮށްފަ އޮތީ. އެހެންވީމަ އަޅުގަނޑުމެން މި ކަންތައްތައް ބަޔާންކުރާ ގޮތަށް ގެންނަންވީ ކުރިއަށް މުސްތަޤުބަލުގަ ދިމާވެދާނެ ކަމެއްގެ ގޮތުގަ ބަލައިގެން.“
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅުއްވާފައިވާ ”ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020“ ގެންދަވުމަށް ސަރުކާރަށް ޢަފީފް ގޮވާލައްވާފައިވާއިރު، ބިލަށް ބަހުސްކުރެއްވި ބައެއް މެންބަރުންވަނީ، މި ބިލަކީ، އިޖުތިމާޢި ގޮތުންނާއި، އިޤުތިސާދީ ގޮތުން ވެސް އެންމެ ރަނގަޅު ބިލެއްކަމަށެވެ.

