މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މަޖިލީހުގެ މީޑިޔާ ޑިރެކްޓަރ ހަސަން ޒިޔާއު ”ސަންގު“އަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މަޖިލީހުގެ މުވައްޒަފު ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު މަޖިލީހުގެ މަސައްކަތްތައް މިވަގުތު ހުއްޓާލައިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު މަޖިލީހުގެ އިދާރާއަށް މީހުން ވަދެ ނުކުތުން މަނާވާނެ ކަމަށެވެ.
އެޗްޕީއޭއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕޮޒިޓިވްވި މުވައްޒަފު އެންމެ ފަހުން މަޖިޅިހުގެ އިދާރާއަށް ގޮސްފައިވަނީ ހޯމަ ދުވަހުއެވެ. އަދި މިމަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށް ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ތިބި ބޭފުޅުން މަޖިލިހުގެ އެޗްއާރަށް ދިޔުމަށް ވަނީ އަންގާފައެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް މެމްބަރުން ގެތަކުގައި ތިބެގެންނެވެ. އެހެންނަމަވެސް، ކައުންސިލް އިންތިޚާބާއި ގުޅިގެން ގާނޫނު އސާސީ އިސްލާހުކުރުމަށް މަޖިލީހުގެ ޖަލްސާތައް ތަޅުމަށް ހާޒިރުވެގެންނޫން ގޮތަކަށް ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ނިންމިއެވެ.
މަޖިލީހުގެ ތަޅުމުގައި ވަކި އުސޫލުތަކަކާއި އެއްގޮތަށް ޖަލްސާތައް ބޭއްވުމަށް ހުއްދަ ދޭން އެޗްޕީއޭއިން ނިންމާފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް، އެހާތަނަށް މަޖިޅިހުގެ ޖަލްސާތައް އިދާރާގައި ބެއްވުން ލަސްނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެޗްޕީއޭގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރައީސް ފުރަތަމަ ނިންމެވި ނަމަވެސް، މެމްބަރުންނާއި އާންމުންގެ ފާޑުކިޔުންތަކުގެ ސަބަބުން މަޖިލީހުގެ ޖަލްސާތާއް ތަޅުމުގައި ބޭއްވުމުގެ ހުއްދަ ނެގުމަށް އެޗްޕީއޭއަށް މަޖިލީހުން ވަނީ ދަންނަވާފައެވެ. އަދި ފުލުހުންގެ ޚާއްސަ ހުއްދަވެސް މެމްބަރުންނަށާއި މުވައްޒަފުންނަށް ދޫކޮށް މެއި މަހުގެ 26 ވަނަ ދުވަހު ފުރަތަމަ ޖަލްސާ ވަނީ ބާއްވާފައެވެ.
ޖަލްސާތައް މިހާތަނަށް ބާއްވަމުން އައިސްފައިވަނީ ގައިދުރުކަމަށާއި އެހެނިހެން ރައްކާތެރި ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. އެގޮތުން މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު މާސްކް އެޅުންފަދަ ކަންކަން އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެހެންނަމަވެސް، ގާނޫނު އަސާސީ އިސްލާހުކުރުމަށް ބޭއވި ޖަލްސާގައި އެފަދަ އުސޫލުތަކާއި މިންގަނޑުތަކާއި ޚިލާފު ބައެއް ކަންކަން ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިކަމާއި ގުޅިގެން ކޮވިޑް-19ގެ ޚާއްސަ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިން އަދި ޑީކޮންޓެމިނޭޝަންގެ މަސައްކަތް ކަމަށެވެ. އަދި މިދެ ކަންތައް ނިންމާލެވުނުޙާ އަވަހަކަށް މަޖިލީސް އަލުން ހުޅުވާނެ ކަމަށް ވިދާޅުވިއެވެ.

