ސުލޫކީ މައްސަލައެއް ބެލުމުގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ދަނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންކަމަށް ކުރީގެ އުއްތަމަ ފަނޑިޔަރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ މިހެން ވިދާޅުވެފައިވަނީ އިތުރު ބައެއް ފަނޑިޔާރުނެއްގެ މައްސަލަ ބަލަން ފަށާފައިވަކަމަށް ޖޭއެސްސީން ހާމަކޮށްފައިވަނިކޮށެވެ. އަދި އެ މައްސަލަތައް ބަލަމުން ގެންދާ ފަރާތަކުގެ ތެރޭގައި ސިވިލް ކޯޓިގެ އިސް ގާޒީ ހިމެނިވަޑައިގަންނަވައެވެ.
ޖޭއެސްސީން މީގެ ކުރިން ނިންމާފައިވާ ނިންމުމަކާއި މެދު ސުޕްރީކް ކޯޓުން ނެރުއްވާފައިވާ އަމުރެއް ޑރ. ދީދީ ވަނީ ޓްވީޓު ކުރައްވާފައެވެ. އެގޮތުން ޑރ ދީދީ ޓުވިޓް ކުރެއްވި ސުޕްރީމް ކޯޓުގެ އަމުރަކީ ކުރިން ސުޕްރީން ކޯޓުގެ ފަނޑިޔާތެއްގެ ގޮތުގައި އިންނެވި އަބްދުﷲ ދީދީގެ ސަސްޕެންޝަނާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެކެވެ. އެ އަމުރު މިހާތަނަށް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައެއް ނުވެއެވެ.
https://twitter.com/AABDULLADIDI/status/1273325893507678208
ސުޕްރީމް ކޯޓުގެ އެ އަމުރުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި އެންމެ ފަހުގެ ނިންމާނީ އެކޯޓުން ކަމަށެވެ. އަދި ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ސައްހަކަމާއެދު އަދި ޝަރުއްއިއްޔަތާއި މެދު ގޮތް ކަނޑައެޅުމުގެ ބާރު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ.
މީގެއިތުރުން އެ އަމުރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ނިންމާ ނިންމަތަކަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުންނާއި، މުސްތަގިއްލު، މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުވައްސަސާތަކުން، އަދި ދައުލަތުގެ މަގާމުތަކާއި ހަވާލުވެ ތިބި މީހުންނާއި ސަލާމަތީ ހިދުމަތްތަކުންނާއި، އެންމެހާ ރައްޔިތުން ތަބާވުން ލާޒިމް ވެގެންވާ ނިންމުމެއްކަމަށް އެ އަމުރުގައި ބުނެފައި ވެއެވެ.
ޖޭއެސްސީގެ މެމްބަރުން، މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާނޫނު އަސާސީއާއި ގާނޫނުގައި ވާ ގޮތުގެ މަތީން ކަންކަން ކުރުމާއި، އަދި ގާނޫނުގެ ވެރިކަން ކުރިއެރުވުން އަދި މަސްއޫލިއްޔަތެއް އަދާ ކުރުމުގައި ނުވަތަ ބާރެއް ބޭނުން ކުރުމުގައި އެއްވެސް ރައްޔިތެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަކަށް ބަލައިގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. ޖުޑިޝަލް ސާވިސް ކޮމުޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވާގޮތުން ބާރުތައް ބޭނުން ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެއެވެ. އޭގެ ތެރޭގައި އެ މީހަކު ނިސްބަތް ވާ އާއިލާއާއި، އެ މީހެއްގެ ފިކުރަކަށާއި ނުވަތަ މަގާމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
ޖޭއެސްސީގެ މެމްބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ރާއްޖޭގެ ގާނޫނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި، ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުންނާއި އަދި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުވައްސަސާތަކުންނާއި، ދައުލަތުގެ މަގާމުތަކުގައި ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ޑރ. ދީދީ ހިއްސާކޮށްފައިވާ އަމުރުގައި ބުނެފައި ވެއެވެ.
ޖޭއެސްސީއިން މެމްބަރުންގެ ސުލޫކީ މިންގަޑާއި މުޅިން ހިލާފަށް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް އަދި އަދުލު އިންސާފަށް ހުރަސްއެޅޭ ގޮތަށް ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ އޭގެ މައްޗަށް ޝަރުއީ އަދި ގާނޫނީ އެއްވެސް ނަތީޖާއެއް ތަރުތީބު ވެގެން ނުދާނެ ޣައިރުދުސްތޫރީ އަދި ޣައިރު ގާނޫނީ ނިންމުމެއް ކަމަށް އެ އަމުރުގައި ވެއެވެ. އަދި އެފަދަ ކޮންމެ ނިންމުމަކީ ވެސް އެއަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެން ނުވާ މުސްތަގިއްލު ސިފައެއްގައި ބާތިލު ނިންމުމެއް ކަމަށް ބުނެފައި ވެއެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް، ބަލަން ފަށާފައިވާކަމަށް ޖޭއެސްސީން ހާމަ ކުރީ އިއްޔެގެ ބައްދަލުވުމަށްފަހުއެވެ. ގާޒީ އަލީގެ މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގައި ވެސް ޖޭއެސްސީން ވަނީ ބަލާފައެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް އެއް މައްސަލަ ބަލާފައިވެއެވެ.
ގާޒީ އަލީއާއި ގުޅޭގޮތުން ޖޭއެސްސީން ބަލަން ފަށާފައިވަނީ ދައުވާ ކުރާ ފަރާތުގެ ބަދަލުގައި، ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ހާޒިރުނުކޮށް މައްސަލަ ބާތިލްކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

