ދިވެހިރާއްޖޭގެ މާޒީގެ ސަފުހާތައް އުކައިލުމުން ފެނިގެންދަނީ، ދިވެހިންގެ ހިތްވަރުގަދަކަމެވެ. ވަރުގަދަ ޢަޒުމަކާއި އުންމީދުތަކެއްގައި ތިބި މަންޒަރެވެ. ފަންވަރާއި ޖޯޝާއި ފޯރީގައި މަސައްކަތްތައްކުރި މަންޒަރެވެ. އެކިއެކި ޒަމާންތަކުގައި ރާއްޖެއަށް ކުރިމަތިލާންޖެހުނު ކަންތައްތަކުން އަރައިގަތުމަށްޓައި، ދިވެހިން ދެއްކި ނަމޫނާއަކީ މިކަމުގެ ހެއްކެކެވެ. މި ގޮތުން ބަލާއިރު، ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމުގެ ދުވަސްވަރާއި، ނުރައްކާތެރި ކޮލެރާ، ޝިގެއްލާ ފަދަ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ދިވެހިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައިލިޔަސް މިކަން ހާމަވެގެންދަނީ ނުހަނު ސާފުގޮތެއްގައެވެ. އެ ކަންތައްތަކަކީ، އޭރާއި ބަލާއިރު ދިވެހިންނަށް ސާބަސް ޙައްޤުވާފަދަ ކަންކަމެވެ. ވެރީންގެ ދަރަޖައިން ފެށިގެން ޢާންމު ރައެްޔިތުމީހާ ވެސް އޭރު ދައްކާފައިވަނީ ވަރަށް ވެސް ފުރިހަމަ ނަމޫނާއެކެވެ. ފަހެ، ބަލާއާފާތެއް ޖެހުނަސް، ދެންހުރި ކަންތައްތަކަށް އެ މީހުން އިހުމާލެއްނުވެއެވެ.
އާދެ، އަޅުގަނޑު ދަންނަވައިލަން މި އުޅެނީ އޭރާއި މިހާރާއި ހުރި ފަރަޤެވެ. އޭރު އެ ބީދައިން ކަންކަންހުރިކަމުގައި ވިޔަސް، މިހާރުގެ ކަންކަން ހުރިގޮތުގެ މައްޗަށް ކަޅިއެއް އެއްލުމުގެ ގޮތުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި، ޗައިނާއިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިގެންދިޔަ، ކޮވިޑް-19 ދިވެހިރާއްޖެއަށް އައީ، ދިވެހިން ސިއްސުވައިލަމުންނެވެ. ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ވައްދަމުންނެވެ. މި ގޮތުން އެ ނުރައްކާތެރިކަމުގެތެރޭގައި، އެ ބިރުވެރިކަމުގެތެރޭގައި، އެ ބަލާއާފާތުގައި، ދިވެހިރާއްޖެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެ، އޭގެތެރެއިން 8 މީހަކު ވަނީ ނިޔާވެފައެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސަރުކާރުން މިކަމަށް އެދެވޭ ފިޔަވަޅުތަކެއް ވެސް އަޅާފައިވެއެވެ. ނަމަވެސް، ފެނިގެންދިޔައީ އެ ކަންކަން އެ ގޮތަށް ހުއްޓައި ދެންހުރި ކަންކަން ބޮއްސުންލައިގެންދިޔަ މަންޒަރެވެ. އާދޭހެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ހުރިހައިކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުދާނެކަން ޤަބޫލުކުރަމެވެ. އެހެނީ، ކޮވިޑް-19 އިގެ ސަބަބުން ދުނިޔެއަށް މި ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. އަރައިނުގަނެވޭފަދަ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އިޤުތިޞާދު މިވަނީ އިނދަޖެހިފައެވެ.
ނަމަވެސް އެ ދަތިތައް އެހެން ހުރިނަމަވެސް، ދެންހުރި ހުރިހައިކަމެއް ބޮއްސުންލައިގެން ދިޔުމަކީ ޤަބޫލުކުރެވޭކަމެއްނޫނެވެ. މިއަދުގެ ދިވެހިރާއްޖެއަށް ބަލައިލުމުން ފެންނަނީ ހެލްތު މިނިސްޓްރީން ނުކުޅެދިފައިވާ މަންޒަރެވެ. ކޮވިޑް-19 އިގެ ސަބަބުން، ދެންހުރި ބަލިތަކަށް ފަރުވާދިނުމުގައި ސިއްހީ ވުޒާރާއިން ނުކުޅެދިފައިވާ މަންޒަރެވެ. ކަން މިހެންވަނީ ވެސް ސަބަބުތަކެއްނެތިއެއް ނޫނެވެ. ހިސާބަށްވުރެ ފަރުވާކުޑަވެ، ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުންނެވެ. މަސްއޫލިއްޔަތަކީ ކިހާވަރެއްގެ އެއްޗެއްކަން ނޭނގުމުންނެވެ. ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނަށް، މަސްއޫލިއްޔަތަކީ ކޮބައިކަން އެނގިވަޑައިނުގަތުމުގެ ސަބަބުންނެވެ.
އާދޭހެވެ. މަސްއޫލިއްޔަތަކީ ދުވާލަކު އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރު، ހެލްތު މިނިސްޓްރީގެ އިންސްޓަރގްރާމަށް، މިނިސްޓަރު އަމީންގެ ފޮޓޯ އަޕްޑޭޓްކުރެއްވުމެއް ނޫނެވެ. ތިޔައިގެތެރެއިން ބޭފުޅަކު ހެލްތު މިނިސްޓްރީގެ އިންސްޓާރގްރާމަށް ބައްލަވާލައްވައިފިނަމަ، މިނިސްޓަރު އަމީންގެ މޫނުފުޅު ފިޔަވައި އެހެން އެއްޗެއް ފެނިވަޑައެއްނުގަންނަވާނެއެވެ. މުޅި އޮޑިގައި ހަސަނުގެ ދެފައޭ ބުނާހެން، ހެލްތު މިނިސްޓްރީގެ އިންސްޓަރގުރާމުގައިވަނީ، އެކިއެކި ގޮތްގޮތަށް ހުންނަވައިގެން، އެކިއެކި ގޮތްގޮތަށް އިންނަވައިގެން ނަންގަވާފައިވާ ފޮޓޯތަކެވެ.
މަސްއޫލިއްޔަތު އަދާކުރެއްވުނުވަރު އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެއެވެ. ކޮވިޑް-19 އިގެ ސަބަބުން، ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ބަލައިނުގަނެވޭނެ ފަދަ އެތައްކަމެއް ހިނގައިފިއެވެ. މި ގޮތުން ބަލާއިރު، ރަށުން ބޭރަށް ދެވޭނެގޮތެއް ނެތިގެން، އއ.ތޮއްޑޫގެ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވި މައްސަލަ ހިމެނެއެވެ. އެ މާބަނޑު މީހާގެ ޢާއިލާއިން ބުނެފައިވަނީ، ކުއްޖާގެ ހަރަކާތްތައް ދަށްވެގެން، އެ ރަށު ސިއްހީ މަރުކަޒަށް ދިއުމުން، ސްކޭން ހެދޭނެ ގޮތެއް ނެތްކަމަށް އެންގިކަމަށެވެ. އަދި ސްކޭން ހެދޭނެ ގޮތެއް ނެތުމުން، އއ.ރަސްދޫ ހޮސްޕިޓަލަށް ދިއުމަށް އެދުނުކަމަށާއި، އެހެންނަމަވެސް ރަސްދޫން އެކަމަށް އެއްބާރުލުމެއް ނުދޭކަމަށެވެ.
މީގެ އިތުރުން ހއ.ބާރަށުގައި ވެސްވަނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެފައެވެ. އަންހެންމީހާގެ ހާލު ދެރަވުމުން، އެ ދެމަފިރިން ވަނީ ހއ.ދިއްދޫ ހޮސްޕިޓަލަށް ގޮސްފައެވެ. ނަމަވެސް އެ ހޮސްޕިޓަލުން ސްކޭންކުރެވެން ނެތުމުން، އެ ހޮސްޕިޓަލުން އެންގީ ކުޅުދުށްފުށީ ހޮސްޕިޓަލަށް ދިއުމަށް އަންގާފައެވެ. މި ގޮތުން، އާސަންދަ ހަމަނުޖެހުމުން، އެ ދެމަފިރިން އެނބުރި ރަށަށްއައިސް، ލޯންޗެއް ކުއްޔަށް ހިފައިގެން އެ ދެމަފިރިން ކުޅުދުށްފުށްޓަށް ދިޔައެވެ. ނަމަވެސް ސްކޭން ހެދުމަށްފަހު، ހޮސްޕިޓަލުން ބުނީ، ބަނޑުގެތެރެއަށް ދަރިފުޅު ނިޔާވެފައިވާކަމަށެވެ. ހަމައެހެންމެ ނ.ނަރުދޫ މާބަނޑު މީހެއްގެ ބަނޑަށް ވެސް ވަނީ ދަރިފުޅު ނިޔާވެފައެވެ. އަދި ކިއެއްތަ، މި ނޫންވެސް ކިތަންމެ ކިތަންމެ މައްސަލައެކެވެ.
މި މައްސަަލަތަކުގެ ޒިންމާ ނަގަންވީ، ނިޔާވި ކުދިންގެ މައިންބަފައިންތޯއެވެ؟ ނުވަތަ ހެލްތު މިނިސްޓްރީންތޯއެވެ؟ ނުވަތަ އިބްރާހިމް މުޙައްމަދު ޞާލިޙްތޯއެވެ؟ އެއްވެސް ޝައްކެއްނެތެވެ. މި ކަންކަންވީ ކިހިނެއްތޯ ބަލަން ހެލްތު މިނިސްޓްރީން ޖެހޭނެއެވެ. އަދި މިކަމުގެ ޒިންމާ ނަގަން ވެސް ޖެހޭނެއެވެ. ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެއެވެ. އެހެނީ، އެ ބޭފުޅަކާ މަތިކުރައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ނަމަވެސް ފެނިގެންދަނީ މިނިސްޓަރުގެ އަމީން ހެލްތު މިނިސްޓަރުކަމަށް ކުފޫ ހަމަވެވަޑައިނުގަންނަވާތަނެވެ. ކުފޫހަމަވެވަޑައިގަންނަވަނީ ކޮންކަމަކަށްތޯ، ހެލްތު މިނިސްޓްރީގެ އިންސްޓަރގުރާމް ބަލައިލުމުން އެނގެއެވެ. ވަހުމެއްނެތެވެ. މިނިސްޓަރ އަމީން ހެލްތު މިނިސްޓަރަކަށް ކަމަކުނުދެއެވެ. މޮޑެލްކުރައްވާން އެންމެ ރަނގަޅުމެއެވެ.


One Response
ތީ ވަރަވެސް ރަގަޅުވާހަކައެ މޮޑެލްކުރައް ތިވަރެއްނެ???