މަޖިލީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގްއިން ފާހަގަވި 29 މީހަކު އެކަހެރި ކޮށްފައިވާކަމަށް އެންއީއޯސީއިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މަޖިލީހުން ޕޮޒިޓިވްވި މިހާގެ ކްލޯޒް ކޮންޓެކްޓްގެ ގޮތުގައި 11 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޖުމްލަ 29 މީހަކު އައިސޮލޭޓްކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ މިހަފްތާގެ ބުދަ ދުވަހުއެވެ. އެއީ މަޖިލީހުގެ މެއިންޓެނަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށް މަޖިލީހުން ވަނީ މައުލޫމާތުދީފައެވެ.
މަޖިލިސް މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތަސް، މަޖިލިސް ޑިސްއިންފެންކްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގއަށް ފަހު މަޖިލިސް ހުޅުވާލާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ލޮކްޑައުންގެ ހާލަތުގައި އޮތްއިރު، މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ކުރިއަށްގެންދިޔުމަށް ނިންމުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެންގޮސްފައެވެ.

