ކޮންމެހެންކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން، 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ސަރުކާރުގެ ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާކަމަށެވެ.
ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރު ހުޅުވާ މުއްދަތު ރައީސް އިތުރުކުރައްވާފައި މިވަނީ، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް އިތުރުކުރި މުއްދަތު ހަމަވުމާއި ގުޅިގެންނެވެ. މި ގޮތުން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި، އަންގާރަ ދުވަހާއި، ބުދަދުވަހުގެ އިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން، މެންދުރުފަހު 13:00 އަށް ސަރުކާރުގެ އޮފީސް ހުޅުވާގޮތަށް ރައީސް ވަނީ ހަމަޖައްސަވާފައެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވާގޮތަށް ރައީސް ހަމަޖައްސަވާފައިވާ ނަމަވެސް، ސަރުކާރުގެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށް ރައީސް ވަނީ އަންގާފައެވެ. މީގެ އިތުރުން ރައީސް އޮފީހުން ވަނީ، ސަރުކާރުގެ އިދާރާތައް ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު، ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ހަމަޖައްސަވަންވާނެކަމަށް އަންގަވާފައެވެ. އަދި އެ އިދާރާއެއް ހުޅުވާނީ، މި ހާލަތުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނިކަމަށާއި، ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް، ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އަދި ދައުލަތުގެ އިދާރާތައް ހުޅުވިނަމަވެސް، މަސައްކަތް ކުރަންވާނީ އެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް، ހުށަހެޅުމަށްފަހު، އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ގެންދިއުމަށް އިދާރާތަކަށް އަންގާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސްވަނީ ސަރުކާރުގެ އިދާރާއެއް ހުޅުވިކަމުގައިވިޔަސް، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި ކަންތައްތައް ގޭގައި ތިބެގެން ކުރުމަށް އިސްކަންދިނުމަށާއި، އޮންލައިންކޮށްދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެމުން ގެންދިއުމަށް އިދާރާތަކަށް އަންގަވާފައިވާކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

