ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ފަރުވާއެއް ނެތް، ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރަށްތައް ބަންދުގައި ނުބޭއްވޭނެ: ޑރ. އަފްޒަލް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަކީ ސީދާ އެއްވެސް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫން ކަމަށާއި، ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރާއްޖޭގެ ރަށްތައް ވެސް ބަންދުކޮށްފައި ނުބޭއްވޭނެ ކަމަށް ނޭޝަނަލް އިމަކެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް މަދުވެ، ބައްޔަށް ފަރުވާލިބި ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް، މާލެ ތެރޭގައި ބަލި ހުރިކަން ނޭނގި އުޅޭ މީހުން ވެސް ގިނަވާނެއެވެ. މިހާރު ބައްޔަށް ޕޮޒިޓިވް ވާ މަދު ބައެއްގެ ތެރޭގައި ކޮންމެވެސް ވަރަކަށް އިންޑިޕެންޑެންޓް ކޭސްތައް ނުވަތަ އެހެން އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް މީހުންނެވެ.

ލުއިތައް ދޭން ފަށާފައިވުމާއި ގުޅިގެންނާއި، އަދި މާލެ ތެރޭގައި ރޭގަނޑު 10 ގެ ކުރިން އެއްވެސް ހުއްދައެއް ނެތި އުޅެވޭއިރު މާލޭގެ މަގުތަކަށް ނިކުންނަ މީހުންނާއި ހުޅުމާލެއާއި ވިލިމާލެއަށް ދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އަދި ހާއްސަކޮށް މާލޭގެ ބީޗާއި، ފަތާ ޓްރެކް ސަރަހައްދަށް ގިނަ ބަޔަކު ދެއެވެ.

ދާދިފަހުން މާލެއިން ހޯމް ކަރަންޓީނަށް ރަށަށް ދިޔަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ރަށަށް ދިއުމަށްޓަކާ ކަރަންޓިން ފެސިލިޓީއެއްގައި ހުރި މީހެއް ވެސް ބައްޔަށް ޕޮޒިޓިވް ވިއެވެ. މާލެ ތެރޭގައި ބަލި އެކްސްޕޯޒްވެ، ރަށްތަކަށް ދާ މީހުންގެ ފަރާތުން އެ ރަށެއްގައި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން އެކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގު“ އިން ސުވާލު ކުރުމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މި ބައްޔަކީ އެއްގޮތަކަށް ވެސް ރާއްޖޭގެ ރަށްތަކަށް ނުދާނެ ބައްޔެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. އަދި ބަލި ފެތުރިދާނެތީ، ނުވަތަ އެ ރަށަކަށް ބަލި ގޮސްދާނެތީ އެ ރަށަކަށް އާރާ ފޭބުން މަނާކޮށް ލޮކްޑައުންއެއްގައި ވެސް ނުބޭއްވޭނެ ކަމަށެވެ.

އަފްޒަލް ވިދާޅުވީ، ކޮވިޑު ބަލި މާލެއިން ފެނުމާއި ގުޅިގެން ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއްކޮށް ފިޔަވަޅުތަކެއް އެޅި ކަމަށެވެ. ބައްޔަށް ސީދާ ބޭހެއް ނުވަތަ ވެކްސިނެއް ވެސް ހޯދިފައި ނުވާއިރު އެހާ ހިސާބަށް ދެވޭނެ ދުވަހެއް ވެސް ނޭނގެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ބޭހެއް އުފެއްދިއްޖެ ހާލަތެއްގައި ނުވަތަ ވެކްސިނެއް ވެސް ހޯދުމަށްފަހު ދެން ވެސް ކުރިޔަށް ގެންގޮސް ފުރިހަމަ ކުރަންޖެހޭ ޕްރޮސީޖާތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ރަސްމީ ގޮތުން އެކަން އެނގުމުންނާއި، ބޭހާއި ވެކްސިންގެ ސައްހަކަން ކަށަވަރުވުމުން ނޫނީ ބައްޔަށް ޝިފާއެއް ނުވަތަ ކޮންޓްރޯލެއް ގެނެވުނީ ކަމަށް ނުބެލެވޭނެކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ސުވާލަށް ތަފްސީލީގޮތެއްގައި ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވަނީ ޑެންގީ ހުމަށް އުފެއްދި ވެކްސިންގައި ފަހުން ގެއްލުންވާ ކަންތަކެއް ހުރިކަން އެނގިގެން ދިޔަކަން ފާހަގަކުރައްވާފައެވެ. އަދި އޭރު ރާއްޖެއާއި ހަމައަށް އެ ވެކްސިން ނުވެސް އަންނަކަމުގައި ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިއީ ދުވަސްތަކެއް ނަގާނެ ކަމެއް ކަމަށާއި، އެހެން ކަމުން އެ ދުވަހެއް އަންނަދެން މުޅި ރާއްޖެ އެއްކޮށް ލޮކްޑައުންއެއްގައި ނުބެއްވޭނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ތޮއްޖެހިފައިވާ މާލެ ތެރެއިން ބަލި އެއްކޮށް ނެތިގެން ދާނެ ދުވަހެއް ނޭނގޭ ކަމަށެވެ. އެހެން ކަމުން ދެން ދިރިއުޅުން ބައްޓަން ކުރަން ޖެހިފައި މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައްޗަށްކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: