ފާއިތުވެދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި ހިނގާ ޖޫންްމަހުގެ ނިޔަލަށް ހިއްސާގެ މުޢާމަލާތްކުރާ ފަރާތްތަކަށްކަމަށް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން(އެސްޓީއޯ) އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު އެސްޓީއޯއިން ނެރުނު އިޢުލާނެއްގައިވާ ގޮތުން، ފާއިތުވެދިޔަ 2019 ވަނަ އަހަރުގެ ޑިވިޑެންޑް ނުވަތަ ހިއްސާގެ ފައިދާ ލިބޭނީ، މި ހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހުގެ މެންދުރުގެ 12:00 އިގެ ކުރިން ހިއްސާގެ މުޢާމަލާތްކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން، އެ ކުންފުނީގެ އަހަރީ ޖަލްސާގައި ބައިވެރިވެވޭނީ ވެސް، ޖޫންމަހުގެ 30 ވަނަ ދުވަހުގެ ކުރިން މުޢާމަލާތްކުރާ ފަރާތްތަކަށްކަމަށް އެސްޓީއޯގެ އިޢުލާނުގައިވެއެވެ.
ނަމަވެސް އަހަރީ ޖަލްސާ ބާއްވާނީ ކޮން ތާރީޚެއްގައިކަމެއް އެސްޓީއޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
2019 ވަނަ އަހަރުގެ ހިއްސާ ބަހަން އެސްޓީއޯއިން ނިންމާފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައި އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އޭގެތެރެއިން ސާފު ފައިދާގެގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ ހުސްވި އަހަރުގެ ފަހު ކުއާޓަރ އާއި އަޅާބަލާއިރު 32 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

