ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑަރ މިނިސްޓަރ ބަދަލުވެއްޖެ، ވީކަމެއް ހަރާން!

ފޮޓޯ: އަަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

”އަޅުގަނޑުގެ ފްރައިޑޭ، އެހެންވީމަ ހިނގާލީ.“ މިއީ ގާތްގަނޑަކަށް މީގެ ފަސްވަރަކަށް މަސްދުވަސް ކުރިން ކާފަ އަދި މުނިކާފައެއްގެ ޝިކާރައަކަށް ދެއަހަރުގެ ތުއްތު އަންހެން ކުއްޖަކުވެފައިވާކަން ފަޅާއެރި ހިސާބުން އޭރު ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފްގެ ވަރަށް މަޝްހޫރު ޑައިލޮގެކެވެ. ޖިންސީ ގޯނާ ނުވަތަ ރޭޕްއާއި ދެކޮޅަށް ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ޒުވާނުން ހިންގި ހަރަކާތްތައް ބައްލަވައިލެއްވުމަށް މިނިސްޓަރ މަގުމައްޗަށް ނުކުމެވަޑައިގަތުމަށްފަހު ހިންގަވާފައި ޓްރެކް ސަރަހައްދަށް ނުކުމެވަޑައިގަތުމުން، ޝިދާތާގެ ފަހަތުން ދިޔަ ނޫސްވެރިން، އެ ސަރަހައްދަށް ހިންގަވާފައި ވަޑައިގަތީ ކީއްވެތޯ ސުވާލު ކުރުމުން ދެއްވި ޖަވާބަކީ އެއީއެވެ.

އެ ދުވަސްވަރަކީ އޭރުގެ ޖެންޑަރ މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ވެސް ގޮވި ދުވަސްވަރެވެ. ޖެންޑަރ މިނިސްޓްރީ ހިންގުމަށް ކުފޫ ހަމަނުވާކަމަށް ބުނެ ސީދާ ޝިދާތާގެ އިސްތިއުފާއަށް ގޮވިދުވަސްވަރެވެ. ޒިންމާ ނަގަންޖެހޭ އެތައް ކަމެއް ހުރިކަމަށް އާންމުން ބުނަމުންދިޔައެވެ. ޖެންޑަރ މިނިސްޓަރަކަށްވެ ވަޑައިގަތުމުގެ ކުރިން ، އެކަމަކު އެ މިނިސްޓްރީގެ އިސް މަގާމެއް ފުރުއްވިއިރު ފެންމަތިިވި އިބްތިހާލްގެ ހާދިސާގައިވެސް ޝިދާތާގެ އިހުމާލު އޮތްކަމަށް ބުނަމުންދިޔައެވެ. ބެޑްޝީޓެއްގެ ސަބަބުން ކުޑަކުދިންގެ ހިޔާއިން ގެއްލުނު ކަމަށް ބުނާ ފިރިހެން ކުއްޖެއްގެ މައްސަލައެއްވެސް ފެންމަތިވިތާ މާ ގިނަ ދުވަހެއް އޭރު ނުވާނެއެވެ. ޑިސްއެބިލިޓީ އެމްބެސެޑަރަކަށް ހުންނެވި އަހުމަދު ހިޝާންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުންދާކަމުގެ ތުހުމަތުތައް ފެންމަތިވެ އަޑުގަދަވާން ފެށީ ވެސް ހަމަ އެދުވަސްވަރުއެވެ.

އަނެއްކޮޅުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޝިދާތާ ޖަވާބުދެއްވުމަށް ގެންގުޅުއްވި ރާގާއި ގޮތްގަނޑު ކަމުނުދާކަމަށް ބުނަމުންދިޔަ ނޫސްވެރިންވެސް އޭރު މަދެއްނޫނެވެ.  މިކަން ހިނގަމުންދާތާ މާ ގިނަ ދުވަހެއް ނުވިއެވެ. ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ޝިދާތާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގަތްކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވިއެވެ.

އެހެންނަމަވެސް، ޝިދާތާ އިސްތިއުފާ ދެއްވުމުގެ ކުރިން ވިދާޅުވި ފާހަގަކޮށްލެވޭ އެއް ވާހަކައެއް އޮވެއެވެ. މިއީ ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވި ވާހަކައެކެވެ. އިސްތިއުފާ ދެއްވާނީ އޭގެ ފަހުން އެފަދަ އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން ދެއްވުމުން ކަމަށެވެ.

އަޅުގަނޑު އިސްތިއުފާ ދޭނަމަ އިސްތިއުފާ ދޭނީ، މިވަގުތު އަޅުގަނޑު އިސްތިއުފާ ދީގެން ދެން އެއްވެސް ކުއްޖެއްގެ ސެކްސިއުލް އެބިއުސް މައްސަލައެއް ނާންނާނެ ކަމުގެ ޔަގީންކަން އަރުވަން ޖެހޭ: ޝިދާތާ ޝަރީފް

އާ ޖެންޑަރ މިނިސްޓަރެއް ވެސް ލިބިއްޖެއެވެ. ކުޑަކުދިންގެ ހައްޤުގައި އާ ޤާނޫނެއް ވެސް ލިބިއްޖެއެވެ. ޖިންސީ ގޯނާއާއި، ފުރައްސާރައިގެ ނުވަތަ ރޭޕް ކޭސްތައް ފެންމަތިވާ މިންވަރު ވަކި މަދެއްވެސް ނުވިއެވެ. އޭގެ ބަދަލުގައި މިފަދަ ކޭސްތައް ހިނގަމުންދާ ގޮތް ބަދަލުވެ ކުރިއަށްވުރެ ނުރައްކާތެރި ހަރުފަތަކަށް މިކަން ބަދަލުވަމުންދާ މަންޒަރު ފެންނަން ފަށައިފިއެވެ.

ލޮކްޑައުންގެ ހާލަތުގައި ޚާއްސަ ހުއްދައެއް ލިބިގެން ނޫނީ  އެއް ތަނުން އަނެއް ތަނަށް ދިޔުން މަނާކޮށްފައި ވަނިކޮށް 16 އަހަރުގެ ކުއްޖާކަށާއި އާއިލާއަށް ބްލެކްމެއިލްކޮށްގެން މާލެ ގެނެސް ގެސްޓްހައުސްއެއްގައި ރޭޕްކުރި މައްސަލައެކެވެ. 11 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށްގެން ގެސްޓް ހައުސްއަކަށް ގެންދިޔުމަށްފަހު ރޭޕްކުރި މައްސަލައެކެވެ. ކަރަންޓީން ފެސިލިޓީއެއްގައި ހުރި އަންހެން ކުއްޖަކަށް އެމްއެންޑީއެފްގެ މީހަކު ޖިންސީ ފުރައްސާރަކުރަން އުޅުނުކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުތަކެވެ.

ޖެންޑަރ މިނިސްޓަރ ބަދަލުކުރުމާއެކު މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެެވެ. އެހެންނަމަވެސް، މިއީ މިނިސްޓަރުގެ މައްސަލައެއް ނޫންކަމަށާއި، މިއީ ނިޒާމްގެ މައްސަލައެއްކަމަށް ޚުދު ޝިދާތާ އާއި، ބައެއް އާންމުންވެސް ބުނަމުންދިޔައެވެ.

މި ވީހާތަނަށް އައިއިރު އެއްވެސް ރޭޕިސްޓަކަށް ނުވަތަ ޖިންސީ ފުރައްސާރައާއި ގޯނާކުރާ މީހަަކަށް ހައްޤު އަދަބު ދެވިފައެއް ނުވެއެވެ. އެވަރުން ނުވެގެން އެފަދަ މީހުންގެ މައުލޫމާތާއި ކަންކަން ސިއްރުކޮށްފައިވާ މިންވަރު ވެސް މަދެއް ނޫނެވެ. ކައިރި އަވަށްޓެރި ޤައުމުތަކުގައި ވެސް ރޭޕްގެ ކުށް ސާބިތުވުމުން މަރުގެ ހުކުމް ތަންފީޒުކޮށްފައި އެބަހުއްޓެވެ. އެކަމަކު މިރާއްޖޭގައި އެފަދަ އަދަބެއް ކައިރި މުސްތަޤުބަލެއްގައި ދޭނެތަނެއް ވެސް ނުފެނެއެވެ.

އެފަދަ މީހުންނަށް މަރުގެ ހުކުމް ތަންފީޒްކުރުމަށް މުޅި ރާއްޖެ ގޮވާލަމުން ދާއިރު، މިފަދަ ޝަރީއަތްތައް ލަސްވެ، އެތައް އަހަރެއް ފާއިތުވެގެންދާއިރު ވެސް، ކުށް ސާބިތުނުވެ ނުވަތަ އެކަށީގެންވާ ހުކުމެއް ތަންފީޒުކުރެވިފައި ނުވަނީ، މިވީހާތަނަށް އައިއިރު އެތައް ބައެއްގެ އިހުމާލު އޮވެގެންނެވެ. ވަކި ބަޔަކަށް ނުވަތަ ތަނެއްގެ އެކަނި އިހުމާލެއް ނޫނެވެ. ޖުމްލަކޮށް މުޅި ނިޒާމެވެ. ބޭނުންވަނީ މިއަށްވުރެ ހަރުދަނާ ނިޒާމެކެވެ. ކުދި ބޮޑު އެންމެންނަށް މިއަށްވުރެ އަމާން ރައްކާތެރި މާހައުލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: