ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމް އެމްޑީޕީއަށް: ފުލުހުން ކާކީ ކުލައިގެ ސޯޓު ލެއްވިޔަސް، ގައުމީ ޒިންމާ އަދާކުރާނެ!

ފުލުހުންނަކީ ތައުލީމެއް ނެތް ބައެއްގެ ގޮތުގައި މަޖިލީހުން ސިފަ ކުރުމުން ފާޑުކިޔުންތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނާއި މެދު ނަފްރަތު އުފައްދައި، ”ސޯޓު ލައްވާ“ މަގުތަކަށް ވެސް ނެރެވިދާނެ ކަމަށާއި އެހެން ނަމަވެސް އެ މުވައްސަސާއަކީ ކުރާ ހުވަޔާއި ހިލާފުވާނެ ބައެއް ނޫންކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝިޔާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މިއަދު ފުލުހުންނާއި މެދު ބޭނުން ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުން ކާކީ ކުލައިގެ ސޯޓު ލައްވާ ރަބަރު ގަނޑަކަށް އަރުވާ މަގުތަކަށް ވެސް ނެރެވިދާނެ ކަމަށާއި މުވައްސަސާގެ ކުލަތައް ބަދަލުކޮށް ފުލުހުންގެ ބާރުތައް ހަނިކޮށް ބާރުތައް ހިތުހުރި ތާކަށް ޖަމާކޮށް، ފުލުހުންގެ މައި މަރުކަޒުގެ ނަން ވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން ބޭނުންވާ ގޮތަށް ފުލުހުންގެ މުވައްސަސާގެ ނަން ”ބާޣީ“ ގެ ނަމަށް ވެސް ބަދަލު ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ފުލުހުންނަކީ އެ މީހުން ކުރާ ހުވަޔާއި ހިލާފު ބައެއް ނޫން ކަމަށާއި، ޒިންމާ އަދާ ކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިންގެ މި ގައުމަށް މި ނޫން ދުވަހެއް ފެންނާނެކަމަށް ވިދާޅުވެ ޝިޔާމް ވަނީ، އެ ދުވަހަކުން ފުލުހުންގެ ހައްގު މަގާމު ލިބި ގާނޫނީ ފުރިހަމަ ބާރުވެސް ލިބޭނެ ކަމަށެވެ. ޝިޔާމް ވިދާޅުވީ މާޔޫސް ވާން ވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އިދިކޮޅުން އަދި އެނބުރި އަންނާނެ ކަމަށެވެ.

https://twitter.com/Shiyamaldives/status/1273637995921305600

ފުލުހުންގެ މުވައްސަސާގެ އަގުވެއްޓޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރި ފުލުހުންނާއި ބެހޭ ބިލްގެ ޖްލްސާގައި މެމްބަރުން ވަނީ ވާހަކަ ދައްކާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ.

ފުލުހުންނަކީ އެއްވެސް ތައުލީމެއް ނެތި، ނުވަތަ ގްރޭޑު 10 ގެ ވެސް ފެންވަރު ނެތް މީހުންގެ ގޮތުގައި ސިފަކޮށް މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ އެއީ އަބަދުވެސް ރައްޔިތުންނަށް އަނިޔާ ކުރާ މީހުން ތިބި މުވައްސަސާއެއް ކަމަށެވެ. އަދި ޖަލުގެ ތެރޭގައި މީހުންނަށް އަނިޔާކޮށް ބައެއް މީހުން ގެއްލުވާލާފައިވާކަމުގައި ވިދާޅުވިއެވެ.

ޖުޑީޝަރީ އިސްލާހުވުމުގެ ކުރިން، ފުލުހުން އިސްލާހު ކުރަން ނުވަތަ ޕޮލިސް ރީފޯމްއެއް ގެންނަން ޖެހޭކަމަށް ވިދާޅުވީ އޭނާ ވަނީ އެސްއޯ ފުލުހުން ވެސް އުފައްދައިގެން އުޅެނީ މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.

މުހައްމަދު ރަޝީދު ވަނީ ފުލުހުން މަގުތަކަށް ނެރެންވީ ހުތުރު ސިފައެއްގައި ކަމަށް ވިދާޅުވެފައެވެ. އެއީ ސޯޓު ލައްވާ ދަނޑިބުރިއެއް ދީފައި ކަމަށާއި، އެއީ ”ސްމާޓް ޔުނިފޯމު ލައްވާފައި ތިބެން ޖެހޭ ބައެއް ނޫން“ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަގުތަކަށް ނެރެންޖެހެނީ ވެސް ސަރުދާރުންގެ ގޮތުގައިކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

އިތުރަށް ބަހުސް ކުރިޔަށް ގެންދަވާ މުހައްމަދު ރަޝީދު ވިދާޅުވީ ފުލުހުންގެ ޔުނިފޯމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ތިބެން ޖެހެނީ ކާކީ ކުލައިގެ ސޯޓަކާއި އެކު ބޮޑު އަދި ދިގު ސްޓާކީނެއްގައި، ހަނގަޑެއްކަހަލަ ބޯ ބޫޓަކަށް އަރުވާފައި ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި މި ބިލަށް ބަހުސް ކުރިއިރު މެމްބަރުންގެ ހިތްތަކުގައި ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި މެދު އޮތް ނަފްރަތު ފެނިގެން ދިޔައެވެ. ފުލުހުން އާއްމު ރައްޔިތުންނަށް އަނިޔާ ކުރުމަކީ އެކި މުޒާހަރާތަކުން ފެނިފައިވާ ކަމެއް ނަމަވެސް، ގިނަ އާއްމުން ވަނީ ވަކި ބައެއްގެ އަމަލުގެ ސަބަބުން މުޅި މުވައްސަސާގެ އަގުވެއްޓޭގޮތަށް ވާހަކަ ނުދެއްކުމަށް ގޮވާލާފައެވެ.

މަޖިލީހުގެ ބިލަށް ބަހުސް ކުރިޔަށް ގެންދިޔަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލު ކުރާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ފުލުހުންގެ އެހެން އޮފީހެއް ބޭނުންވާކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފުލުހުންގެ މައި މަރުކަޒު ވެސް އެހެން ތަނަކަށް ބަދަލު ކުރުމާއި މުވައްސަސާގެ ކުލަ ވެސް ބަދަލު ކުރުމަށް ބޭނުންވާ ކަމަށެވެ. ނޮވެމްބަރު 03 ގައި ބާޣީންގެ ހަމަލާތަކުން ގައުމު ސަލާމަތް ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ޝަހީދު ހުސެއިން އާދަމްގެ ނަމުން ނަން ދެވިފައިވާ އެ އިމާރާތުގެ ނަން ބަދަލު ކުރުމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: