ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިއަދު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުކުރީ ބަޣާވާތަކުން ކަމަށްބުނެ އެމްޑީޕީގެ އެއްވެސް ޕްލެޓްފޯމެއްގައި މިއަދު އެވާހަކަ ނުދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް އޭނާ ވެސް ގަބޫލު ކުރާ ކަމަށާއި ނަމަވެސް މިއަދު އެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ހަމައިން ނެއްޓިގެން ގޮސް ހެދޭ ގޯސްތަކެއްގެ ސަބަބުން ކޮމާންޑް އިން ކޮންޓްރޯލް ގެއްލި ވެރިމީހާގެ މައްޗަށް އެހެން ބަޔަކު އަމުރުކުރާ ހިސާބަށް ގޮސް ދެން ވެރިކަމުން އިސްތިއުފާ ދިނުމުން ނުވަތަ އިސްތިއުފާ ދޭން މަޖުބޫރު ކުރުމުން ދިވެހިން ދެކެނީ އެއީ ބަޣާވާތެއް ކުރުން ކަމަށް މޫސަ ވިދާޅުވިއެވެ.
އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމުން އެކަން ބެލުމަށް އެމްޑީޕީން ވެސް ރުހި ގަބޫލުވާ ކޮމިޝަނެއް ކޯނީގެ ނަމުގައި އުފައްދައި އެ ކޮމިޝަނުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގުކޮށްފައިވާކަން މޫސަ ފާހަގަ ކުރެއްވިއެވެ. އަދި އެ ތަހުގީގު އެމްޑީޕީން ނުވަތަ ރައީސް ނަޝީދު ގަބޫލު ނުކުރުން އެއީ ވަކި ކަމެއް ކަމަށާއި އެހެން ކަމުން ބަޣާވާތުގެ ވާހަކަ ނުދެއްކޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ މޫސަ ވިދާޅުވީ ރައީސް ނަޝީދުއާއި އެމްޑީޕީން މިއަދު އަނެއްކާވެސް ބަޣާވާތުގެ ވާހަކަ ދައްކާއިރު ބަޣާވާތް ކުރި ކަމަށް އެމްޑީ÷ީން ތުހުމަތު ކުރި އެންމެން މިހާރުތިބީ އެމްޑީޕީގެ ކޯޅިޝަން ސަރުކާރުގައި ކަމަށެވެ. އެހެން ކަުން މިއަދު އެމްޑީޕީގެ އެއްވެސް ޕްލެޓްފޯމެއްގައި ބަޣާވާތުގެ ވާހަކަ ދައްކައި އެކަން އަލުން ތަހުގީގު ކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެއިތުރުން މޫސަ ވިދާޅުވީ ރައީސް ނަޝީދު މިއަދު އަނެއްކާވެސް ޑރ ވަހީދުއަށް ބަޣީއަސް ގޮވަނީ މުޅިން އެހެން މަގުސަދެއްގައި ކަމަށް އޭނާއަސް ގަބޫލު ކުރެއްވޭ ކަމަށާއި އެއީ އެމްޑީޕީގެ މެމްބަރުންގެ އުހުން ހޯދައިގެން އަލުން ޑރ ވަހީދު އެމްޑީޕީއަސް ގެނައުމުގެ މަގުސަދުގައި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅެއް ކަމަށް ދެކޭ ކަމަށް މޫސަ ވިދާޅުވިއެވެ.

