ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
ފުލުސް ރީފޯމާއި ގުޅޭ ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލިއިރު ބިލް ބަލައިގަތުމަށް މަޖިލީހުގައި ބޭއްވި ޖަލްސާގައި މެމްބަރުން ވަނީ ފުލުހުންގެ މުވައްސަސާ ވަރަށް ދަށްކޮށް ވާހަކަ ދައްކަވާފައެވެ. މިއީ ފުލުހުންގެ މުވައްސަސާއަށް އިސްލާހީ ބަދަލެއް ގެނައުން ކަމުގައި ސަރުކާރުގެ މެމްބަރުން ބުނެފައިވާއިރު އިދިކޮޅުން ވަނީ މިއީ ފުލުހުންނަށް ނުފޫޒު ފޯރުވައި އެމްޑީޕީން ޒަމާނުއްސުރެން ފުލުހުންނާއި މެދު ގެންގުޅޭ ނަފްރަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ.
ފުލުހުންނާއި ބެހޭ ބިލަކީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލެކެވެ. އަދި ބިލް މިވަގުތު އޮތީ ދިރާސާ ކުރުމަށް މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައެވެ.
ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލާ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ 241 ކޮމިޓީން ދިރާސާކުރާ ފުލުހުންގެ ހިދުމަތުގެ ބިލަށް ހިޔާލު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މެއިލުން ފޮނުވައި ދިނުމަށް އެދޭކަމަށެވެ.
މި ބިލާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ފުލުހުންގެ މުވައްސަސާ އިސްލާހު ކުރެވެން ޖެހޭ ކަމަށާއި، ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ވެސް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހުގެ އިދާރާގައި އާއި، އަތޮޅުތަކުގައި ވެސް ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލުގައި ވަނީ ވަކި ވަކި ފުލުހުންނަށް ހޯމް މިނިސްޓަރަށް އަމުރު ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި ބިލުގައި ވަނީ ފުލުހުންގެ ކޮމިޝަނަރާއި ހޯމް މިނިސްޓަރުގެ ޒިންމާތައް ވަކިވަކީން ތަފްސީލުކޮށްފައެވެ.
މި ބިލާއި އެކު އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައީ 241 ކޮމިޓީއަށް ދޭ ބާރުތަކުގެ ސަބަބުންނެވެ. އެގޮތުން ފުލުހުންގެ މަސައްކަތަށް ބަލައި، ޖަވާބުދާރީކުރުން ހިމަނާފައި ވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކާއި، ގެންނަން ޖެހޭ އެކި ބަދަލުތަކުގެ އިތުރުން އިނާޔާތްތަކާއި ބެހޭ ކަންކަމުގައި ބަދަލު ގެނައުމަށް ކޮމިޝަނަރަށާއި ހޯމް މިނިސްޓަރަށް އެންގުމުގެ ބާރު ކޮމިޓީއަށް ލިބޭނެ ކަމަށް ބިލްގައި ވެއެވެ. އޭގެ ތެރޭގައި ތަހުގީގަކަށް ހައްޔަރު ކުރާ މީހަކާއި މެދު އަމަލު ކުރާނެ އުސޫލު ހިމެނެއެވެ.

