ހިޔާ މަޝްރޫއުގެ ފްލެޓްތައް ކަމުދަނީ ބަލައިލަން ކަމަށާއި އެއީ އުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށް ވިދާޅުވަމުންދާ ވާހަކަ ރައީސް ތަކުރާރުކުރައްވައިފިއެވެ.
ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓުތަކަށް ބަދަލުގެންނަން ވިސްނެވި ސަބަބަކީވެސް އެއީ ކަމަށެވެ. ހިޔާ ފްލެޓްތައް ނިމުނުކަމަށް ގަބޫލުކުރެވުނަސް ކުރިން ރޭވިފައިވާ ގޮތަށް ނިމިގެން އެތަނަށް މީހުން ވައްދާއިރު، އެތަނުގައި ދޮރެއްވެސް ނުހުންނާނެ ކަމަށާއި، ތަޅުމުގައި ޓައިލްސް ޖަހާފައިވެސް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ފްލެތްތައް ރީތީ ބޭރުން ބަލައިލާ ފޮޓޯ ނެގުމަށް ކަމަށާއި އެހެންނަމަވެސް، އެއީ މީހުން އުޅެން ހެޔޮވާވަރުގެ ތަނެއްނޫންކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މިހާރު ހުރި ހާލަތުގައި އެތަނަށް މީހުން ވައްދައިފިނަމަ، 80 އިންސައްތަ މީހުންވެސް އެތަނުގައި އުޅެން ބޭނުންނުވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތަކަކީ ބޮޑު ބޭކާރު ޚަރަދެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ރައީސް އެފަދައިން ވިދާޅުވާ ސަބަބަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ ކޮންމެ ޓަވަރެއްގައި 5000އެއްހާ މީހުން އުޅޭނެކަމަށެވެ. މީހުން އަރައި ފޭބުމަށް ހުންނަނީ ތިން ލިފްޓުކަމަށާއި އޮފީސް ގަޑި ނުވަތަ ސްކޫލް ގަޑިއެއްގައި މަތިން ތިރިއަށް ފޭބުމަށް ދެގަޑިއިރު ކުރިން ލިފްޓު ކިޔޫގައި ޖެހެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތަައް ކަމަށާއި ކޮވިޑް-19 ފެތުރެން ފެށިއިރު ފްލެޓުތަކަށް އެދި ހުށައަޅާފައިވާ ފޯމުތަކުގެ ”އޮޅުން ބޮޅުން“ ފިލުވުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. 7000 ފްލެޓަށް 23،000 މީހުން ފޯމު ހުށައަޅާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބައެއް ފޯމުތައް ހުރީ އެއްބައި ފުރިހަމަ ކޮށްފައިކަމަށާއި ބައެއް ފޯމުތަކުގައި ހަމައެކަނި ނަން ޖަހާލުމަށްފަހުވެސް ހުށައަޅާފައި އެބަހުރި ކަމަށެވެ. އަދި ފޯމު ނުލާ ތިބި މީހުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިހާރު ކުރަމުންދާ މަސައްކަތްތަކީ މީހުންގެ ގޭގެއަށް ގޮސް، އެއީ ފްލެޓް ހައްގުވާ މީހެއްތޯ ބެލުންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށް، ކުރީގެ ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާ އިސްތިއުފާ ދެއްވުމާއެކު ހައުސިންގ މިނިސްޓްރީ އުވާލީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ ގިނަ މަސައްކަތްތައް ކުރަމުންދަނީ އެޗްޑީސީ އަދި އެސްޑީއެފްސީގެ ދަށުން ކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީ ކުރަމުންދަނީ ގާތްގަނޑަކަށް އެއް މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކޯލިޝަންގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފާނެތޯ ނުވަތަ މިއީ ކޯލިޝަންެ ރޫޅިދާނެކަމުގެ އަލާމާތެއްތޯ ސިވާލުކުރެއްވުމުން ރައީސް ވަނީ ކޯލިޝަންގެ ގުޅުން ހީނަރުވަމުން ނުދާ ކަމަށާއި ކޯލިޝަން އޮތީ ވަރަށް ބަދަހިކަންމަތީގައި ކަމަށް ވިދާޅުވިއެވެ.

