ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ތަހުގީގު ކުރަނީ ”ވަގު“ ވިޔަފާރި ކުރި ކަމަށް ބުނާ މައްސަލައެއް، މައްސަލަ ކުރިއަށް ގެންދަނީ ޕީޖީގެ ނުފޫޒުން: ހައިލަމް

ފުލުސް އޮފީހުން ނިކުމެވަޑައިގެން ހައިލަމް މީޑިއާތަކަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަކީ، ޕްރޮސެކިއުޓާރ ޖެނެރަލްގެ ލަފައަށް ކުރިޔަށް ގެންދާ ތަހުގީގެއްކަމަށް ފުލުހުން ބުނި ކަމަށާއި ޕީޖީން ދެއްވާފައިވަނީ ގޯސް ގާނޫނީ ލަފައެއްކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ހައިލަމް މިރޭ ފުލުހަށް ހާޒިރު ކޮށްފައިވާއިރު މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައިލަމް ވިދާޅުވީ އޭނާ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ. ހައިލަމް ވިދާޅުވީ، ފޮނުވާފައިވާ ޗިޓުން ދޭހަވީ އޭނާ މަނީ ލޯންޑްރިންގެ އަމަލެއް ހިންގައިގެން އުޅޭކަމުގައި ކަމަށެވެ.

ހައިލަމް ވިދާޅުވީ، އަލްހާން ފަހުމީއަކީ އެންމެ ކުޑައިރުއްސުރެ އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި ދެމީހުންގެ ދެމެދުގައި ހިނގި ޓްރާންސެކްޝަންއެއްގައި އެއްވެސް މަނީ ލޯންޑްރިންގެ އަމަލެއް ހިންގާފައިވޭ ތޯ ނުވަތަ ހިމެނޭ ތޯ މޯލްޑިވްސް މަނިތަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ފުލުހަށް އެސްޓީއާރެއް ފޮނުވާފައިވާ ކަމަށެވެ. އެހެން ކަމުން ފުލުހުން ކަނޑައަޅަން ޖެހެނީ އޭގައި މަނީ ލޯންޑްރިން ހިމެނޭތޯ ނުވަތަ ނޫންކަން ކަމަށް ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ ތަހުގީގުއި އޭނާއަށް ފާހަގަކުރެވުނީ، އެއީ މަނީ ލޯންޑްރިން ނޫނަސް އޭނާ ވިޔަފާރީގެ މުއާމަލާތެއް ކުރިކަމާއި މެދު ސުވާލު ކުރުން ކަމަށެވެ. ހައިލަމް ވިދާޅުވީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާ ބަޔާން ކުރާ ގޮތުން ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމަކީ ލިބިގެން ވާ ހައްގެއް ކަމަށެވެ. ފަނޑިޔާރެއްގެ މަގާމުގައި ހުރެ ވިޔަފާރި ކުރިކަމުގެ ތުހުމަތު ކުރާއިރު، އޭނާ ކުރި އެއްވެސް ވިޔަފާރިއެއް ނޯންނާނެކަމަށް ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ ފަނޑިޔާރަކަށް ވެގެން ވިޔަފާރި ނުކުރެވޭނެ ކަމަށް ބުނާ ގާނޫނީ ހަމައެއްވެސް ބަލަން ޖެހޭ ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 08 ވަނަ ނަމްބަރުގައި ފަނޑިޔާރަކު އެއްވެސް ވިޔަފާރިއެއްކޮށްގެން ނުވާނެކަމަށް ބުނެފައިވާކަމަށް ފުލުހުން ބުނާ ކަމަށާއި އެނާގެ މައްޗަށް ކުރަނީ އަސާސްއާއި ހިލާފުފެ ފަނޑިޔާރަކު ނުކުރަން ބުނެފައި އޮތް ކަމެއް ހިންގުމުން ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތުގެ މަތީން ގާނޫނު ހިންގުމަށް ހުރަސް އެޅިކަމިގެ ތުހުމަތު ކަމަށެވެ.   

ހައިލަމް ވިދާޅުވީ ފުލުހުން އެ ހަވާލާދޭ، ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ 08 ވަނަ ނަމްބަރުގައި ބުނެފައިވަނީ ފަނޑިޔާރަކު އޭނާގެ ހުރިހާ ވަގުތެއް ވެސް ހުސް ކުރަންވާނީ ރަސްމީ މަސައްކަތަށް ކަމުގައި ކަމަށެވެ. އެހެން ކަމުން އަމަލީ ގޮތުން ވިޔަފާރި ކުރުން އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. ފަނޑިޔާރަކު ވިޔަފާރިކޮށްގެން ކުށްވެރިވާކަމަށް ބަލާނަމަ އެ މައްދާގައި އެއްވެސް ގޮތަކަށް ފަނޑިޔާރަކު ވިޔަފާރި ކުރުން މަނާ ނުކުރާ ކަމަށެވެ. އަދި އެ މާއްދާގައި ބުނަނީ ވިޔަފާރިތަކުގައި އަމަލީ ގޮތުން ބައިވެރި ވެގެން ނުވާނެ ކަމަށް ކަމަށެވެ. ހައިލަމް ވިދާޅުވީ އެ މާއްދާގައި ބަޔާން ކުރަނީ ފަނޑިޔާރެއްގެ ޑިސިޕްލިންއެއްގެ ވާހަކަ ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުންގެ އެ މާއްދާއާއި ހިލާފްވެގެން އަޅަން ޖެހޭނީ އިދާރީ ފިޔަވަޅެއް ކަމަށް ހައިލް ވިދާޅުވިއެވެ. 

”އަޅުގަނޑު އިންކާރުކޮށްފައި ވާނީ. އަޅުގަނޑު ދެންނެވިން ކަނޑައެޅިގެން ފަނޑިޔާރަކު ވިޔަފާރިއެއް ކުރުމަކީ ރާއްޖޭގެ ގާނޫނަކުން، ރާއްޖޭގެ ގާނޫނީ ނިޒާމަކުން މަނާ ކުރާ ކަމެއް ނޫނޭ. އެއްވެސް ވަރަކަށް ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ނޫނޭ.“ ހައިލަމް

ހައިލަމް ވިދާޅުވީ މަނީ ލޯންޑްރިންގެ އަމަލެއް ވޭތޯ ބެލުމަށް ހިންގި ތަހުގީގުގައި، އެމްއެމްއޭގެ އެސްޓީއާރުން މަނީ ލޯންޑްރިންގެ އަމަލެއް ނެތުމުގެ ސަބަބުން އެއްވެސް ވަރަކަށް ޕީޖީގެ ޑިއުޓީ ޕްރޮސެކިއުޝަންއާއި މަޝްވަރާ ކުރިންތޯ ސުވާލު ކުރުމުން ފުލުހުން ދިން ޖަވާބަކީ މަޝްވަރާ ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި 533 ވަނަ މާއްދާއަށް ދާން ޖެހުނީ ޕްރޮސެކިއުޓާ ޖެނެރަލް ދެއްވި ލަފާގެ މަތިން ކަމަށް ފުލުހުން ބުނި ކަމަށެވެ. 

533 ވަނަ މާއްދާ – ކުށްމާނަކުރުން: ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން. (ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރަނީ ކުށެކެވެ: 1. ތިމާއަށް އެނގިހުރެ ގާނޫނުގެ ބާރުހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، އަންނަނިވި ގޮތްގޮތުން ކުރެ ގޮތަކުން، ހުރަސްއެޅުމާއި، އެކަމަށް ދަތިކުރުމާއި، އެކަމުގެ މަގްސަދު ހާސިލުވިޔަނުދިނުން؛ އަދި 2. މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން، ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން، ނުވަތަ އެނޫންވެސް ހުއްދަނޫން އަމަލެއްކޮށްގެން؛ ނުވަތަ (i) ޓެކްސް ނެގުމާ ގުޅޭ ދައުލަތުގެ އިދާރާގެ މުވައްޒަފުންނަށް ނުވަތަ އާމްދަނީގެ ތަފްސީލު ހޯދުމާ ގުޅޭ މުވައްޒަފުންނަށް، ގާނޫނުގެ ދަށުން ހާމަކުރުން ލާޒިމު، އާމްދަނީގެ މައުލޫމާތާއި، ލިބޭ ފައިސާގެ މައުލޫމާތާއި، އެހެނިހެން މައުލޫމާތު ހާމަކޮށްނުދީ ހިފަހައްޓައިގެން؛ ނުވަތަ (ii) ދައްކަން ޖެހޭ ޓެކްސް ނުވަތަ ޑިއުޓީ ނުދައްކައިގެން. (ށ) މާނަކުރުން ”ދައުލަތުގެ މުވައްޒަފު“ ކަމަށް ބުނެފައި އެވަނީ، ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކުގެ މެންބަރުންނާއި، މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށެވެ. މީގެތެރޭގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ މަގާމުތަކުން އިންތިހާބުކުރެވޭ މަގާމުތަކަށް ކުރިމަތިލައިގެން ތިބި މީހުންވެސް ހިމެނެއެވެ.

ހައިލަމް ވިދާޅުވީ މިއީ ގޯސް ލަފައެއް ކަމަށާއި، ޕީޖީއަކީ 533 ވަނަ މާއްދާ ނުވަތަ ގާނޫނު އަސާސީ ޑްރާފްޓު ކުރުމުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، ޕީޖީއަށް 533 ވަނަ މާއްދާގެ ކޮމެންޓްރީގައި ވެސް ލިޔެފައި ހުރި ކަންކަމަށް ބަލާއިރު ނިޒާމު އާއްމު ހިފެހެއްޓުމަށް ބަޔާން ކުރެވިފައިވާ ގާނޫނީ ހަމަތަކާއި މީހަކު ހިލާފުވާ ހާލަތެއްގައި ވެސް އެ މީހާގެ މައްޗަށް އިދާރީ ގޮތުން ވެސް އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރަކު ވިޔަފާރި ކުރުން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށާއި ގާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާއަކީ ”ފުޅިމަދު އުނގުރިއަކަށް ހައްދަވައިގެން“ އެއްގޮތަކަށް ވެސް ދައުލަތުގެ މަގާމުތަކުގައި ތިބޭ ފަރާތްތައް ގާނޫނާއި ހިލާފަށް ކުރާ ކަމެއްގެ ވާހަކަ ދެއްކުމުން އެ މީހެއްގެ ފަހަތުން ދިއުމުގެ މަގްސަދުގައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރުމަކީ އެއީ ހިތާމަ ކުރާ ކަމެއްގެ ގޮތުގައި ހައިލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: