ދިވެހި ރާއްޖޭގެ މިހާރުގެ އިކޮނޮމިކް ކޮންޑިޝަން ޓާން އެރައުންޑުކުރެވޭނެ ވިސްނުންފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްގެ ކިބައިގައި ހުރިކަމަކަށް ޤަބޫލެއްނުކުރައްވާކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށުދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވރިންގެ ބައްދަލުވުމުގައި ރައީސް ޔާމިނު ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ ސަޢީދު ވިދާޅުވީ މި ސަރުކާރަކީ ގަވަރނަންސްގެ ނުވަތަ އިދާރީ ހިންގުމުގެ ތަޖުރިބާ ހުރި ސަރުކާރެއްނޫން ކަމަށާއި އިޤުތިޞާދީ މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާހުރި ސަރުކާރެއް ވެސް ނޫންކަމަށެވެ.
މި ގޮތުން ކުޑަކުޑަ މިސާލެއް ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 240 ހެކްޓަރުގެ ބިން ހިއްކައި ޝީޓް ޕައިލްކޮށްފައިވާކަމަށެވެ. އަދި އެ ތަނުގައި ހަމައެކަނި ކުރިއަށްދާނީ 7000 ފުލެޓުގެ މަސައްކަތް ނޫންކަމަށާއި 40 ޓަވަރުގެ ސޯޝަލް ހައުސިންގެ މަސައްކަތް އެތާ ކުރިއަށްދާނެކަމަށެވެ. ނަމަވެސް ލިބޭ ކޮންމެ ފުރުސަތެއްގައި މި ސަރުކާރުން ދައްކަނީ އެ ތަނުގެ ޖާގައިގެ ކުޑަ ވާހަކަކަމަށް ސަޢީދު ވިދާޅުވިއެވެ.ޖާގައިގެ ކުޑަ ވާހަކަދައްކަމުން މި ސަރުކާރުން ކުރަނީ ކޮންކަމެއްތޯއޭ ސުވާލު އުފައްދަމުން ސަޢީދު ވިދާޅުވީ ގުޅީފަޅުގެ މަޝްރޫޢަކީ 120 މިލިއަން ރުފިޔާގެ ބޮޑު އިސްރާފެއްކަމަށެވެ.
ސަޢީދު ވިދާޅުވީ ގުޅީފަޅަކީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ނުވަަތަ ވިލިމާލޭގެ ދެވަނަ ފިޔަވަހިކަމަށާއި ރައީސް ޔާމިނު ވާނީ އެ ގޮތަށް ތަޞައްވަރެއް ކުރައްސަވާފައިމަށެވެ. މި ގޮތުން އެ ތަޞައްވަރަށް އަލިއަޅުއްވައިލައްވަމުން ސަޢީދު ވިދާޅުވީ
ހއ.ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް 18 އަހަރުފުރިފައިތިބި ކޮންމެ ކުއްޖަކަށް 1500 އަކަފޫޓުގެ ބިމެއް 2023 އަންނަންވާއިރަށް މާލެ ސަރަހައްދުން ދޭން ރައީސް ޔާމިނުވަނީ ވަޢުދުވެވަޑައިގެންފައިކަމަށެވެ.
ނަމަވެސް މިއަދުގެ ސަރުކާރުން ގުޅީފަޅު ބޭނުންކުރަން އެ އުޅެނީ ބޮޑު އިސްރާފެއްކުރަންކަމަށާއި ސަރުކާރުން މިހާރުވަނީ 53 މިލިއަން އެމެރިކާ ޑޮލަރުގެ އިކުއިޓީ އަދި ލޯނު ހަމަނުޖެހެނީސް ކޮންޓްރެކްޓަރަށް ޕޭކޮށްގެންކަމަށް ސަޢީދު ވިދާޅުވިއެވެ.
”ހުޅުމާލޭ ދެވަނަ ފޭސް އެއީ 240 ހެކްޓަރުގެ ބިން ހިއްކާފަ ގާތްގަނޑަކަށް ބިން މި ޝީޓް ޕައިލްކޮށް ވަރަށް ފުނަށް ޝީޓްޕައިލްކޮށް އެހުރީ 7000 އާ 40 ޓަވަރު އެތާ ދާނީ މަސައްކަތް. 7000 ފުލެޓެއްނޫން ހަމައެކަނި 40 ޓަވަރުގެ ސޯޝަލް ހައުސިންގެ މަސައްކަތް އެތާ ކުރިއަށްދާނެ އިނގޭތޯ. އެ ތަނުގެ ޖާގައިގެ ކުޑަ ވާހަކަ އެ ދައްކަނީ ލިބޭ ކޮންމެ ފުރުސަތެއްގަ. މުޢިއްޒު މިނިސްޓަރު ވިދާޅުވިހެން އެތަނަށް ފުރަތަމަ އެ ތަނުގެ ޙައްޤުވެރިން ވައްދަންވީ އިނގޭތޯ. އެ ވާހަ ދައްކާކަށްނޫން އަޅުގަނޑު މިއުޅެނީކީ. އެ ޖާގައިގެ ކުޑަ ވާހަކަދައްކަމުން މި ކީއްތޯ މި ކުރަނީ ގުޅީފަޅުގަ މި ސަރުކާރުން. 120 މިލިއަން ރުފިޔާގެ ބޮޑު އިސްރާފެއްނޫންތޯ އެ ކުރައްވަނީ. ކޮށްފަ އަޅުގަނޑުމެންގެ ރައީސް ރައީސް ޔާމިނު އެ ތަނުގަ ދިވެހިރާއްޖޭގެ 18 އަހަރު ފުރޭ ކޮންމެ ކުއްޖަކު ހއ.ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ދިވެހި ދަޢުލަތުގެ 18 އަހަރުފުރޭ ކޮންމެ ކުއްޖަކަށް 1500 އަކަފޫޓުގެ ބިމެއް މާލެ ސަރަހައްދުން ދޭން ވަޢުދުވެފަވާނީ 2023 އަންނަންވާއިރަށް. ގުޅީފަޅުއެއީ ހުޅުމާލޭގެ ތިންވަނަ ފޭސް ނުވަަތަ ވިލިމާލޭގެ ދެވަނަ ފޭސް.މި ގޮތަށް ރައީސް ޔާމިނުގެ ތަޞައްވަރެއްވާނީ ކުރައްސަވާފަ. މިއަދު އެތަން ބޭނުންކުރަން އެ އުޅެނީ މި ސަރުކާރުން ބޮޑު އިސްރާފެއްކޮށް 53 މިލިއަން އެމެރިކާ ޑޮލަރުގެ އިކުއިޓީ އަދި ލޯނު ހަމަނުޖެހެނީސް މިހާރު ކޮންޓްރެކްޓަރަށް ޕޭކޮށްގެން އެ އުޅެނީ. ދަޢުލަތުގެ ފައިސާއިން 53 މިލިއަން ޑޮލަރު ޕޭކޮށްގެން އެ އުޅެނީ. ލޯނު އަދި އޮތްތާ އޮތީ. ލޯނު ހަމައެއްނުޖެހޭ. ކީއްތޯ ކުރަން އެ އުޅެނީ. އެތާގަ ކޮމާޝަލް ޕޯޓް އެތަނަށް ޝިފްޓްކުރަންވެގެން އެ އުޅެނީ. އެއީކީ ކޮމާޝަލް ޕޯޓެއް ޤާއިމުކުރަން އެންމެ ރަނގަޅު ލޮކޭޝަނެއް ނޫންކަން މިހާ ހިސާބަށް ދިވެހި ސަރުކާރުން ކުރި ކޮންމެ ރިސާޗަކުން ދިރާސާއަކުން ބޭރުގެ ފަރާތްތަކުން މާހިރުން ވާނީ މި ވާހަކަ ވިދާޅުވެފަ“ ސަޢީދު
ސަޢީދު ވިދާޅުވީ ސަރުކާރުން ގުޅީފަޅަށް ކޮމާޝަލް ޕޯޓް ބަދަލުކުރަން އުޅުނުކަމުގައިވިޔަސް އެތަނަކީ ކޮމާޝަލް ޕޯޓެއް ޤާއިމުކުރަން އެންމެ ރަނގަޅު ލޮކޭޝަނެއް ނޫންކަމަށެވެ. އަދި މިހާ ހިސާބަށް ދިވެހި ސަރުކާރުން ކުރި ކޮންމެ ރިސާޗަކުން ވެސް ބޭރުގެ ފަރާތްތަކުން މާހިރުން ވަނީ އެ ވާހަކަ ވިދާޅުވެފައިކަމަށް ވެސް ވިދާޅުވެފައެވެ. މި ގޮތުން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސަޢީދުވަނީ މިކަމަކީ ދެކޮޅުޖެހޭކަމެއްނޫންކަމަށެވެ.

