އެމްޑީޕީ މެންބަރުންލައްވާ އިދިކޮޅު މެންބަރުން މަރާލައްވަން މަޖިލީހުގެ ރައީސް ފަސްޖެހިވަޑައިގެންފާނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތްކަމަށް ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަނުން ޖަލްސާތައް ބޮއިކޮޓްކުރަމުންދާތީ އެ ކަމާބެހޭގޮތުން ސަންގު ޓީވީން އަމާޒުކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މި ގޮތުން އިދިކޮޅު ކޯލިޝަނުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންގުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަނުގެ މެންބަރުން ވަޑައިގެންފިނަމަ އެމްޑީޕީ މެންބަރުންލައްވާ އިދިކޮޅު މެންބަރުން މަރާލައްވަން މަޖިލީހުގެ ރައީސް ފަސްޖެހިވަޑައިގެންފާނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތްކަމަށެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ މި މަހުގެ ދެވަނަ ދުވަހުގެރޭގެ ދަންވަރު ޤާނޫނުއަސާސީ އިސްލާހުކުރުމަށްޓަކައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އެމްޑީޕީ މެންބަރުން ކުރެއްވި އަނިޔާތަކާ ގުޅިގެންނެވެ.
މި ގޮތުން އެ ޖަލްސާއަށް ނަޒަރެއް ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް/ޕީއންސީގެ މެންބަރުން މަޖިލީހަށް ވަދެވަޑައިގެންފައި އެނބުރި ފުރާނަޔާއިގެން ނިކުމެވަޑައިގެންނެވޭނެކަމުގެ ޔަޤީންކަމެއްނެތްކަމަށެވެ. އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަން ދައްކަވާއިކަމަށާއި އަދިވެސް އެހެންނުވާނެކަމުގެ ޔަޤީންކަމެއް ނުދެއްވާކަމަށެވެ.
ޢަބްދުއްރަޙީމް ވަނީ އަޑު އުފުލާށޭ ކިޔާފައި ޕީޕީއެމް/ޕީއެންސީގެ 9 މެންބަރުންގެ ފުރާނަޔާ މަސްގަނޑާ ދެތަންކޮށްލައިފިއްޔާ ބިކަވެގެން އެދަނީ ކިތައް ޢާއިލާތޯއޭ ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މިހާރު އިޙްތިޖާޖަށް ނިކުންނަންވެއްޖެކަމަށާއި މަޖިލީހުގެ އެތެރެއަކާއި މަގުމައްޗަކާ އެއްގޮތެއްނުވާނެކަމަށެވެ.
މަޖިލިސްތެރޭގަ އެމްޑީޕީގެ 65 މެންބަރުން އެބަތިބިކަމަށާއި ޕީޕީއެމް/ޕީއެންސީގައި ނުވަ މެންބަރުން ތިއްބަސް މަގުމައްޗަށް ނިކުންނާނީ އނުވަ މެންބަރުން އެކަންޏެއްނޫންކަމަށެވެ. މި ގޮތުން މަގުމައްޗަށް ނިކުންނައްޏާ އެންމެ މަދުވެގެންވެސް ފްލެޓް ކަންތަކުގައި 35000 އެއްހައި ރައްޔިތުން ނިކުންނާނެކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް/ ޕީއެންސީއަކީ މި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމަށާއި މި ޕާޓީން މަގުމައްޗަށް ނިކުންނައިރު ނިކުންނާނީ 03 މީހުންނޫންކަމަށެވެ. އަދި އެންމެ ފަހުން ކާނިވަލުގަ ބޭއްވި ޖަލްސާގައި ވެސް އޮންނާނީ މިތަން ފެނިގެން ގޮސްފައިކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ތަޅުމުގައި އަޑު އުފުލަން ޖާގަ ދީފާނެކަމުގެ އެއްވެސް ޔަޤީންކަމެއް އަދި ނުލިބޭކަމަށާއި ލިބުނު ދުވަހަކުން މެންބަރުން އެ ތަނަށް ވަޑައިގަންނަވާނެކަމަށެވެ. އަދި އެކަމާ ދޭތެރޭގައި މިހާރުވެސް މަޝްވަރާކުރަމުން ގެންދަވާކަމަށް ޢަބްދުއްރަޙީމްވަނީ ވިދާޅުވެފައެވެ.

