ކޮރޯނާ ވައިރަޖާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަަރއްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ މަޝްވަރާތައް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފަށައިފިއެވެ.
ކޮވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާ އިންތިހާބުގެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އީސީން ބާއްވާފައި ވަނީ ބުދަ ދުވަހުއެވެ. އެގޮތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައެވެ. ނަމަވެސް އެ ބައްދަލުވުމާއި ގުޅޭ ތަފްސީލެއް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިހާތަނަށް މީޑިއާތަކާއި ހިއްސާކޮށްފައެއް ނުވެއެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވުމުގެ މަޝްވަރާތައް އީސީން ފަށާފައިވާއިރު އިންތިހާބުގައި ވާދަކުރުމަސް ނަން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނަން ގެންދަން ބޭނުންވާ ފަރާތްތަކަށް ނަން ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލިއެވެ.
ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނަކީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާތީއާއި، އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޢަހުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ފަސްކުރެވިގެންދާނެއެވެ. އަދި ފަސްކުރެވޭ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021 ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ.
މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ ދަށުން އިލްކެޝަންސް ކޮމިޝަނުން ކުރިއަށްގެންގޮސްފައިވާ އެންމެހައި އިޖުރާއަތުތައް އެއީ، އިންތިޚާބުގެ ބޭނުމަށްޓަކައި ޞައްޙަ އިޖުރާއަތުތަކެއް ކަމުގައި ބެލޭނެއެވެ. އަދި އެއިން އެއްވެސް އިޖުރާއަތަކީ، އެ އިންތިޚާބު ފަސްކުރެވުމުގެ ސަބަބުން އަލުން ފުރިހަމަކުރަންޖެހޭނެ އިޖުރާއަތުތަކެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

