މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި، އެފަދަ ޢަމަލުތަކަށް ޤާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފެންނަންހުރި ބަޔާން ނެރުނު އުތެމައާއި އެ ކަމުގައި ބައިވެރިވި ފަރާތްތަކުގެ ޢަމަލުތަކަށް އިންކާރުކޮށް އެ ކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް އިލްމުވެރިންގެ ޖަމްޢިއްޔާއިން ބުނެފިއެވެ.
އުތެމައިގެ ޢާމަލުތައް ކުށްވެރިކޮށް ޢިލްމުވެރިންގެ ޖަމްޢިއްޔާއިން މިއަދު ބަޔާނެއް ނެރެފައިމިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ ނިޔަލަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް އުތެމައިން ހުށަހަޅަން ތައްޔާރުކުރި ރިޕޯޓުގައި އިސްލާމްދީނާއި ފުށުއަރާ އެތައް ކަމެއް ބަޔާންކޮށްފައިވާކަމަށް ރާއްޖޭގައި ތިބި ފުންނާބު އުސް ޢިލްމުވެރިންނާއި، ދިވެހި ރައްޔިތުން އެކަމާ ކަންބޮޑުވުންފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އުތެމަ ޖަމްޢިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމުގެތެރޭގައި، ބިދޭސީ އަންހެނުންނާއެކު ދިވެހި ފިރިހެނުންނަށް ކައިވެނީގެ ބޭރުން ހިންގޭ ގުޅުންތަކުން ލިބޭ ދަރިފުޅު ޝަރުޢީގޮތުން ބައްޕަގެ މައްޗަށް ސާބިތުނުވިކަމަށް ވިޔަސް، ދިވެހި ރައްޔިތުކަން އެ ކުއްޖާއަށް ލިބެންޖެހޭކަމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން، އަންހެނުންނަށް އަނިޔާކުރުމަށް ހިތްވަރުދޭ ދީނީ ޢިލްމުވެރިންނަށް ދަޢުލަތުގެ ފަރާތުން ފަހި މާހައުލެއް އަދިވެސް ޤާއިމުކޮށްދެމުންދާކަމީ ކަންބޮޑުވާންޖެހޭކަމެއްކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު ސެޕްޓެމްބަރު 2019 ގައި ދެ އަންހެން ފަނޑިޔާރުން ރާއްޖޭގެ ސްޕްރީމް ކޯޓަށް ޢައްޔަންވެގެންދިޔަ ދިޔުމަކީ ތާރީޚީ އަދި ހީނުކުރެވޭފަދަ ކުރިއެރުމެއްކަމަށް ވެސް ބުނެފައިވެއެވެ. އަދި އެބޯޝަން މައްސަލަތަކަށް ފަތުވާ ކޮމިޓީން ފަތުވާނެރުމަކީ ކަންބޮޑުވާކަމެއްކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އަންހެންކުދިން ޚިތާނުކުރުމުގެ މައްސަލައިގައި، އެ ކަމަކީ ދީނީގޮތުން ހައްދު ފަހަނައަޅާފައިވާކަމެއް ކަމަށާއި، އެކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ހިތްވަރުދީ އާލާކުރަން ބާރުއަޅާކަމުގެ ތުހުމަތުކޮށް އަންހެންކުދިން ޚިތާނުކުރުމަކީ އެފްޖީއެމްސީކަމަށް މާނަކޮށްފައިވެއެވެ. 2015 އާއި 2017 އިގައި ރަޖަމްކުރަން ރާއްޖޭގައި ކުރެވުނު ހުކުމަކީ ނުހަނު ކަންބޮޑުވާންޖެހޭކަމެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި ގޮތުން ޢިލްމުވެރިންގެ ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި ބުނީ، އތެމަ ޖަމްޢިއްޔާ ނިވާފަތްގަނޑެއްކަމުގައި ހަދައިގެން ތިބެ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަށް ތާއީދުކުރާކަން ހާމަކުރުމުގެ އިތުރުން އެމްޑީއެންގެ ރިޕޯޓުގައި ވެސް ހިމަނާފައިވާފަދަ އިސްލާމީ ޝަރީޢަތާއި، ޤާނޫނާއި ޚިލާފު އެތައްކަމެއް އުތެމައިގެ ރިޕޯޓުގައި ހިމަނާފައިވާކަމަށެވެ. އަދި އެ ކަންތައްތަކާއެކު މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި، އެފަދަ ޢަމަލުތަކަށް ޤާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފެންނަންހުރި ބަޔާނެއް ނެރެފައިވާތީ، އުތެމަ އާއި، އެ ކަމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ޢަމަލުތަކަށް އިންކާރުކޮށް އެ ޢަމަލުތައް ހަރުކަށި ޢިބާރަތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން ޢިލްމުވެރިންގެ ޖަމްޢިއްޔާއިން ބުނީ، މިފަދަ ޢަމަލުތަކަކީ، ނުރަނގަޅު ކަންތައްތަކެއް ކުރުވައިގެން، ރައްޔިތުންގެ ފުށުން ނުރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް ހިންގާ މަކަރުވެރި ޖަރީމާތަކަކަށްވުމަކީ އެކަށީގެންވާ ކަމެއްކަމެއްކަމަށެވެ. އަދި މި ފަދަ ދަނޑިވަޅުތަކުގައި، ހުރިހައި ޢިލްމުވެރިންނާއި، ދިވެި ރައްޔިތުން ކުރިންވެސް ސާބިތުކަން ދެއްކި އުސޫލުން ތިބުމަށް އިލްތިމަސްކޮސްފައިވެއެވެ. ހަމައެއާއެކު ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކީ ޝަރުޢީ އަދި ޤަނޫނީ ފިޔަވަޅެއް ނޭޅުމާށާއި، ލާދީނީ ޢަމަލުތަކާމެދު ވިސްނައިި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ޢިލްމުވެރިންގެ ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި ވަނީ، ދީނުގެ މަތިވެރި އުސޫލުތައް ދިވެހި ބިމުން ފޮހެލުމަށް މަސައްކަތްކުރާ ބަޔަކު، ބެރުންނާއި އެތެރެއިން ވެސް މެދުނުކެނޑި ހަމަލާތައްދޭތަން ފެންނަން އޮތްކަމަށް ފާހަގަކޮށްފައެވެ. މި ގޮތުން ޢިލްމުވެރިންގެ ޖަމްޢިއްޔާއިން ބުނީ، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް(އެމްޑީއެން) ގެ ނަމުގައި ބަޔަކު ހިންގާފައިވާ ދިނަށް ފުރައްސާރަކުރުމުގެ ޖަރީމާތަކާއި ދެކޮޅަށް ރައްޔިތުން ކުރި ބުރަމަސައްކަތާއެކު ސަރުކާރުން އެމްޑީއެން އުވާލަން ނިންމި ނިންމުމަކީ މުހިންމު އިބްތިދާއީ ފިޔަވަޅެއްކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުން އިސްލާމް ދީނުގެ ދިފާޢުގައި ކުރި ބުރަ މަސައްކަތުގެ މޭވާއެއްގެ ގޮތުން ﷲ މިންވަރުކޮށްދެއްވި ކާމިޔާބީއެއްކަމަށްވެސް ޢިލްމުވެރިންގެ ޖަމްޢިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެން ނަމަވެސް ޤާނޫނީ ޝަޚުސެއްގެ ނަން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ޖަރީމާ ހިންގާފައިވާ ފަރާތްތަކަށް ޙައްޤު އަދަބުދިނުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރިއަށްނުގޮސް ހުއްޓިފައި އޮތުމާއި، ކަމާބެހޭ އެއްވެސް އަޕްޑޭޓެއް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައި ނެތުމަކީ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ކުރިމަތީގައި ކަމާބެހޭ މުއައްސަސާތައް ބަލިކަށިވެ ނިކަމެތިވެފައިވާކަމުގެ ތުހުމަތުތައްކުރުމަށް ހުޅުވާލެވޭ ފުރުސަތެއްކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން މިފަދަ ކަންތައްތައް ހިނގަމުން ދިއުމުގެ ސަބަބުން އެފަދަ ނޭއްގާނީ ޢަމަލުކުރާ ފަރާތްތަކަށް ހިތްވަރުލިބިގެންދާނެ ކަމަށާއި، އެފަދަ އިތުރު ޖަރީމާތަކަށް އަރައިގަންނަތަން ފެނިގެންދިއުމަކީ އިސްލާމީ ބިންދެއްޖަހާ ހިތަކަށް ކުޅަދާނަވެގެންވާނެކަމެއް ނޫންކަމަށް ވެސް ޢިލްމުވެރިންގެ ޖަމްޢިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޢިލްމުވެރިންގެ ޖަމްޢިއްޔައިންވަނީ، މިހާތަނާސް ޢިލްމުވެރިންގެ ފަރާތުން ކޮށްފައިވާ ކަންކަމާއި، އަދި ކުރަމުންގެންދާ ކަންކަމުގެ އިތުރުން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އިތުރަށް ކުރެވެންހުރި ކަންކަމާއި، ކުރެވެން ހުރި ކަންކަން ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

