ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ގެނައި ފޯމިއުލާއަކީ ”ހިޔާ މަޝްރޫއު“ އެވެ. ރާއްޖޭގެ އެތައް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިފްތިތާހު ކުރި އެ މަޝްރޫއު ވެގެން ދިޔައީ ވެސް އެތައް ބައެއްގެ އުންމީދުތަކެއް އާކޮށްދިންފޯ މިޔުލާއަކަށެވެ.
2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ފުރަތަމަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައެވެ. މަސައްކަތް ކުރިޔަށް ދިޔަ ވަރަކުން އޭރުގެ ސަރުކާރުގެ އިސްވެރިންނާއި، އެކްޓިވިސްޓުން ދިޔައީ އެތައް ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށް މިއީ ތަރައްގީގެ ހަގީގީ މާނައިގެ ގޮތުގައި ސިފަ ކުރަމުންނެވެ.
އެތައް ގަޑިއިރުތަކެއް ވަންދެން ކިއުގައި ޖެހި، ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ފޯމުތައް ލާފައިވަނީ ރަނގަޅު ބޯހިޔާވަހިކަމެއް ހޯދުމަށެވެ. މާލޭގެ ކުއްޔާއި އަދި ވަކިން ހާއްސަކޮށް މާލޭގެ ރައްވެއްސަކަށް ހުރެ ކުޑަ ކުޑަ ޖިފުޓިތަކެއްގައި ދިރިއުޅޭ އެތައް ރައްޔިތުންނެއް އެބަތިއްބެވެ. ކޮންމެއަކަސް މި ރައްޔިތުންނަށް ފްލެޓުތައް ލިބުމާއި އެކު ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
މަސައްކަތުގެ އަސްލު ކުލަ ފެންނަން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަގީގަތުގައި ވެސް ކުލަ ފޮއްޓެކެވެ. އެހެން ނަމަވެސް ބޭރުން އެ ފެންނަ ކުލަތަކާއި އެކު ބޯހިޔާވަހި ކަމަކަށް އިންތިޒާރު ކުރަމުން އައި ރައްޔިތުންނަށް ލިބެމުންދިޔަ އުންމީދު އަދި މާ ބޮޑެވެ. ބޭރަށް ބަލާލާއިރާއި، އަދި މަތީން ނަގާފައި ހުންނަ ފޮޓޯތައް ކިތަންމެހާ ވެސް ހިތްގައިމެވެ. އަދި ބަލާލަން ވެސް ޗާލެވެ. ހަނދުވަރު ދޭ ރައެއްގައި އަދި ވަކީން މާ ރީތިވާނެހެން ހީވެއެވެ..
މީގެ ކުރިން އެއް ފަހަރަކު ނޫސްވެރިން އެތަނަށް ގެންގޮސް ފެލްޓުތަކުގެ ހާލަތު ދައްކާލިއެވެ. ”ކޮތަރު ކޮށީގެ“ މައުޟޫ ފެށިގެން އައި ހިސާބަކީ އެއީއެވެ. އޭގެ ކުރިން ވެސް މި ސަރުކާރުން އައި އެ ފްލެޓުތަކަކީ ކުރި ބޮޑު ބޭކާރު ހަރަދެއްކަމަށާއި، މިއީ ރައްޔިތުން އަލިފާން ފޮށިތަކަކަށްލުން ކަމަށް ސިފަ ކުރަމުންނެވެ.

ކޮންމެއަކަސް ދެނެއް އެތަނުގެ ޑިޒައިނަކަށް ގެނެވޭނެ ބަދަލެއް ނެތެވެ. ކޮޓަރީގެ ފުޅާ މިން ނުވަތަ، ސިޓިން ރޫމް ބޮޑުކޮށްލެވޭނެ ގޮތެއް ނެތެވެ. ތަނުގެ ހާލަތަށް ބަލާއިރު ނޫސްވެރިންނަށް ވަނީ އެޕާޓްމެންޓުތައް މިހާރު ހުރިގޮތް ދައްކާލާފައެވެ. އެންމެ ފުރަތަމަ ވެސް އިމާރާތެއްގެ 24 ވަނަ ފްލޯއަށް އަރާ އެޕާޓްމެންޓްގެ ދޮރުން އެތެރެއަށް ވަނުމުގެ ކުރިން ލޮލުގައި އަޅައިގަތީ އެތާ ބަހައްޓާފައި ހުރި ބަދިގެ ސިންކެވެ. 04 ވަރަކަށް ފޫޓުގެ ކަބަޑަކާއި އެކު ބަހައްޓާފައި ހުރި އެ ސިންކުގައި ހުންނާނީ އެއް ފޫޓު ވަރެވެ. އާއްމުކޮށް ގެތަކުން ފެންނަ ސިންކުތަކައި ބަލާ ވަރަށް ވެސް ކުޑައެވެ. ތަށިތަކާއި، އަދި ކައްކަން ބޭނުންކުރާ ތެލިފަދަ ތަކެތި ދޮވުމުގައި ދަތިތަކެއް ވާނެއެވެ. އެއަށްފަހު އެޕާޓްމެންޓުގެ ދޮރުން އެތެރެއަށް ވަނުމަށްފަހު ހިތަށް އެރީ ސިޓިން ރޫމް މާ ކުޑަކަމެވެ.
ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު އަދި އެއަށް ވުރެ މާ ކުޑައެވެ. ކިންގް ސައިޒުގެ ބެޑެއް އެތާ ބެހެއްޓޭނެ ހެން ހީއެއް ނުވެއެވެ. އެ ޖާގަ ނެތީއެއް ނޫނެވެ. އެނދު ބެހެއްޓުމަށްފަހު އަލަމާރިއާއި އަދި އެ ނޫންވެސް ސާމާނެއް ބަހައްޓާނެހާ ޖާގައެއް ނެތީއެވެ. ފަހާނާއަށް ބަލާއިރު ފަހަނާ ހުރީ އާދައިގެ ވަރެއްގައެވެ. އެހެން ނަމަވެސް ހިތަށް އެރީ އުމުރުން ދުވަސް ވީ މީހަކަށް އެ ފާހަނާ ބޭނުން ކުރަން އުނދަގޫވާނެ މިންވަރެވެ. ސަބަބަކީ ފާހަނާ ތައްޓާއި، ސިންކަށްފަހު ފެންވަރަން ހުރީ ކުޑަތަންކޮޅެއް ވީމައެވެ.

މަތީގައި އެވަނީ ހަގީގަތެވެ. ކޮންމެ މީހަކު ވެސް ދެކޭނެ ގޮތެވެ. އެހެން ނަމަވެސް ސުވާލަކީ ހަމަ އަސްލުވެއް ކޮތަރު ކޮއްޓެއް ތޯ އެވެ؟ ބައެއް މީހުންގެ ނަޒަރުގައި ކޮތަރު ކޮއްޓަކަށް ވިޔަސް، މިއީ އެތައް ބައެއްގެ ހިތްހަމަޖެހުމަށް ވާނެކަން ޔަގީނެވެ.
ފްލެޓުތަކުގައި 80 އިންސައްތަ މީހުން ދިރިއުޅެން ބޭނުމެއް ނުވާނެކަމާއި، އެއީ ސީދާ ބޮޑު ބޭކާރު ހަރަދެއްގެ ގޮތުގައި ވިދާޅުވީ ހުދު ރައީސުލްޖުމްހޫރިއްޔާއެވެ. އެހެން ކަމުން ދެން ތަނުގެ ކުޑަ ބޮޑު މިން ބަލާލަން ޖެހެނީ މިން އަޅާށެވެ.
މަޝްރޫއުގެ ދަށުން ވަނީ 25 ބުރީގެ 16 ޓަވަރު އަޅާފައެވެ. މި ތަނުގައި ހުންނަނީ 04 ލިފްޓެވެ. ލިފްޓުގެ ކެޕޭސިޓީއަކީ ފަހަރަކު 14 މީހުންނެވެ. އެހެން ކަމުން މި އަދަދުތައް އެއްކޮށްލާނަމަ އެއްފަހަރާ 56 މީހަކަށް ލިފްޓުން އަރާ ފޭބޭނެއެވެ. އިތުރު އެއްވެސް ފްލޯއަކަށް މަޑު ނުކޮށް 24 ވަނަ ފްލޯއިން ގްރައުންޑް ފްލޯއަށް އަންނަން ނެގީ ބަރާބަރު 21 ސިކުންތެވެ.
ދެން އުފައްދާނެ ސުވާލަކީ އެއް ފަހަރާ 2،400 މީހުން އުޅޭނެކަމަށް ބެލެވޭ އެއް ޓަވަރަށް ހަގީގަތުގައި ވެސް 03 ލިފްޓު ނުވަތަ 04 ލިފްޓު މަދުތޯއެވެ. 16 ޓަވަރުގެ ތެރެއިން 10 ޓަވަރުގައި ހުންނަނީ ޖުމްލަ 392 އެޕާޓްމެންޓެވެ. އަދި އަނެއް 06 ޓަވަރުގައި ހުންނަނީ 490 އެޕާޓްމެންޓެވެ.
ދެން ދުނިޔޭގެ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކަށް ބަލާލަމާ ހިނގާށެވެ. މެލޭޝިއާގައި 40 ފަންގިފިލާ ހިމެނޭ ޓަވަރުތަކުގައި އާއްމުކޮށް ހުންނަނީ 04 ލިފްޓެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރާނެ އުސޫލުކަމަށް ބަލަމާ ހިނގާށެވެ.

ދެވަނަ ނަޒަރިއްޔާއަކުން ބަލާއިރު، މި ފްލެޓުތަކުގައި އުޅޭނީ އާއިލާތަކެވެ. ރާއްޖެއަކީ، އާއްމު ގޮތެއްގައި ވަޒީފާތައް ހެނދުނު 08 ގައި ފަށާ ގައުމެކެވެ. ޝިފްޓު ވަޒީފާ އަދާ ކުރާނީ މަދު ބަޔެކެވެ. ގިނަ ސްކޫލްތަކުން ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. ލިފްޓަށް ބާރު ބޮޑުވާނެ ހިސާބަކީ މިއީއެވެ. ލިފްޓުގެ އެތެރޭގައި 14 މީހަކަށް ތިބެވޭނީ ފިތި ބާރު ވެގެންނެވެ. އެހެން ކަމުން ލިފްޓު ބޭނުން ކުރާ މީހަކު ފަހަރެއްގައި ލިފްޓަށް އަރަން އެ އިންތިޒާރުގައި 05 ނޫނީ 10 މިނެޓު ހުނަން ޖެހިދާނެއެވެ. އެއަށްވުރެ އިތުރުވެދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. އާއްމު ވަގުތުތަކުގައި ފަސޭހައިން އަރާ ފޭބޭނެއެވެ.
އިތުރަށް ދެން އަންނާނެކަމަށް ބެލެވޭ މައްސަލައަކީ ލިފްޓަށް ދިމާވެދާނެ މައްސަލައެކެވެ. ނަމަވެސް މިއީ ރަނގަޅަށް މެއިންޓެނެސް ބެލެހެއްޓޭނަމަ ނުވުން ގާތް ކަމެކެވެ.
ކޮންމެ ޓަވަރެއްގައި ވެސް ދެހާހަށް ވުރެ ގިނަ މީހުން ދިރިއުޅެ އަދި އެންމެ ފަންގިފިލާއެއްގައި ވެސް ދިރިއުޅޭ އާއިލާތަކުގެ އަދަދު އިތުރުވާނެކަމަށް ބެލެވޭއިރު އިޖްތިމާއި މައްސަލަތައް ނިކުތުން ވަރަށް ގާތެވެ. ސަބަބަކީ ޓަވަރެއްގައި އެކަނިވެސް ދިރިއުޅޭ މީހުންގެ އަދަދު ރާއްޖޭގެ ކުޑަ ރަށަކާއި އެއްވަރު ވާތީއެވެ. 16 ޓަވަރުގައި އެއްކޮށް ދިރިއުޅޭނެ ކަމަށް ލަފާ ކުރާ މީހުންގެ އަދަދު މިހާރު ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭ އަދަދަށް ވުރެ މަތިއެވެ.
ސަރުކާރުން މިހާތަނަށް ދައްކާފައިވާ ވަހަކަތަކަށް ބަލާއިރު ތަނުގެ ކުއްޔަކީ 11،000 ރުފިޔާއެވެ. މިއީ ލޯނު އިންޓްރެސްޓާއެކު 20 އަހަރުން އަނބުރާ ދައްކާގޮތަށް ބަހާލާ އަދެދެކެވެ. ނަމަވެސް އެ އަދަދު 7000-8000 ދެމެދަށް ބަދަލު ކުރާ ވާހަކައެއް ވެސް ދެކެވުނެވެ.
ދެން އޮތީ މާލޭގެ ކުލީގެ އަދަދެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއް 15،000 އަށް ވުރެ ދަށުން ނުލިބޭނެއެވެ. ނަމަވެސް ސޯޝަލް ހައުސިންގެ ހަގީގީ މާނައަކީ އާއްމު ކުއްޔަށްވުރެ ދަށް އަދަދެއް ދައްކާ ތަން މިލްކު ކުރުމެވެ. އެހެން ކަމުން، އަމިއްލަ މިނިކަންކަމެއް ތަނަކުން ލިބުމަކީ އެއީ ހިތްހަމަޖެހުމެކެވެ.

ފްލެޓަށް ސީދާ ވަދެވޭނެ ދުވަހެއް އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް އެޗްޑީސީން މައުލޫމާތު ދޭ ގޮތުން ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ކުރިޔަށް އޮތީ އިންޓީރިއާގެ ބައެއް މަސައްކަތެވެ. ނަމަވެސް އެ މަސައްކަތަށް ބޭނުންވާ ލޯނު ނުލިބުނު ވާހަކަ ދެކެވުމާއި އެކު އެކަންވީ ގަބޫލުކުރަން އުނގަދޫ ވާހަކައަކަށެވެ. އެއޫ 45 މިލިއަން ރުފިޔާގެ ލޯނެކެވެ.
ލޯނު ނުލިބުމުގެ ސަބަބުން ފިނިޝިންގެ ގިނަ މަސައްކަތެއް ކުރަންޖެހެނީ އެ ފްލެޓަކަށް ވަންނަ މީހާއެވެ. އޭގެ ތެރޭގައި ޓައިލްސް ޖެހުމާއި، ފަންކާ ލުން އަދި އެހެނިގެން ބައެއް ސާމާނުތައް ގޭތެރޭގައި ބަހައްޓަންޖެހެނީ އެ މީހެކެވެ.
މިކަން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައެވެ. އަދި ވިދާޅުވީ ފްލެޓުގެ އެގްރިމެންޓު ހަދާފައިވާނީ ފިނިޝިންގެ ވެސް ހުރިހާ މަސައްކަތްތަކެއް ހމެނޭގޮތަށް ކަމަށެވެ. އެހެން ކަމުން އާއްމުންގެ މީހާއާއި ފްލެޓު ހަވާލު ކުރާއިރު ބައެއް ކަންކަން ފުރިހަމަނުކޮށް ހަވާލު ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 06 ބިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ.
އެއާއި އެކު އެޗްޑީސީން ބުނެފައިވަނީ ސީއެސްސީ ކުންފުނީގެ އެއްބަސްވުމުގައި ވާ ގޮތަށް މަސައްކަތްތަކަތްތައް ނިންމާފައިވާ ކަމަށެވެ.
ފްލެޓުތަކުގެ ކުއްޔާއި ގުޅޭގޮތުން އިދިކޮޅުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވަމުން އަންނައިރު، ފްލެޓުގެ އަގުގެ ގޮތުގައި އިއުލާނު ކުރީ 1.3 މިލިއަން ރުފިޔާއެވެ. ޑައުންޕޭމަންޓު ދެއްކުމަށްފަހު ފްލެޓުގެ ކުލީގެ އަދަދު 6000 އަށް ދައްވާނެކަމަށް ބުނި ނަމަވެސް އެކަމަށް މާބޮޑު މަސައްކަތެއް ފަހުން ނުކުރެއެވެ.
ހިޔާ މަޝްރޫއުގެ މި ފްލެޓުތަކަކީ ކޮތަރު ކޮއްޓެއް، ކުލަ ފޮއްޓެއް ނޫނީ ހިނި ހޮރެއްގެ ގޮތުގައި ވެސް ސިފަ ކުރަންވީއެވެ. ނަމަވެސް ހަގީގަތަކީ މިއީ ރައްޔިތުންގެ ހުވަފެނެއްކަމެވެ. ރަށުގައި އެންމެ ކުޑައިރުން ފެށިގެން ދިރިއުޅެމުން އައި ގޭގެ ސިޓިން ރޫމް އެކަނިވެސް މުޅި ހިޔާ ފެލްޓުގެ އެޕާޓްމެންޓުވަރު ވާނެއެވެ. ނަމަވެސް ހިޔާ ފްލެޓު ފެނި ހިތާހިތާ ޝަކުވާތަކެއް ކުރި ނަމަވެސް އެތައް އެހެން ބަޔަކު މާލޭގައި ދިރިއުޅޭ ހާލު ކައިރިން ފެނުނެވެ. އެހެން ކަމުން ޝަކުވާއެއް ނެތެވެ.
ހިޔާ ފްލެޓުން މުސްތަގުބަލެއް އޮތްތޯ ވެސް ބައެއް ފަރާތްތަކުން ވިދާޅުވިއެވެ. ނުވަތަ އިންސާނާގެ މުޅި އުމުރު ”ކުލަ ފޮއްޓެއްގެ، ކޮތަރު ކޮށީގައި“ އުޅޭނީ ކިހުނަކުންތޯ ވެސް ސުވާލު ކުރިއެވެ. ނަމަވެސް ހަގީގަތަކީ ތާއަބަދު ދަތި ހާލުގައި، ބޮލަށް ވެއްޓެން ކައިރިވެފައިވާ ޖިފުޓިއެއްގައި އުޅުމަށްވުރެ އެ ކޮތަރު ކޮށި މާ ރަނގަޅުކަމެވެ. އެއްބަޔަކަށް ކޮތަރު ކޮއްޓަކަށް ވިޔަސް، މިއީ އާއްމު ރައްޔިތު މީހާ މާދަމާ ތިމާ އަމިއްލަ ގެގޮތުގައި ބުނާނެ ގަނޑުވަރެވެ. ހަގީގަތަކީ އެއީއެވެ.

