ހިންނަވަރު ކުދިން ރާއްޖޭގައި ވެރިކަން ނުކުރާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވައިވާކަމަށާއި، ”ހިންނަވަރު ކުއްޖާއަށް“ ކެންޑިޑޭޓްކަން ދެއްވަން މަޖުބޫކުރުވި ސިޔާސީ ހާލަތު ގެނުވީ ރައީސް ނަޝީދުގެ ނުރުހުމުގައިކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީއަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
މި ގޮތުން ހުކުރު ދުވަހު ދުވަހު ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި، އެމްޑީޕީގެ ހަޔާތުގައި ރާއްޖޭގެ ވެރިކަން ދެ ފަހަރަށް ކުރެވިއްޖެކަމަށާއި، ހުރިހައި ސިޔާސީ ވާދަވެރިން ރޫޅިއްޖެކަމަށާއި، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށްކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ މި ޓްވީޓަށް ރައްދު ދެއްވައި އަލްހާން ވަނީ، ސުވާލެއް ކުރިމަތި ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދު އަދި ވެސް މަސައްކަތް ކުރައްވަނީ އެމްޑީޕީއަކީ ޖާހިލިއްޔަ ޒަމާނުގެ ގަބީލާއަކަށް ހައްދަވަންތޯ ސުވާލު ކުރެއްވިއެވެ. ފުރަތަމަ ފަހަރަށްވެސް ވެރިކަން ލިބުނީ ‘ވަޠަން އެދޭގޮތަށް’ ނަމުގައި ކޯލިޝަނަކުންކަން އަލްހާން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އަލްހާން ވިދާޅުވީ، އެ ކޯލިޝަންގެ އެއްބަސްވުން އުވައިލައްވާ މިތުރުން ހަތުރުންނަށް ހަދާ، އެންމެފަހުން އެމްޑީޕީއަށް އެ ވެރިކަން ގެއްލުނީ ރައީސް ނަޝީދު އެ ވިދާޅުވާ ވާދަވެރިން ޖުމްހޫރީ މައިދާނަށް އެއްވެ، ޖެހި ”ދުން ބަޑިއެއް“ ގެ އަޑަށް ބިރުން އެ މަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވުމުންކަމަށެވެ.
އަލްހާން ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާދެއްވި ދުވަހާއި ވިދިގެން އައި ދުވަހުގައި، ހިތްވަރާއެކު އެމްޑީޕީ މަގުމައްޗަށް ނުކުތީ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ޚުދު އަލްހާން ހުންނަވައިގެން ނެންގެވި އިސްނެގުމާއެކީކަން ރައީސް ނަޝީދު ވެސް ޤަބޫލުފުޅުކުރައްވާނެކަމަށެވެ.
އަލްހާން ވިދާޅުވީ، ރައީސް ނަޝީދު ބޭނުންފުޅުވީ އަވަސް އިންތިޚާބެއް ބާއްވަންޖެހޭނެކަމަށް ވިދާޅުވެ ޕާޓީގެ އުސޫލުތަކާއި ޚިލާފަށް 2013 ވަނަ އަހަރުގެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވަންކަމަށާއި، ނަމަވެސް ޚިޔާލުތަފާތުވެ ކާމިޔާބު ކުރެވޭނީ ރައީސް ނަޝީދު ނޫން ކެންޑިޑޭޓަކު ޕާޓީން ވާދަކޮށްގެންކަމަށް ސީދާ އެ މަނިކުފާނަށް ދެންނެވިކަމަށެވެ.
ނަމަވެސް އެކަމާ ހިތްޕުޅާނުވެގެން ޑިމޮކްރެޓިކް އުސޫލުތަކާއި ޚިލާފަށް އެމްޑީޕީގެ ޤައުމީމަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާ، ޕާޓީގެ އިންތިޚާބީ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރެއްވިކަމަށާއި، ޕާޓީ ހިސޯރު ކުރައްވައިގެން، އެހެން ބޭފުޅަކަށް ފުރުސަތުނުދެއްވާ ރައީސް ނަޝީދު އަމިއްލަފުޅަށް 2013 ގައި ޕާޓީ ޓިކެޓުގައި ވާދަކުރެއްވުމުގެ ސަބަބުން ޕާޓީއަށް އިންތިޚާބު ނާކާމިޔާބުވިކަމަށް އަލްހާން ވިދާޅުވިއެވެ.
އަދި އޭރު އެމްޑީޕީގައި ހުންނެވީ މަޤާމުގެ ހައިސިއްޔަތުން ރައީސް ނަޝީދަށްވުރެ އިސްކޮށްކަމަށްވީތީ، ޕާޓީގެ ކުރިމަގާއި ޑިމޮކްރަސީއަށްޓަކައި ފަހަތަށް ފިޔަވަޅެއް އަޅަންޖެހޭކަމަށް ފެންނަކަމަށާއި، އިބްރާހިމް މުޙައްމަދު ޞާލިޙަށް އެ ފުރުސަތު ފަހިކޮށްދެއްވައިފިނަމަ، އެމްޑީޕީއަށް އަނބުރާ ވެރިކަން ހޯދޭނެކަމަށް ރައީސް ނަޝީދަށް ދެންނެވިކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
ނަމަވެސް ކޯފާ އިސްކުރައްވައި، އެމްޑީޕީގެ ”ރިޔާސީ ޓިކެޓް ތަބަކަށްލައްވައި“، އެއްވެސް މީހަކަށް ނުދެއްވާނެކަމަށާއި ، ”ހިންނަވަރު ކުދިން“ ރާއްޖޭގެ ވެރިކަން ނުކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް އަލްހާން ފަހުމީ ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ، ދެން އައީ 2018 ކަމަށާއި، ހުކުމެއްގައި އަޅުވައި ވާދަވެރިން އެއްވެތިބެ އެޅި ފިޔަވަޅުތަކުން ރައީށް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެކަމަށެވެ. އަދި އެއަށްފަހު ރައީސް ނަޝީދު ބޭނުންފުޅުވީ 2018 ވަނަ އަހަރު ”ޕާޓީ ޕްރައިމަރީ ހައިޖެކްކުރައްވާ“ ، އެ މަނިކުފާނަށް ކުރިމަތިނުލެއްވޭނަމަ އިންތިޚާބު ބޮއިކޮޓް ކުރައްވަންކަމަށް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ، 2018 ވަނަ އަހަރުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުން އިބްރާހިމް މުޙައްމަދު ޞާލިޙަކީ ކެންޑިޑޭޓްކަމަށް ނިންމެވީ ގިނަ ބައެއްގެ މަސައްކަތާއި، އަދި އަލްހާންގެ މަސައްކަތާއެކުކަމަށެވެ. މި ގޮތުން، ”ހިންނަވަރު ކުއްޖާއަށް“ ކެންޑިޑޭޓްކަން ދެއްވަން މަޖުބޫކުރުވި ސިޔާސީ ހާލަތު ގެނުވީ ރައީސް ނަޝީދުގެ ނުރުހުމުގައިކަމަށާއި، މި ފަހަރު ވެސް ވެރިކަން ލިބުނީ ރައީސް ނަޝީދު އެ ވިދާޅުވާ ”ވާދަވެރިން“ނާއި އަތާއަތްގުޅާލައްވައި، މާފުކޮށް އެކީގައި އުޅެން ވަޢުދުވެގެންނެއްނޫންތޯއޭ ވިދާޅުވެ އަލްހާން ސުވާލު އުފައްދަވާފައިވެއެވެ. އަދި ވެރިކަންލިބުމާއެކީ ވަޢުދު އުވާލައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށްވީ ވަޢުދާއި އަހުދު އުވާލުމަށް ރެޔާދުވާލު ރައީސް ނަޝިދު މަސައްކަތް ކުރައްވަމުންދާކަމަށާއި، ރައްޔިތުންގެ މަޖިލިހުގައި އިންނަވައިގެން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލައްވައި، ހިހޫތަނުން ބޮޑު ވަޒީރެއްގެ ނަމުގައި އަމިއްލަފުޅަށް ވެރިކަމުގެ ބާރު ނަންގަވަން އެ މަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކަމަށް އެއްބާރުލުން ނުދެއްވާ ކަމީ ޕާޓީގެ ނަސީބުކަމަށާއި، އެހެން ނޫންނަމަ ދެން އޮންނާނީ ވެރިކަން ވެއްޓުންކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވަނީ މިފަހަރުވެސް ވެރިކަމަށް އައީ ޤައުމީ އިއްތިހާދުގެ ނަމުގައި ވާދަވެރިންނާއެކީ ހެދި ކޯލިޝަން އަކުންކަން ހަނދުމަނެތުނީތޯއޭ ވިދާޅުވެ ރައީސް ނަޝީދަށް ރައްދުދެއްވާފައެވެ. އަދި ރައީސް ނަޝީދާއި، ވެރިކަން ހަވާލުކުރަންޖެހޭ ސަބަބެއް ނެތްކަމަށައި، ”މަނިކުފާނު އަތްޕުޅުގައި އަލާއުއްދީންގެ ވޮއްގަނޑު އޮތީތޯ“ އޭ ވިދާޅުވެ އަލްހާން ވަނީ ސުވާލު ރައްދުކުރައްވާފައެވެ. އަލްހާން ވިދާޅުވީ ކަންކަން ކުރެވޭނީ އަދިވެސް އެމްޑީޕީއަށްކަމަށް ވިދާޅުވާނަމަ ވެރިކަމުގައި ހުންނެވި ރައީސަކީ އެމްޑީޕީގެ ރައީސެއްކަން ހަނދުމަފުޅުގައި ބެހެއްޓެވުން ބުއްދިވެރިވާނެކަމަށާއި، އެމްޑީޕީީ އަކި ރައީސް ނަޝީދެއް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.

