ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި މުޅި ދުނިޔެވެސް އެއާއިއެކު އުޅެން ދަސްކުރަންޖެހިފައިވާއިރު، ގައުމުތަކުގެ ހިންގުމުގެ މުޅި ނިޒާމް އެއްކޮށް މިވަނީ ބަދަލުކުރަން ޖެހިފައެވެ. ރާއްޖޭގައިވެސް ވަރަށް ގިނަ ދާއިރާތަކުގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބައެއް ކަންކަން ހުއްޓާލަންޖެހުނަސް، އަނެއްބައި ކަންކަން ބަދަލުތަކަކާއެކު ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކޮވިޑް-19އާއިގުޅިގެން ތައުލީމީ ދާއިރާއަށް ގެނެސްފައިވާ ބަދަލުތަކެވެ. ދަރިވަރުން ސްކޫލްތަކަށް ފޮނުވުމަކީ ރައްކާތެރިކަމަކަށް ނުވާނެކަމަށް ފާހަގަވި ހިސާބުން ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. ކުއްލިގޮތަކަށް ދިމާވި ކަމަކަށްވުމާއެކުވެސް، އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ތައުލީމީ ދާއިރާ ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ފާޑުކިޔުންތަކާއެކުވެސް ޓީޗަރުންގެ ބުރަ މަސައްކަތާއެކު އެޑިޔުކޭޝަން މިނިސްޓްރީއިން ބޭނުންވީ މިދުވަސްވަރުވެސް ތައުލީމް ފޯރުކޮށްދިނުން މެދުކަނޑާނުލުމަށެވެ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖްތިމާއީ ތަރައްގީއަށްޓަކައި ތައުލީމް ފޯރުކޮށްދިނުން އެއްކޮށް މެދުކަނޑާނުލެވޭނެކަމަށް މިނިސްޓްރީއިން އައީ ބުނަމުންނެވެ.
ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި ގެންގުޅުނީ ދެގޮތެކެވެ. އެއީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ކުރިއަށްގެންދިޔަ ޓެލިކިލާސްތަކާއި ގޫގްލް ކްލާސްރޫމްގެ އެހީގައި ނަގައިދެމުންދިޔަ ފިލާވަޅުތަކެވެ. މިކަންކަން ކުރަމުންދިޔައިރު ގޮންޖެހުންތަކެއްވެސް ހުއްޓެވެ. ފާޑުކިޔުންތަކެއްވެސް ހުއްޓެވެ. މިކަމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ބައެއް ގެތަކަށް ޓެލިކިލާސްތަކުގެ ޗެނަލްތައް ނުލިބުމާއި ގޫގްލް ކްލާސްރޫމްތަކުގައި ބައިވެރިވެވޭނެ ގޮތެއް ބައެއް ދަރިވަރުންގެ ނެތްކަން ފާހަގަކުރެވިގެންދިޔައެވެ. އިންޓަނެޓުގެ ޚިދުމަތުގެ އަގުބޮޑުވުންފަދަ ކަންކަންވެސް ހުއްޓެވެ. އާންމުންގެ ފާޑުކިޔުންތަކާއެކުވެސް ޓެލިކިލާސްތަކާއި ގޫގްލް ކްލާސްރޫމް މެދުވެރިކޮށް ނަގައިދެމުންދިޔަ ފިލާވަޅުތަކަށް ޓީޗަރުންނާއި ބެލެނިވެރިން އަދި ޚާއްސަކޮށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.

ކޮވިޑް-19އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި މުސާރަ ކުޑަވެ، މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުންނެވެ. ޓީޗަރުންނަށްވެސް މިގޮންޖެހުމާއި ވަނީ ވަރަށް ބޮޑަށް ކުރިމަތިލާމން ޖެހިފައެވެ. ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދެމުންދާ ޓީޗަރުންގެ މުސާރަ ކުޑަނުކުރާނެކަމަށް ރައީސް ވައުދުވެވަޑައިގެންފައިވީ ނަމަވެސް، ސަރުކަރު ސްކޫލްތަކުގައި މަސައްކަތްކުރައްވާ ޓީޗަރުންނަކީ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންނަށް ސްކޫލް ގަޑިން ބޭރުގައި ޓިޔުޝަން ކްލާސްތައް ނަގައިދޭ މީހުންނެވެ. ޓިޔުޝަން ކްލާސްތައް ބަންދުކުރަން ޖެހުމާއެކު މިކަންވެސް ހުއްޓުމަކަށް އައެވެ. ބައެއް ޓީޗަރުން އޮންލައިންކޮށް ކްލާސްތައް ނަގައިދެމުން ދިޔަނަމަވެސް ޖުމްލަކޮށް މުޅި ގައުމުގެ އިގްތިސާދީ ހާލަތަށް ބެލުމަށްފަހު ގިނަ ޓީޗަރުން ވަނީ ޓިޔުޝަން ފީތައް ވެސް ކުޑަކޮށްފައެވެ.
ދެން އޮތީ ޕްރައިވެޓް ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންނާއި އެސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ވާހަކައެވެ. ޕްރައިވެޓް ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ މުސާރައަކީ ދަރިވަރުންގެ ފީގެގޮތުގައި ސްކޫލްތަކަށް ލިބޭ އެއްޗަކުން ޓީޗަރުންނަށް ދޭ އެއްޗެކެވެ. މުވައްޒަފުންގެ މުސާރައިގެ އިތުރަށް ، ޕްރައިވެޓް ސްކޫލްތަކުގެ ތެރެއިން ޕްރީ ސްކޫލްތައް ހިންގާ އިމާރާތަށް ދައްކަން ޖެހޭ ކުލިވެސް ދައްކަމުން އަންނަނީ ގިނަ ފަހަރަށް ދަރިވަރުންގެ ފީތަކުން ލިބޭ އެއްޗަކުންނެވެ. އެހެންނަމަވެސް، ބެލެނިވެރިންގެ މާލީ ހާލަތު ދަށްވެގެން ދިޔުމުގެ ނަތީޖާއަކަށްވީ ދަރިވަރުންގެ ފީތައް ދެއްކުން މަޑުޖައްސާލަން ޖެހުމެވެ. މިއާއެކު ސްކޫލްތަކުގެ ޕޭ ރޯލްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ސްކޫލްތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލީހަށް މިނިސްޓަރ ހާޒިރުކޮށް ޓީޗަރުންގެ މުސާރައާއި ބެހޭގޮތުން ސުވާލުކުރުމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވަނީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެނައުމަށް ޕޭ ކޮމިޝަނާ ހިއްސާކުރައްވާފައި ވާނެ ކަމަށް އޭރު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، ކޮވިޑް-19އާއި ގުޅިގެން ފިނޭންސް މިނިސްޓްރީއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައިގެ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތައް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެމަސައްކަތް އެއްކޮށް ހުއްޓާލަން ނިންމާފައިނުވާކަމަށް ވަނީ ބުނެފައެވެ. މިޚަބަރާއެކު ގިނަ ޓީޗަރުން ވަނީ މިކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މުސާރަ ބޮޑުވާނެކަމުގެ ހުވަފެނުގައި ކުލަ ޖެހެން ފަށައި، އެހެންނަމަވެސް އެކަމަށް މަޑުޖެހުމެއް އައިސް ދެން އެކަން އަލުން ވާނެ ދުވަހެއް ނޭންގޭތީ ޓީޗަރުން އަންނަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއީ ކޮވިޑް-19 އާއެކު ތައުލީމީ ދާއިރާއަށް ޚާއްސަކޮށް ޓީޗަރުންނަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. އެހެންނަަމަވެސް، ޓީޗަރުން އަދިވެސް އަންނަނީ އެޑިޔުކޭޝަން މިނިސްޓްރީއިން އެއިރެއްގައި އަންގަމުންދާ ގޮތަކަށް ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދެމުންނެވެ. ޖުލައި މަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާއިރު އެކަމަށްވެސް ތައްޔާރުވަމުންނެވެ. ގޮންޖެހުންތަކަކާއެކުވެސް ދަރިވަރުންނަށް ”ނިއު ނޯމަލް“ގައި ތައުލީމް ފޯރުކޮށްދިނުމުގައި ތައްޔާރުވަމުންނެވެ.

