ދިވެހި ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(ޑީއާރްޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
މިކަން ހާމަކޮށް ޑިއާރްޕީން ކުރި ޓްވީޓެއްގައި ބުނީ، ދިވެހި ސިފައިންނަށް ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ގޮވާލައްވައި، ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުމަށް ޖާބިރު ނިންމަވާފައިވާކަމަށެވެ.
މި ގޮތުން ޖާބިރު ހުށަހަޅުންވަން ނިންމަވާފައިވާ ޤަރާރުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އެއަރޕޯޓެއް އޮތްއިރު، ފްލައިޓެއްނެތްކަމަށާއި ހެލިކޮޕްޓަރެއްނެތްކަން ފާހަގަކުރައްވާފައިވާކަމަށް ޑީއާރްޕީގެ ޓްވީޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ޤަރާރަކީ ސިފައިންނާއި ފުލުހުންގެ ކަރާމާތަށް އުނިކަންގެއްލޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ބަސްނުބުނުމަށާއި، ސިފައިންނާއި ފުލުހުން ޤައުމަށްޓަކައިވާ ޤުރުބާނީ ފާހަގަކުރުމަށް ގޮވާލައްވާ ހުށަހަޅުއްވަން ނިންމަވާފައިވާ ޤަރާރެއްކަމަށް ވެސް ޑީއާރްޕީން ބުނެފައިވެއެވެ.

