މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއިއެކު ސިޔާސީ މަސައްކަތް ކުރާ ތަން ދެން ފެނިގެން ނުދާނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގިރާމުގައި ޑރ ޖަމީލް އަލުން ޕީޕީއެމްއާއި ގުޅިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއިއެކު މަސައްކަތް ކުރައްވަން ފައްޓަވާފައިވާއިރު އެމްޑީޕީއާއި ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ކުރައްވަފާނަންތޯ ސުވާލު ކުރުމުން ޑރ ޖަމީލް ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް އެމްޑީޕީގެ މެމްބަތެއްގެ ގޮތުގައި ހަރާކްތެރިވެ ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި އަދި އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.
ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީއާއިއެކު މަސައްކަތް ކުރައްވާ މަންޒަރު ފެނިދާނެތޯ ސުވާލު ކުރުމުން ޑރ ޖަމީލް ވިދާޅުވީ އެމްޑީޕީގެ ފިކުރުކަކީ އެމަނިކުފާންގެ ފިކުރު ނޫން ކަމަށާއި އެހެން ކަމުން ކުރިއަށްތަނުގައި ކޯލިޝަނެއްގެ ތެރެއިން ވިޔަސް އަދި އެހެން ގޮތަކަށް ކަމަށް ވިޔަސް އެމްޑީޕީއާއި ގުޅިގެން އެމަނިކުފާން ސިޔާސީ މަސައްކަތް ކުރައްވާތަން ދެން ފެނިގެން ނުދާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
މީގެއިތުރުން 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓަށް ވާދަ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވަންތޯ ސުވާލު ކުރުމުން ޑރ ޖަމީލް ވިދާޅުވީ އެ ވާހަކަތައް ދައްކަން އަދި މާ އަވަސް ކަމަށެވެ. އެގޮތުން ޑރ ޖަމީލް ވިދާޅުވީ މިވަގުތަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްވަށް ނުހައްގު ދައުވާތަކެއް އުފުލައިގެން ސިޔާސީ ބަދަލު ހިފުމެއް ހިފަމުންދާ ދުވަސްވަރެއް ކަމަށާއި އެހެން ކަމުން 2023 ވަނަ އަހަރުގެ ވާހަކަ އޮތީ މާ ދުރުގައި ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ ހައްގު ގޮތުގައި އިންސާފުން ކުރިއަށްދާ ކަންތައްތަކެއް ކަމަށް ރާއްޖޭގެ ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި އެހެން ކަމުން ފުލުހުންގެ މުއައްސަސާގެ ތެރެއިންނާއި އަދި ކޯޓުތަކުގެ ތެރެއިން ނުހައްގުން ހިނގަމުންދާ ކަންކަން ހުއްޓުވުމަށް ރައްޔިތުން އިހުތިޖާޖަށް ނިކުންނާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގައި ކަންކަން ގޮސްފައިވާ ހިސާބަކީ ސިޓީ ފޮނުވައިގެން ކަންކަން ހައްލުވާ ވަަރށްވުރެ މާ މައްޗަށް ކަމަށާއި ގިނަ ދުވަހެއް ނުވެ ރައްޔިތުން މަގުމައްޗަށް ނިކުންނާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
މީގެއިތުރުން ދައުލަތުން ރައީސް ޔާމީން މައްޗަށް އެންމެ ފަހުން އުފުލި ދެ ދައުވާ ކަމަށްވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާއި މަނާލޯންޑްރިންގގެ ދައުވާއަކީ ވެސް ސިޔާސީ ބަދަލުހިފުމެއް ކަމަށާއި އެއީ އިންސާފްވެރި މިނިވަން ދައުވާއެއް ނޫން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި އެންމެ ފަހުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއަކީ ވެސް ކަންތައްތަކެއް ފޮރުމުވުމުގެ ބޭނުމުގައި އުފުލާފައިވާ ދެ ދައުވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

