ގޭންގް ރޭޕާއި ގުޅިގެން ފުލުހުންވަނީ ނުފޫޒުގައިޖެހި ވާޖިބުން އެއްކިބާވެފައިކަން ހާމަވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވެފައިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިނގާފައިވާކަމަށް ބުނާ ރޭޕް ކޭސްގައި ތުހުމަތުކުރެވުނު ދެ ދިވެހި ފިރިހެނުން ބަނގުރަލަށް ޓެސްޓުނުކުރާކަމަށް ހާމަކޮށްފައިވަނިކޮށެވެ. އެ މައްސަލައިގައި ތުހުމަތުވާ 39 އަހަރުގެ ދެ ދިވެހިން ބަނގުރަލަށް ޓެސްޓުނުކުރާކަމަށް ފުލުހުން ހާމަކޮށްފައިވަނީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި ގޮތުން މި ކަމަށް ފާޑު ވިދާޅުވެ ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލހުންގެ ލީޑަރޝިޕަށް އިތުބާރުކުރު މަދުބައެއްގެ އިތުބާރު މިހާރު ގެއްލިފައިވާކަމަށެވެ. އަދި ގޭންގް ރޭޕާއި ގުޅިގެން ފުލުހުންވަނީ ނުފޫޒުގައިޖެހި ވާޖިބުން އެއްކިބާވެފައިކަން ހާމަވެއްޖެކަމަށް ވެސް، ޖަމީލް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޖަމީލް ވަނީ ތުހުމަތު ކުރެވުނު މީހުންގެ ޔޫރިންވެސް ނުނަގައި މަސްތުނުވާކަށް ނިންމީ ކޮން ޤާނޫނީ ހަމައަކުންކަމަށް ވިދާޅުވެ ސުވާލު ވެސް އުފައްދަވާފައެވެ.
ޖަމީލް ވިދާޅުވީ، އެ ކަމަކީ ފުލުހުންގެ މުޢައްސަސާގައި ދާއިމަށް ޖެހުން ލައްގަނޑެއްކަމަށާއި، ޣައިރު ޤާނޫނީ އަމުރަށް ތަބާވާ ފުލުހުން ވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވުމުން ނޫނީ، ޤާނޫނީ ޙުކުމް މި ޤައުމުގައި ދުވަހަކު ވެސް ނުހިނގާނެކަމަށެވެ. މީގެ އިތުރުން ޖަމީލް ވަނީ ފުލުހުންގެ ދަރަޖަ އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިގެންނުވާނެކަމަށް ވެސް ވިދާޅުވެފައެވެ.
ޖަމީލް ވަނީ، ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ހަދަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ރިޒް ކުންފުނީގެ ބިދޭސީންނަށް މުސާރަނުދީ އެތައް ދުވަހަކު ގެންގުޅެފައިވާ މައްސަލައާއި ބެހޭގޮތުން ވެސް ފާޑުވިދާޅުވެފައެވެ.
މި ގޮތުން ޖަމީލް ވަނީ، ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މުޙައްމަދުގެ ފޮޓޯއެއް ޓްވީޓްގައި ހިމަނުއްވަވައި، މިފަހަރުވެސް އެމްޑީޕީ މެންބަރަކަށްވުމުން މިނިވަންކަމާއެކު ފުލުހުންނަށް މި މައްސަލަ ބެލޭނެކަމާމެދު ސުވާލު އުފައްދާފައެވެ. ޖަމީލް ވަނީ، މުސާރަ ނުދީ އެތައް ދުވަހަކު ގެންގުޅުމާއި، ވެރިފަރާތަށް ލިބުނު ގެއްލުމާއި، މަކަރާއި ހީލަތް ހެދުމާއި، ދިވެހިން ރަހީނުކޮށް ޖަރީމާ ހިންގަން މެދުވެރިވި ސަބަބާއި، މި ކަންތައްތަކުގައި ޒިންމާ އުފުލޭނެ މީހަކު ހޯދޭނެކަމުގެ ޔަޤީންކަމެއްނެތްކަމަށް ވެސް ވިދާޅުވެފައެވެ.

