ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައިނުވަނީ ޔޫކޭގެ ރައްކާތެރިކަމުގެ މިންގަނޑަށް އަދި ނުފެތޭތީ ކަމަށް ބްރިިޓިޝް ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.
ބްރިޓިޝް ހައި ކޮމިޝަނުން މިފަދައިން ބުނެފައިމިވަނީ ރައްކާތެރިކަމުގެ ގައުމުތަކުގެ ލިސްޓިގައި ރާއްޖެ ހިމެނިފައި ނެތުމާއި ގުޅިގެން ގިނަ ބަޔަކު އެކަމާއި ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ޓުއަރިޒްމް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ އިސްވެރިންވެސް ވަނީ ހާޒިރުކޮށްފައެވެ. ކޮމިޓީ ބައްދަލުވުމުގައި ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމީ ވަރަށް ފަހުން ކަމަށާއި ލިސްޓުގައި ރާއްޖޭގެ ނަން ނެތީ ރާއްޖޭގެ ހާލަތު ގޯސްވުމުން ނޫން ކަމަށެވެ. އަދި ދާދި ފަހުން ބައިނަލްއަގްވާމީ ފަތުރުވެރިންގެ ޖަމިއްޔާއާގެ ބައްދަލުވުމުގައިވެސް ރާއްޖެއިން ކޮވިޑް-19އާއި ދެކޮޅާށް އަޅަމުންދާ ފިޔަވަޅުތައް ރަނގަޅުކަން ފާހަގަކޮށްފައިވާާ ކަމަށާއި މިސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލާ އެއް ގައުމުގެ ގޮތުގައި އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްވެސް ރާއްޖެ ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ބްރިޓިޝް ހައި ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ބަޔާނުގައި ވަނީ ޔޫކޭގެ ގްލޯބަލް ޓްރެވެލް އެޑްވައިޒަރީއަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ކޮންމެހެން ކުރަންޖެހެ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި 59 ގައުމެއް ފާހަގަކޮށްފައިވާއިރު، މިއިން ގައުމަކަށް ދަތުރުކޮށް އެނބުރި ޔޫކޭއަށް ދިޔުމަށްފަހު އައިސޮލޭޓްވާން ނުޖެހޭނެ ކަމަށެވެ. މިލިސްޓުގައި ހިމެނޭ ގައުމުތައް ފިޔަވައި އެހެން ގައުމަކަށް ގޮސްފިނަމަ، ސެލްފް އައިސޮލޭޓް ވާން ޖެހޭނެކަމަށް ޔޫކޭއިން ވަނީ އަންގާފައެވެ.
ރައްކާތެރިކަމަށް ކަނޑައަޅައި ގައުމުތަކުގެ ލިސްޓަށް ގައުމުތައް އިތުރުކުރަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުކަމަށް ވަނީ ބުނެފައެވެ. އެގޮތުން ގައުމުގައި ވައިރަސް ފެތުރެމުންދާ މިންވަރާއި، ގައުމަށް އެތެރެވުމުގައި ބަލައި މިންގަނޑުތަކާއި، ގައުމުގައި ދީފައިވާ ލުއިތަކާއި، ދަތުރުފަތުރުގެ ޚިދުމަތްތަކާއި ކަރަންޓީނުގެ ޚިދުމަތްތަކުގެ އިތުރަށް ސިއްހީ ފަރުވާގެ ކަންކަން ހުރިގޮތަށްވެސް ބަލާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެެވެ.
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ ވިދާޅުވީ ޕެންޑަމިކްގެ ހާލަތުގައި ރާއްޖެގައި ހުންނެވިއިރު ރާއްޖެއިން ކޮވިޑް-19އާއި ދެކޮޅަށް އަޅަމުންދިޔަ ފިޔަވަޅުތައް ފެނިފައިވާ ކަމަށެވެ. އަދި ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޓެސްޓު ކުރުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ކަންކަން ވަރަށް ފުރިހަމައަށް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި ފަތުރުވެރިންނަށްވެސް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށާއި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ފާއިތުވެދިޔަ ހަފްތާތަކުގައި ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ހައި ކޮމިޝަނަރ އިތުރަށް ވިދާޅުވީ ޔޫކޭގެ މިންގަޑުތަކަށް ރާއްޖެ ފެތޭނެ ދުވަހަކަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއިން ދެމުންދާ ލުއިތަކާއި ފަހު ބޯޑަރުތައް ހުޅުވާލުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު އަންނަނީ ހިއްސަ ކުރަމުން ކަމަށާއި އެކަމަށް ޝުކުރު ދަންނަވާ ކަމަށްވެސް ހައި ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.

