ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިން ކުށް ސާބިތުވެ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ފަސް މިލުޔަން ޑޮލަރު ހަސް ދުވެހުގެ ތެރޭގައި ދެއްކުމަށް ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފަސް މިލުޔަން ޑޮލަރު ދައުލަތަށް ދައްކާފައި ނުވާތީ ދައުލަތުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަލަން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމުގައި ބުނެފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގިނަ ނުކުތާތަކެއް ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ޝަރީޢަތުން ފާހަގަ ކޮށްފައިވާ ގޮތުގައި އެމްއެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމާއި، ރައީސް ޔާމީންގެ އެކައުންޓަށް ޖުމްލަ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ ޗެކަކުން ފައިސާ ޖަމާކޮށްފައިވާކަމަށެވެ.އަދި އެ ފައިސާއިން މަންފާ ހޯދުމަށް އެމްއައިބީގައި އޮންނަ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަން ޝަރީޢަތުން ވަނީ ފާހަގަ ކޮށްފައެވެ.
ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެހެން ފަރާތެއް މެދުވެރިކޮށް ހޯދި ފައިސާކަމާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދައުވާ ލިބޭ ފަރާތަށް އެނގޭ ކަމާއި، އެ ފައިސާއަކީ ކެމްޕެއިން ފައިސާ ނޫންކަން އަދީބުގެ ހެކިބަހުން އެނގޭ ކަމަށާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އޭސީސީން ދައުވާލިބޭ ފަރާތަށް އަންގާފައިވާކަމާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވިސްނާލުމުންވެސް އެނގޭ ކަމާއި، ކުށްކޮށްގެން ހޯދާފައިވާ ފައިސާއިން މަންފާ ނަގަމުން ދިޔުމާއި އެ ފައިސާގެ އަސްލު އޮޅުވާލައިފާކަން އެންގެން އޮތް ކަން ވަނީ ފާހަގަ ކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

