ފުލުހުންގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސް މަޤާމުތަކަށް ބަދަލުތައް ގެނެސްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމާއި، ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމާއި، ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންގެ ހެޑްގެ މަޤާމުގެ ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ދަށުން ހިންގަމުންދާ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަޤާމަށް ބޭފުޅުން ވަނީ ޢައްޔަންކުރައްވާފައެވެ.
ފުލުހުން ބުނީ މި މަޤާމުތަކަށް ބަދަލުތައް ގެނައީ، 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ރާވައިފައިވާ ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން ގެ ދަށުންކަމަށާއި، ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ.
މި ގޮތުން، ފުލުހުން ބުނީ، ކޮވިޑް-19 އާއި ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމުގައި ހުންނެވި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ޢައްޔަންކުރައްވާފައިވަނީ، ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށްކަމަށެވެ. މީގެ އިތުރުން ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުކަމަށާއި، ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންގެ ހެޑްގެ މަޤާމަށް ޢައްޔަންކުރެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މަޤާމުތަކުގެ އިތުރަށް، ކޮވިޑް-19 އާއި، ގުޅިގެން އެންއީއޯސީގައި ފުލުހުން އަދާކުރަމުންދިޔަ ދައުރު ނިމުމާއި ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ޢައްޔަންކުރައްވާފައިވަނީ، ކުރިން ހުންނެވި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑްގެ މަޤާމަށްކަމަށާއި، ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ދަށުން ހިންގަމުން އަންނަ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ކުރިން ހުންނެވީ، ރިސޯސް މެނޭޖްމަންޓްގެ ހެޑް މަޤާމުގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ޑިވިޜަނަލް ޕޮލިސް ކޮމާންޑު ހިންގުމާ ވަގުތީގޮތުން ހަވާލުވެގެންކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ދަށުން ހިންގަމުން އަންނަ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަޤާމަށް ޢައްޔަންކުރެއްވި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ކުރިން ހުންނެވީ ނޮދަރން ޑިވިޜަންސްގެ ހެޑްގެ މަޤާމުގައިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

