ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
މި ބިލު ހުށަހަޅުއްވަން ނިންމާފައިވަނީ، އެކިއެކި މުޢާމަލާތްތަކާއި ގުޅިގެން މުދަލުގެ މައްޗަށް މުޢާމަލާތްތަކަށް އިސްކަންދިނުމުގެ ޤާނޫނުއަސާސީއާއި އެއްގޮތްވާގޮތުގެ މަތިން ބިން ރަހުނުކޮށް އެގޮތުގެމަތިން ކަށަވަރުކޮށްދޭ މުޢާމަލާތްތަކަށް ރައްކާތެރިކަންދިނުމުގެ އުސޫލު ޤާއިމުކުރުމަށްކަމަށް ޖާބިރު ހުށަހަޅުއްވަން ނިންމަވާފައިވާ ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބިމުގެ މައްޗަށް ރަހުނު ޤާއިމުކޮށްފައިނުވާ އަދި އެގޮތުން ޑިއު ޑިލިޖަންސްގެ ޒަރީޢާއިން ތަން ގަނެވޭނެ މުޢާމަލާތަކަށްނުވާ ހާލަތުގައި ބިން ވިއްކާ ފަރާތާއެކު، ހެޔޮނިޔަތުގައި ބިން ގަންނަ ފަރާތްތަކަށް އެކަށޭނަ ޤާނޫނީ ރައްކާތެރިކަންދިނުމުގެ ގޮތުންކަމަށް ވެސް ޖާބިރުގެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ޖާބިރުވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ ފަހަތަށް މާއްދާތަކެއް އިތުރުކުރުމަށް ހުށަހަޅުއްވާފައެވެ. މި ގޮތުން ޖާބިރު ހުށަހެޅުއްވި މާއްދާތަކުގެތެރޭގައި، ބިން ވިއްކުމުގެ އަޤްދެއްކުރެވޭއިރު، ބިމުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ އެބިމުގެ މައްޗަށް ޤާޢިމުކުރެވިފައިވާ ރަހުނެއް އޮތްނަމަ އެ ބިން ވިއްކޭނީ ބުނެވުނު ރަހުނުގެ މައްސަލަ ނިންމުމަށްފަހުކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ބިން ވި ވިއްކުމުގެ އަޤްދެއްކުރެވޭއިރު، ބިން ވިއްކާ ފަރާތުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއްނެތްނަމަ، އެ ބިމުގެ މިލްކުވެރިކަން ގަންނަ ފަރާތަކަށް ބަދަލުކޮށްދިނުމުގެ އެންމެހައި އިޖުރާޢަތުތައް ކަމާބެހޭ ފަރާތްތަކުން ފުރިހަމަކޮށްދޭންވާނެކަމަށް ބުނާ މާއްދާއެއް ވެސް ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ ފަހަތަށް މި މާއްދާތައް އިތުރުކޮށް ޤާާނޫނުގައި ދެންހުރި މާއްދާތައް ތަރުތީބުކުރަންވާނެކަމަށް ވެސް ޖާބިރުގެ ބިލުގައި ބުނެފައިވެއެވެ.

