އެއްވެސް ތަފާތު ކުރުމެއް ނެތި، ޖިންސީ ގޯނާގެ ހުރިހާ މައްސަލަތަކެއް ވެސް ބަލާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް ރިޕޯޓު ކުރާ ރޭޕް ކޭސްތަކާއި، ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އަދި އެ މައްސަލަތަކަށް ކަމާއި ބެހޭ އިދާރާތްތަކުގެ މާބޮޑު ސަމާލުކަމެއް ނުލިބޭކަމަށް ބުނެ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންނެހަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދެ ފިރިހެނެއް ހައްޔަރުކުރުމަށް މަހު، ހައްޔަރުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެން ކަމަށް ބުނެ އެ މީހުން ވަނީ ދޫކޮށްލާފައެވެ. އަދި އޭގެ ތެރެއިން އެކަކު އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިމީހާކަމަށް ވާހަކަ ދެކެވެއެވެ. މި މައްސަލަ އޮއްބާލުމަށް ބާރުގަދަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވެސް ގަދައެވެ.
ޖިންސީ ގޯނާގެ އެކި މައްސަލަތަކާއި އެކު، މި ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މިއީ ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާއިރު، އެކަމަށް ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ. އެއީ ބައެއް މައްސަލަތަކަށް ސާމާލުކަން ދެވި، އަވަސް ފިޔަވަޅު އެޅުމެވެ.
މިހާރު ނޫހުގެ ދަށުން ހިންގާ، ދަ އެޑިޝަންގެ އަންހެން ނޫސްވެރިއަކަށް ރައީސް އޮފީހުގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހުންނާއި، ރައީސް އޮފީހަށް ހުށަހެޅި މައްސަލައިގެ އެއްވެސް އަޕްޑޭޓެއް ނުލިބެއެވެ.
މައްސަލަތަކާއި، އެކު އެޑިޝަންގެ ނޫސްވެރިޔާ ވަނީ ފުލުހުންނާއި، ރައީސް އޮފީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވާ ތަހުގީގު ކުރެވެނީ ވަކި ވަކި މައްސަލަތަކެއް ތޯ ސުވާލު ކުރައްވާފައެވެ. އަދި ޖަވާބުގައި މިއަދުގެ ވަގުތެއްގައި ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މައްސަލަ ކުރިޔަށްދާ ކަމަށާއި، އެ މައްސަލަ ވީހާވެސް އަވަހަށް ނިންމުމަށް ފުލުހުންނަށް އިރުޝާދު ދީފައިވާ ކަމަށެވެ.
https://twitter.com/MohamedNasheed/status/1281516498440163329
ސީޕީ ހަމީދުގެ އެ ޓްވީޓު ރީ ޓްވީޓު ކުރައްވާ ރައީސް ނަޝީދު ވަނީ ހަމީދުއަށް ޝުކުރު އަދާކޮށް އެއްވެސް ތަފާތު ކުރުމެއް ނެތި މައްސަލަތައް ކުރިޔަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް ޖިންސީ ގޯނާގެ އެތައް މައްސަލައެއް ފެންމަތިވާއިރު، ބައެއް އިސްވެރިންނާއި މަގާމުތަކުގައި ތިބި އިތުރު ބައެއް މީހުންގެ މައްޗަށް ވެސް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ.

