ދިވެހި ގައުމާއި ބެހޭ ކޮންމެ މުހިންމު ނިންމުމެއް ނިންމާއިރު އޭގެ ތެރެއަށް ބޭރުގެ އެއްވެސް ބައެއްގެ ނުފޫޒެއް ވަދެގެން ނުވާނެ ކަމަށާއި އަދި އެ ނިމުމުން ދިވެހި ގައުމުގެ މިނިވަންކަމަށް އެއްވެސް ބުރަލެއް އައިސްގެން ނުވާނެ ކަމަށް ކުރީގެ ރައީސް، އަދި އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، މިނިވަން ކަމަކީ އޭގެ ތެރޭގައި ވަރަށް ގިނަ މަހްފޫމްތަކެއް ހިމެނޭ ކަމެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ކަމަކީ، ދިވެހިންގެ ސަރަހައްދުގެ މައްޗަށް ނުވަތަ މި ދިވެހި ރާއްޖޭގެ ރަށްތަކާއި، ފަޅުތަކާއި ކަނޑުތަކުގެ މައްޗަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ބާރު އޮތުން ކަމަށެވެ. އަދި އޭގެއިން އެއްވެސް ބައެއް ބޭރު ބައެއްގެ އަތް މައްޗަށް ނުދިއުން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހި ގައުމާއި ބެހޭ ކޮންމެ ކަމެއް ނިންމާއިރު އެކަމަކީ ދިވެހި ރައްޔިތުންނަށް ފައިދާ ކުރާ އަދި ދިވެހިންގެ ފުރިހަމަ މަސްލަހަތު އޮންނަ ދިވެހިން ގަބޫލު ކުރާ ހަމަތަކާއި އުސޫލުތަކުގެ މަތީން މިނިވަންކަމާއި އެކު ކޮންމެ ރައްޔިތަކަށް ވެސް އުޅެވޭ ކަންތަކަކަށް ވާން ޖެހޭނެ ކަމަށެވެ. ގައުމުގެ ގޮތްތައް ނިންމާއިރު، އެއީ އެތެރޭގެ އަދި ބޭރުގެ ނިންމުމެއް ކަމަށް ވިޔަސް އޭގެ ތެރެއަށް އެހެން އެއްވެސް ގައުމެއްގެ ނުފޫޒެއް އައިސްގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މި އަސާސްތަކުގައި ހިފައިގެން ކުރިޔަށްދާނަ މާތްﷲ ގެ ރަހުމަތުން މި ގައުމު އޮންނާނީ އަބަދު ވެސް މިނިވަން ފުރިހަމަ ގައުމެއްގެ ގޮތުގައިކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ. ދިވެހި ގައުމު ހިމާޔަތްކޮށް ވަރުގަދަ ކުރުމުގައި ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ދައުރު ވަރަށް ބޮޑު ކަމަށާއި، އެކަމަށް ވަކާލާތު ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.
ދިވެހި ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރި، 56 ވަނަ އަހަރާއި ކުރިމަތިލީއިރު އޭގެ ތެރޭގައި ހިމެނޭ 30 އަހަރު އެއީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްތައް ކަމަށާއި، ގައުމެއްގެ މިނިވަންކަން ހިފެހެއްޓުމުގައި އަންނާނެ ހުރައްތައް ވެސް އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ގޮންޖެހުންތައް އަންނާނެ ކަމަށާއި، އެކަންތަކަށް އަބަދުވެސް ތިބެންޖެހޭނީ ތައްޔާރަށް ކަމަށެވެ.

