ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް އެ ކުންފުނީގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފިއެވެ.
39 އަހަރު އެމްއޭސީއެލްއަށް ހިދުމަތް ކުރެއްވި މޫސާ ސޯލިހް ކުންފުނީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރުކަމަށް ވަޑައިގެންފައިވަނީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ތަފާތު އެކި މަގާމުތައް ފުރުއްވުމަށްފަހު އެވެ. މޫސާ ސޯލިހް އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވެވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބަށްފަހު އޭރު މަގާމުގައި ހުރި އާދިލް މޫސާ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމަށް ވަޑައިގެންނެވިއިރު، ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގައެވެ. އެއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 14 ގައެވެ.
މޫސާ ސޯލިހް ރިޓަޔާރ ކުރައްވާފައިވަނީ އުމުރުން 65 އަހަރު ވުމުންނެވެ. އެހެން ކަމުން އޭނާއަށް ކުންފުނީގެ އުސޫލުތަކުގެ ތެރެއިން މާލީ އިނާޔަތުގެ ޕެކޭޖެއް ލިބިވަޑައިގަންނަވާނެއެވެ.
އެމްއޭސީއެލްއިން މޫސާ ސޯލިހް ރިޓަޔާ ކުރެއްވިއިރު ދާދިފަހުން ކުންފުނީގެ ސީއީއޯއަކަށް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ވަނީ ހަމަޖައްސާފައެވެ.
މޫސާ ސޯލިހު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެމްއޭސީއެލުން ވަނީ ޚާއްސަ ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައި މޫސާ ސޯލިހްގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެމްއޭސީއެލްގެ މުވައްޒަފުންގެ ނަމުގައި އޭނާ އަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

