ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ކޮންޓެކްޓް ޓްރޭސިންއަށް ސައްހަ މައުލޫމާތު ނުދޭ ކަމަށާއި، ގިނަ ފަހަރަށް އެ މީހަކު ދިނީ ގޯސް މައުލޫމާތެއްކަން އެނގެނީ އިތުރު ކޭސްއެއްގެ ކޮންޓެކްޓާއި ލިކުވުމުން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއަށް ސައްހަ މައުލޫމާތު ނުދިނުން އެއީ ބަލި ކޮންޓްރޯލް ކުރުމަށް ވެސް ދިމާވާނެ އެންމެ ބޮޑު ހުރަސް ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންއެއްގެ ބޭނުމަކީ އެއީ އޭނާ އުޅުނު ގޮތާއި، ގޯސްކަމެއް ހިންގާފައިވެތޯ ބެލުމެއް ނޫން ކަމަށާއި މިއީ ބަލި ފެތުތުން ހުއްޓުވާ އިތުރު މީހުންނަށް ބަލި ޖެހުމަށް އޮތް ފުރުސަތު ކުޑަ ކުރުމަށް އެއްކުރާ މައުލޫމާތުތަކެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
”މި ތިބެނީކީ އެއްވެސް ބަޔަކު ޖަޖް ކުރާކަށް ނޫން ނޫނީ މީހަކު އުޅުނު ގޮތެއް ބަލާކަށް ނޫން. އަޅުގަނޑުމެންގެ މަގުސަދަކީ ވީހާވެސް ތަފްސީލުކޮށް އެމީހެއް ކޮންޓެކްޓުވި ފަރާތްތައް ހޯދުން. އެއީ އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް“ ޑރ. ނަޒްލާ
ސައްހަ މައުލޫމާތުތައް ހިއްސާ ކުރުމަށް އިލްތިމާސް ކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ، ބައެއް ފަހަރު އެ މީހަކު ދިނީ ގޯސް މައުލޫމާތުތަކެއްކަން ނޭނގި ވެސް ދާ ކަމަށެވެ. އެހެން ނަމަވެސް އިތުރު ބައެއް ކޭސްތައް ފެނި އެ ކޭސްއެއް ސްޓަޑީ ކުރާއިރު އެ މީހަކާއި ކުރިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ބައްދަލުވެ އެކީ މޫވްމެންޓުތަކެއް ހިނގާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްސް ޓްރޭސިންތައް ހަދާއިރު، ގިނަ ފަހަރަށް އޭނާ މައުލޫމާތުތައް ނުދިން ނަމަވެސް ހުންނަ މައުލޫމާތުތަކަށް ބަލާ އޭނާއާއި އިތުރު ކްލަސްޓާއަކާއި ގުޅުން އޮންނަކަން ނުވަތަ ލިންކެއް ވާ ކަން އެނގޭ ފަހަރު ވެސް އަންނަ ކަމަށެވެ.
ސައްހަ މައުލޫމާތުތަކާއި އެކު އެ މީހަކު ވެސް އެކަހެރި ކުރާނެ ކަމަށާއި، އަދި އެ މީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ރެޖިސްޓާރ ކުރަނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ލޮކްޑައުންގެ ލުއިތަކާއި އެކު، މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މީގ ތެރޭގައި ދިވެހީންގެ އަދަދުތައް ވަރަށް ބިޑުތަނުން މަތިވާން ފަށާފައިވާއިރު އެޗްއީއޯސީން ވަނީ ބޮޑެތި އެއްވުންތަކާއި، ޕާޓީތައް ބޭއްވުން އަދި މަސްދަތުރުތައް ރޭވުންފަދަ ކަންކަން އަދިވެސް ކުރިޔަށް ދާ ކަން ފާހަގަކުރައްވާފައެވެ. އަދި އެކަމާއި ކަންބޮޑުވުން ފާޅުކޮށް ވަނީ ކުރިޔަށް އޮތް ތަނުގައި މާލޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ރަށް ރަށުން މިހާރު މާލެއަށް އައުމުގައި އެއްވެސް ހުރަހެއް ނެތެވެ. އަދި މާލެއިން ރަށަކަށް ދާނަމަ ވަކި ހާއްސަ ހުއްދައެއް ނަގަން ޖެހޭއިރު ރަށުގައި ހޯމް ކަރަންޓީނަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވް ވުން ވެސް ވަނީ އިތުރުވެފައެވެ.

