ވެރިރަށް މާލެ ސިޓީއިން ކޮވިޑުގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ، އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. ބަލީގެ ނުރައްކާތެރި ކަމުގެ ސަބަބުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް ދުރާލާ އެޅުނެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ކޮވިޑު ބާރު ސްޕީޑެއްގައި ފެތުރިގެން އައި ގައުމުތަކުން ރާއްޖެއަށް ފަތުވެރިން އައުމުގެ ޓްރެވެލް ބޭން ނެރުން ވެސް ހިމެނެއެވެ.
އޭރު ވައިރަސް ފެތުރިގެން ދިޔަ ސްޕީޑަށް ބަލާ ބައެއް ރައްޔިތުން ވަނީ ފިޔަވަޅުތައް އެޅުނުލެއް ލަސްކަމަށް ވެސް ބުނެފައެވެ. ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތް ދޭ ރިސޯޓުތަކުން ކޮވިޑަށް ޝައްކު ކުރެވޭ މީހުން ފެނި، އެ މީހުން ބައްޔަށް ޕޮޒިޓިވްވަމުން ދިޔައިރު ރާއްޖޭގެ ރަށްތަކުން ވެސް ބަލި ފެނިދާނެތީ ދިޔައީ އެތައް ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން، ބަލި މީހުންނަށް ފަރުވާ ދޭނެ ފެސިލިޓީތައް ގާއިމް ކުރުމާއި އަދި ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި، ބައްޔަށް ޕޮޒިޓިވްވާ މީހާއާއި ކޮންޓެކްޓު ވާ މީހާ ކަރަންޓީނު ކުރުމަށް ވެސް ފެސިލިޓީތަކެއް ގާއިމް ކުރެވުނެވެ.
ހުއްޓުމެއް ނެތި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން އައިއިރު، ކޮންމެ ރެއެއްގެ ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދިޔައީ ރާއްޖޭގެ ހާލަތު ބަޔާންކޮށްދީ، ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭނެ މަސައްކަތްތަކުގެ ތަފްސީލުތައް ވެސް އާއްމު ކުރަމުންނެވެ.
އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއަށް މި ބަލި އެތެރެވިޔަ ނުދީ، ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ގިނަ ވަގުތުތަކެއް ލިބުނެވެ. އޭރުވެސް ސިއްހީ އިދާރާތަކުން އެންމެ ބާރަށް، ހަރު އަޑުން ގޮވާލަމުން ދިޔައީ ރާއްޖެ އޮތީ ވޯސްޓް ކޭސް ސިނޭރިއޯއަށް ވެސް ތައްޔާރަށް ކަމަށެވެ. އަދި ރާއްޖެއިން މި ބަލި ފެނިއްޖެ ހާލަތެއްގައި، ބަލިން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ކޮންމެ އަކަސް އަހަރު ފެށިގެން އައިއިރު، ރާއްޖެއިން ވެސް މިކަންތަކާއި ކުރިމަތި ލާން ޖެހުނެވެ. އެންމެ ފުރަތަމަ ދިމާވި އެއް ހާދިސާއަކަށް ވާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ރޭ ރޭގަނޑު ކުއްލި ގޮތަކަށް ހެލްތް މިނިސްޓްރީގައި، މިނިސްޓަރު އަމީން ހުންނަވާ ދެއްވި ޕްރެސް ކޮންފަރެންސްއެވެ. ޗައިނާއިން ދިވެހި ރާއްޖެއަށް އައި 21 އަހަރުގެ ދިވެހި ޒުވާނެއްގެ ފަރާތުން ކޮވިޑަށް ޝައްކު ކުރެވޭ އަލަމާތްތަކެއް ފެނި އޭނާ ކ. ފުނަދޫއަށް ގެންދެވުނު ގޮތެވެ. ޗައިނާގެ ޒިއަމެންއިން އައި އެ ދިވެހި ފިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވްއެއް ނުވެއެވެ. އެހެން ނަމަވެސް އެ ކޭސްގައި ކަންތައް ހިނގިގޮތް އޮތީ ވަރަށް ބޮޑަށް އޮޅުވާލާފައެވެ.

އެ ގޮތުން އެ ކޭސްގައި އޭނާ ސެނެހިޔާއާއަށް ހިނގާފައި ދިޔަކަމަށް ބުނުމާއި، ބައްދަލުވީ ކާކާއި ތޯ ސުވާލު ކުރުމުން އެ ސުވާލުތަކަށް ޖަވާބު ނުދެވުން ހިމެނެއެވެ. އަދި އެއާޕޯޓުން މާލެއަށް އައި ގޮތްތަކެއް ވެސް ސާފެއް ނުވިއެވެ. މި ފާހަގަ ކުރީ ޕޮޒިޓިވް ކޭސްއެއްގެ ވާހަކައެއް ނޫނެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު ހިނގިކަމެއްގެ ވާހަކަތެކެވެ.
އެއަށްފަހު ވީ މުއްދަތުތަކުގެ ތެރޭގައި ދޭތެރެއަކުން، މާލޭގެ އެކި ދިމާތަކުން ސާމްޕަލް ނަގަން އުޅޭތަން ފެނެއެވެ. ނުވަތަ އެހެން ހީވާފަދަ މަންޒަރުތަކެއް ފެނެއެވެ. ނަމަވެސް އެއްވެސް ވަރަކަށް އެކަން ކަށަވަރުކޮށް ނުދެއެވެ.
ރާއްޖޭގެ ރިސޯޓަކުން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މާޗު މަހުގެ 07 ވަނަ ދުވަހުއެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓެވެ. މި ކޭސްގައި ދިމާވެފައި ވަނީ، ރަށުގައި ޗުއްޓީ ހޭދަ ކުރި ފަތުރުވެރިއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނުނު ނަމަވެސް އެކަން ރިޕޯޓުނުކޮށް އަމިއްލައިން އެޓެންޑު ކުރުމެވެ. އަދި ވީހާވެސް އަވަހަށް އެ މީހާ ފުރުވާލުން ހިމެނެއެވެ.
މި ކޭސްއަށް ފަހު ރާއްޖޭގެ ރިސޯޓުތަކުން ދިޔައީ ކޮވިޑަށް ޝައްކު ކުރެވޭ މީހުން ފެންނަމުނެވެ. އެއާއި އެކު މާލެ ސިޓީން ދެން ކޮވިޑުގެ ކޭސްއެއް އޭޕްރިލް މަހު ފެނުނު އިރު ވަކި ވަގުތަތަކުގައި ކާފިއު ހިންގުމާއި، ރެސްޓޯރެންޓުތައް ބަންދުކުރުން، އަދި ސްކޫލުތަކުގެ ކިޔެވުންވެސް ބަންދުކޮށް ސަރުކާރުގެ އޮފީސްތައް ވެސް އޮތީ ބަންދުކޮށްފައެވެ.
މާލެއިން ފެންނަމުން ދިޔަ ކޭސްތައް އެންމެ ފުރަތަމަ އިތުރުވަމުން ދިޔައިރު، އޭރު ވެސް އެންމެ ގިނަ ބަޔަކު ކުރި އެއް ޝަކުވާއަކީ ބައްޔަށް ސިމްޓޮމެޓިކް ވެގެން ރިޕޯޓު ކުރުމުން ވެސް އެކަމަށް އެޓެންޑު ނުކުރާ ވާހަކައެކެވެ. އަދި ރާއްޖެއިން ބައްޔަށް ޓެސްޓު ކުރެވޭނެ ގޮތް އޭރު ހަމަޖެހިފައި އޮތް އިރު، ޓެސްޓުތަކުގެ ނަތީޖާ ލިބުން ލަސްވުން ފަދަ އެތައް ކަމެއް ހިނގައިދިޔައެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދަށާއި، ރާއްޖޭގެ ރަށްތަކަށް ވެސް އޮތީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ނުފޭބުން ހިމެނެއެވެ. އެއްވެސް ވެކްސިންއެއް ނުވަތަ، ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް ރާއްޖެއިން މީހުން ޕޮޒިޓިވްވަމުން ދިޔައީ ކަންބޮޑުވާންޖެހޭ ނިސްބަތެއްގައެވެ. އެއްވުންތައް ނުބޭއްވުމާއި އަދި މަސް ދަތުރު ދިއުން ނުވަތަ އާއިލީ ބޮޑެތި އެއްވުންތަކާއި ޕާޓީތައް ނުބޭއްވުމަށް އިލްތިމާސް ކުރަމުންދިޔައިރު ވެސް އެކަމަށް ބީރު ކަންފަތެއް ދިނުމުގެ ނަތީޖާއަކީ އެކެއްގެ އެކަނިވެސް އެތައް މޫވްމެންޓުތަކެއް ހިނގާފައި ހުރުމެވެ.
އެއްވުންތައް ނުބޭއްވުމަށް އިރުޝާދުތައް ދެމުންދިޔަ މައިގަނޑު އެއް ސަބަބަކީ، ކޮންޓެކްޓް ޓްރޭސް ކުރަން އުނދަގޫ ވުމާއި، އެ މީހަކަށް ވެސް އޭނާއާއި ބައްދަލުވެފައި ހުރި އަދި ދެވުނު ތަންތަން ހަނދާން ނެތޭ ހިސާބަށް ދިޔަ ނުދިނުމަށެވެ. އަދި އެއްވެސް ބަޔަކު ނުރައްކަލެއްގެ ތެރެއަށް ނުލުމަށެވެ. ތިމާގެ ގައިގައި ބަލީގެ އެއްވެސް އަސަރެއް ނެތް ނަމަވެސް ގްރޫޕަކާއި އެކު ދެވޭ ތަނެއްގައި މި ވައިރަހުގެ އަސަރު ހުރި އެންމެ މީހެއް ވެސް ހުރެދާނެއެވެ. އޭނާގެ ފަރާތުން ބަލި ޓްރާންސްމިޓް ވުމުގެ ފުރުސަތު އޮންނާނެއެވެ. މާލޭން އެންމެ ފުރަތަމަ ފެނުނު ކޭސްގައި ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވުނު މީހުންގެ އަދަދުތައް އޭރު ހުރީ 200 އިން މަތީގައެވެ.
ކަންދިމާކުރި ގޮތުން ލޮކްޑައުންގެ ބޮޑު މުއްދަތެއް ހޭދަ ކުރަން ޖެހުނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރޭގައެވެ. ލޮކްޑައުންއަށް އެޅި ވަރުގަދަ ފިޔަވަޅުތަކާއި އެކު، ކޮންޓެކްޓްސް ވަރަށް ބޮޑުތަނުން ދަށް ކުރެވުނެވެ. މާލޭގެ އެކި ތަންތަނުގައި ތޮއްޖެހިގެން، ދިރިއުޅެންވެސް އެކަށީގެން ނުވާ ތަންތަނުގައި އުޅެމުން އައި ބިދޭސީން ފެސިލިޓީތަކަށް ބަދަލު ކުރިއެވެ. އަދި ބައެއް ގެތަށް ފާހަގަކޮށް، އެ ތަކުން މީހުން ވަދެ ނިކުތުން މަނާކޮށް، މޮނީޓަރިންގެ ހާލަތަށް ވެސް ގެނެވުނެވެ.
މީގެ އެންމެ ބޮޑު އެއް ނަތީޖާއަކަށް ވީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުވާން ފެށުމެވެ. އަދި އެކެއްގެ ހުންނަ އެވްރެޖު ކޮންޓެކްޓްސްތަކާއި، މޫވްމެންޓުތައް ވެސް މަދުވިއެވެ. ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި އަސަރުތަކެއްކޮށް، ވިޔަފާރީތައް އެކީ ބަންދުކުރަންޖެހި ހުއްޓުމެއެއް އައެވެ. އިގްތިސޯދީ ބޮޑު ލޮޅުންތަކުގެ ތެރެއިން، ރާއްޖޭގެ މައި ދޮރާށި ބަންދުކޮށް އޮންއެރައިވަލް ވިސާތައް ދޫކުރުން މަޑުޖައްސާލަން ޖެހުނެވެ. ވިޔަފާރިތައް ބަނގުރޫޓުވެ، ރާއްޖޭގެ އެތައް ރައްޔިތަކަށް ނިކަމެތިކަން އިހުސާސް ކުރަންޖެހުނީ އައި މާލީ ދަތިތަކާއި އެކުއެވެ. ވަޒީފާތައް ގެއްލި، މުސާރަ ކުޑަކުރުން ފަދަ އެތައް ކަމެއްގެ ސަބަބުން މާލެ ދޫކޮށް އެތައް ބަޔަކު ރަށަށް ވެސް ބަދަލުވިއެވެ.

ކޮންމެއަކަސް ރާއްޖޭގެ އާމްދަނީގެ މައި ވަސީލަތަކީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމެވެ. ކޮވިޑުގެ ހާލަތުން އެކީ އަރައިނުގަނެވެނީސް، ފޭސްތަކަކަށް ބަހާލައިގެން ލުއިތަކެއް ދޭން ފެށިއެވެ. އެންމެ ފުރަތަމަ މާބޮޑެތި ބަދަލުތަކެއް ފާހަގަނުވީ ނަމަވެސް މީހުން މަގުތަކަށް ނިކުތުމާއި އަދި، ގިނަ މީހުން އެއްތަނަކަށް އެއްވެސް މަސްހުނި ވާން ފެށުމުގެ ސަބަބުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާން ފެށިއެވެ. އަދި ކޮންޓެކްޓުތަކާއި މޫވެމްނެޓުތައް ކުރިޔެކޭ އެއްގޮތަށް ބަދަލުވަމުން ދިޔައެވެ.
ރައްޔިތުން ސިއްހީ އިދާރާތަކުން ދިން އިރުޝާދުތަކަށް އެއްވެސް ބޯލެނބުމެއް ނެތި އަދިވެސް ދަނީ ޕާޓީތަކާއި މަސް ދަތުރުތައް ބާއްވަމުނެވެ. އަނެއްކާވެސް ރާއްޖެ ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ ބިރު ހީވީއިރު، އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވްވާ އިންޑިޕެންޑެންޓް ކޭސްތައް ވެސް ވަނީ އިތުރުވެފައެވެ.
ލޮކްޑައުންގެ ތެރޭގައި އާއްމުންގެ ފަރާތުން އެއްބާރުލުންތަކެއް ލިބުނު ނަމަވެސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކޮވިޑުގެ ކޭސްތަކަށް އެޓެންޑު ކުރުމަށް ގެންގުޅުނު އުސޫލުތަކަށް ފާޑުކިޔުން އާމާޒުވިއެވެ. އަދި ހާއްސަކޮށް އޭރު އޮތް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ވެސް އެންމެ ބޮޑު ފާޑުކިޔުންތައް އާމާޒުވީ ބައްޔަށް ޕޮޒިޓިވްވާ މީހާ، ވަގުތުން ކަރަންޓީނު ނުކުރުމާއި، އެ ގެއެއްގައި ތިބޭ ހައި ރިސްކު މީހުން ވެސް ކޮވިޑަށް ޓެސްޓު ނުކުރުމުގެ މައްސަލަތަކެވެ.
ކަރަންޓީނުގައި 14 ދުވަސް ފުރިހަމަ ކުރާ މީހާގެ ސާމްޕަލް ވެސް ނުނެގި ދުވަސްތަކެއް ދެއެވެ. އަދި ސާމްޕަލްގެ ނަތީޖާއްތައް ނުލިބި ވެސް ދުވަސްތަކެއް ހޭދަ ކުރަން ޖެހުނެވެ. މިއީ ނަފްސާނީ ގޮތުން އެތައް އަސަރުތަކެއް ކުރި ކަމެކެވެ. ގޭގައި ހުންނަ މީހާ ބައްޔަށް ހުށަހެޅިފައި ހުންނައިރު އެ މީހެއްގެ ސާމްޕަލްއެއް ނަގަން ނާދެއެވެ. ޓެސްޓެއް ނުކުރެވެއެވެ. ނުވަތަ އެ މީހާގެ ހާލު ސީރިއަސްވެ، ހަބަރު ހުސްވާއިރު ވެސް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. އިހުމާލުތަކުގެ ވާހަކަތައް ދައްކާނަމަ އެތައް ވާހަކައެއް ދެކެވޭނެއެވެ.
ރާއްޖެއަށް ދިމާވި މި ބަލިމަޑުކަމުގެ ތެރޭގައި، އެހެން ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ދިމާވި ދަތިތައް ވަކިން ބޮޑެވެ. ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމާއި، ރަށުގައި ހުންނަ މާބަނޑު މީހާ އަތޮޅު ހޮސްޕިޓަލަށް ދާން ހުއްދަ ދޭން އެދި އާދޭސް ކުރިއިރު ވެސް އެ ހުއްދައެއް ނުދެވުނެވެ. މީހާގެ ހާލަތު ދެރަވެގެން އެތައް ފަހަރެއްގެ މަތީން އެމްބިއުލާންސްއަށް ގުޅުމުން އެމްބިއުލާންސްއަށް އަދެވޭކަމަށް ނުވެއެވެ. ކޮންމެވެސް ކަމަކާ ބިޒީ ވަނީއެވެ.
މި ދުވަސްވަރު އަނެއްކާވެސް އެންމެގެ ސަމާލުކަން ކޮންމެ ރެއަކުވެސް ހުއްޓޭނީ، އެޗްޕީއޭއިން އެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ތަފްސީލު ހިމަނާ ކުރާ ޓްވީޓަޝެވެ. އަދަދުތައް އިތުވާއިރު އެންމެ ބޮޑަށް އަންނަ ކަންބޮޑުވުމަކީ ”ބަސް ނޭހުމެވެ“. ކުރިޔާ އެއްގޮތަށް އަމަލުތައް ބަދަލުކޮށް، މާ ބޮޑަށް ވަރިހަމަ ވުމެވެ. އަދި އެއްވެސް ފަރުވާލެއް ނެތި ބޮޑެތި އެއްވުންތަކަށް ދިއުމެވެ.

މާލޭގެ މަގުތައް ފެންނަނީ ހަލަބޮލިކޮށެވެ. ބީޗުތަކާއި، ބަގީޗާތައް ފުރިފައެވެ. ރަސްފަންނު ފުރިފައެވެ. މިހެން ގޮސް އެތައް ކަމެއްގެ ވާހަކަ ދެކެވިދާނެއެވެ. އެހެން ނަމަވެސް، އެއާއި އެކު އެޗްޕީއޭ ނުވަތަ ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރުވާ ކުޑަކަމާއި މެދު ވާހަކަ ދައްކަން ޖެހެއެވެ. ކުރިޔަށް ވުރެ ފަރުވާ ކުޑައީއެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހާ ދުވަސްތަކެއް ވަންދެން ގޭގައި ބަހައްޓައެވެ. ކަރަންޓީނު ކުރެވެނީ ގޭގައި ތިބޭ މީހުން ގުޅާ، ގުޅާ އަތް ވާޅުވާ ހިސާބުންނެވެ. އަދި އާއްމުކޮށް ސެންޓަރުގައި ހުންނަ ފޯނު ނަގާ ކުއްޖަކަށް ރީތި ބަހުން ވާހަކައެއް ދެއްކޭކަމަށް ނުވެއެވެ.
ކޮވިޑަށް ޝައްކުވާ އަލާމާތެއް ހުރެގެން ރިޕޯޓު ކުރާ މީހާއަށް ޖަވާބެއް ނުދެވެއެވެ. އަދި އައިސޮލޭޝަންގައި ހުރުމަށްފަހު، ރިލީޒް ދޭން އެދި ސިޓީތައް ހުށަހަޅާ ހުށަހަޅާ ވަޒީފާއިން ވަކު ކުރާ ހިސާބަށް ދާއިރު ވެސް އެޗްޕީއޭއަށް އެކަމަށް އެޓެންޑު ކުރެވޭ ކަމަކަށް ނުވެއެވެ.

ހަގީގަތަކީ ކަންބޮޑުވުންތައް ހުރީ ފުލު، ފުލުގައި ކަމެވެ. ކޭސްތައް އިތުރުވަމުންދާއިރު، އަދި އެޗްޕީއޭއިން ކިތަށް މީހުންނަށް އެޓެންޑު ނުކޮށް ވާނެ ބާއެވެ؟ ކިތަށް މީހުންގެ ސާމްޕަލް ނަގަން ދާނެ ކަމަށް ބުނެ ސާމްޕަލް ނުނަގާ ވާނެބާއެވެ. ގޯސް ހަދާ، މަގުތަކަށް ނިކުމެ އިހުމާލު ވަނީ ރައްޔިތުނެއް ނޫނެވެ. އެޗްޕީއޭއަކަށް ވެސް ޒިންމާއެއް އަދައެއް ނުކުރެވެއެވެ. އަދި ހަގީގަތަކީ ވެސް އެއީއެވެ. މިހާރު އަމަލުތަކުން ރާއްޖޭގައި ކޮވިޑު ބަލި ނެތްހެން ވެސް ހީވާ ކަހަކައެވެ.
ރާއްޖޭގެ ރަށްތަކަށް ހޯމް ކަރަންޓީނަށް ދާ މީހާ، ޕޮޒިޓިވްވާއިރު އަދިވެސް ރަނގަޅު މެކޭނިޒަމްއެއްގެ ދަށުން މިކަން ކުރެވެން ނެތެވެ. ދައުލަތުން ވެސް އެއްވުން ބާއްވަނީއެވެ. ”މާސްކެއް“ އަޅައިގެން ޖަލްސާތައް ވެސް ބާއްވަނީއެވެ. މަޖިލީހުގެ ޖަލްސާތައް ބާއްވަނީއެވެ. ދެން ރައްޔިތު މީހާ ވެސް ތަންތަނަށް ދަނީއެވެ. ކޮފީތަކާއި، ކެއުންތަކަށެވެ. މީގައި ހަމަ ތަފާތެއް ނެތެވެ.

